މެލޭޝިއާގެ ރާޔާ އެއާވޭސްއިން ދިވެހިރާއްޖެއަށް ޚާއްސަ ކާގޯ ދަތުރުތަކެއް މި މަހުގެ ތެރޭގައި ފަށަން ނިންމައިފިއެވެ.
ކާގޯ ފެކްޓްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދަތުރުތައް ބާއްވާނީ މެލޭޝިއާގެ އުފެއްދުންތެރިކަމުގެ މައި މަރުކަޒެއް ކަމަށްވާ ޖޯޖްޓައުންގައި އޮންނަ ޕެނަންގް އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުގައެވެ.
މިއީ ރާއްޖެއާއި މެލޭޝިއާއާ ދެމެދު މުދާ އުފުލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
ރާޔާ އެއާވޭސްއަކީ ހަމައެކަނި މުދާ އުފުލުމަށް ޚާއްސަ އެއާލައިނެކެވެ. އާންމު ފަސިންޖަރުން އުފުލުމުގެ ޝެޑިއުލް ދަތުރުތަކެއް ނުކުރާ މި އެއާލައިނަކީ އޭޝިއާ ސަރަޙައްދުގައި ވައިގެ މަގުން މުދާ އުފުލުމާއި، ކާގޯ ޗާޓަރު ދަތުރުތަކާއި، ގްރައުންޑް ހޭންޑްލިން އަދި ލޮޖިސްޓިކްސްގެ ޚިދުމަތްތަކަށް ޚާއްސަ ކުންފުންޏެކެވެ.

މި އެއާލައިންގެ ފްލީޓުގައި ހިމެނެނީ ހުސް ކާގޯ ބޯޓުތަކެވެ. އޭގެ ތެރޭގައި ބޯއިން 767 ގެ ކާގޯ ބޯޓުތަކާއި ކާގޯ އުފުލާ ގޮތަށް ބަދަލުގެނެސްފައިވާ އެއާބަސް އޭ321 ގެ ބޯޓުތައް ހިމެނެއެވެ. މި ބޯޓުތަކުގައި އީ-ކޮމާސް މުދަލާއި، އާންމު މުދާ، އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި، ބޭހުގެ ބާވަތްތައް، ނުރައްކާތެރި މުދާ، ދިރޭތަކެތި އަދި އާދަޔާޚިލާފަށް ބޮޑެތި މުދާ އުފުލައެވެ. އެހެންކަމުން، ކާބޯތަކެއްޗާއި، އިލެކްޓްރޯނިކްސް، އޮންލައިންކޮށް ގަންނަ ތަކެތި އަދި ބޭސް ފަދަ ތަކެތި ސީދާ މި ފްލައިޓުތަކުގައި ރާއްޖެއަށް ގެނެވޭނެއެވެ.
ރާއްޖެއަށް ވައިގެ މަގުން މުދާ އެތެރެކުރާ މިންވަރު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ވައިގެ ކާގޯ އިމްޕޯޓް މާކެޓުގައި ގާތްގަނޑަކަށް 9،470 ޓަނުގެ މުދާ ހިމެނެއެވެ. ރާޔާ އެއާވޭސްގެ އާ ރޫޓާއެކު، ރާއްޖެއަށް މުދާ އެތެރެކުރުމަށާއި ބޭރުކުރުމަށް އޮންނަ ކެޕޭސިޓީ އިތުރުވެގެންދާނެއެވެ.
ރާއްޖޭގެ ކާގޯ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ކަނޑުމަގުން ގެނެސް ވައިގެ މަގުން މުދާ ފޮނުވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށާފައިވާ "ސީ-ޓު-އެއާ" ކާގޯ ޚިދުމަތް ވެސް ވަނީ ފުޅާކޮށްފައެވެ. އެގޮތުން، ކެމްބޯޑިއާއިން ގެންނަ ޓްރާންސްޝިޕްމަންޓް މުދާ ވެސް މިހާރު މި ޚިދުމަތުގެ ތެރޭގައި ހިމަނާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ އޭޝިއާއާއި ޔޫރަޕް ގުޅުވައިދޭ ލޮޖިސްޓިކްސް ހަބެއްގެ ގޮތުގައި ރާއްޖެ އަދާކުރާ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ޚިދުމަތް ކުރިއަށް ގެންދަނީ އެމްޕީއެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގުޅިގެންނެވެ. މީގެ އިތުރުން، ޓާކިޝް އެއާލައިންސް ފަދަ ބައިނަލްއަގުވާމީ އެއާލައިންތަކުން ވެސް މި ޚިދުމަތުގައި ބައިވެރިވެއެވެ. "ސީ-ޓު-އެއާ" ކާގޯ ޚިދުމަތުގެ ދަށުން، ބަންގްލަދޭޝް ފަދަ ގައުމުތަކުން ކަނޑުމަގުން ގެންނަ މުދާ ރާއްޖޭގެ ބަނދަރުން ހުސްކުރުމަށްފަހު، ވައިގެ މަގުން ޔޫރަޕާއި އެހެނިހެން މަންޒިލްތަކަށް ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެމްއޭސީއެލް އިން ހާމަކޮށްފައިވާ ގޮތުގައި، ނިމިދިޔަ ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ރެކޯޑު އަދަދަކަށް ޓްރާންސްޝިޕްމަންޓް މުދާ ބޭރުކޮށްފައެވެ. އެގޮތުން 2،000 އަށް ވުރެ ގިނަ ޓަނުގެ މުދާ އެ މަހު އެކަނި ވެސް ޕްރޮސެސްކޮށްފައިވާއިރު، މީގެ ތެރޭގައި ވައިގެ މަގުންނާއި ކަނޑުމަގުން ގެނެސްފައިވާ މުދާ ހިމެނެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހުޅުވި ކާގޯ ޓާމިނަލާއެކު، މުދާ ޕްރޮސެސްކުރާ މިންވަރު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.
ރާއްޖޭގެ އިގުތިސާދު ފުޅާވަމުން އަންނައިރު، ކާގޯ ޚިދުމަތްތައް އިތުރުކުރުމަކީ ވިޔަފާރިތަކަށް ލިބޭނެ ބޮޑު ލުޔެކެވެ. ރާޔާ އެއާވޭސްގެ ދަތުރުތައް ފެށުމާއެކު، މެލޭޝިއާއާއި ރާއްޖެއާ ދެމެދު މުދާ އުފުލުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިފަދަ ސީދާ ކާގޯ ދަތުރުތަކެއްގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރުމަށް ނަގާ ވަގުތު ކުޑަވެ، ކާގޯ ކެޕޭސިޓީ އިތުރުވުމުގެ އިތުރުން ސަޕްލައި ޗެއިންގެ އިތުބާރު ބޮޑުވެގެންދާނެއެވެ. އަދި މި ދަތުރުތައް ގަވާއިދުން ކުރަން ފަށައި، ވާދަވެރިކަން ބޮޑުވެއްޖެނަމަ މުދާ ގެނައުމުގެ އަގުތަކަށް ވެސް ހެޔޮ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.