ދިވެހިރާއްޖެއަކީ މެލޭޝިއާގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް އުއްމީދީ އަދި މުހިންމު މާކެޓެއް ކަމަށާއި، ދިވެހީން އާންމުކޮށް ޒިޔާރާތްކުރާ ވެރިރަށް ކުއަލަލަމްޕޫރުގެ އިތުރުން މެލޭޝިއާގެ އެހެން ސަރަހައްދުތަކުގައި ވެސް ފަތުރުވެރިކަމުގެ ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށް މެލޭޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ހައިކޮމިޝަނަރު ބަދްލީ ހިޝާމް ހާޖީ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
ހައިކޮމިޝަނަރު މިހެން ވިދާޅުވީ މެލޭޝިއާ ޓޫރިޒަމް ބޯޑުގެ ފަރާތުން ދިވެހީންނަށް މެލޭޝިއާގައި ހުރި ފަތުރުވެރިކަމުގެ ތަފާތު ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު މާލޭގައި ބޭއްވި ހާއްސަ އިވެންޓުގައި ވާހަކަދައްކަވަމުންނެވެ.
މި އިވެންޓުގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރު ބަދްލީ ހިޝާމް ވިދާޅުވީ، ރާއްޖެއިން މެލޭޝިއާއަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް ރާއްޖެއިން 22،000 އަށް ވުރެ ގިނަ ފަތުރުވެރިން މެލޭޝިއާއަށް ޒިޔާރާތްކޮށްފައިވާ ކަމަށާއި، މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 10 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އާންމުކޮށް ދިވެހިން މެލޭޝިއާއަށް ގޮސް އުޅޭ ކުއަލަލަމްޕޫރުގެ އިތުރުން، އެހެނިހެން ސަރަހައްދުތަކުގައި ހުރި ތަފާތު ތަޖުރިބާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ހައިކޮމިޝަނަރު ވިދާޅުވީ، ލަންކާވީ، ޕިނޭންގް އަދި މަލަކާ ފަދަ ސަރަހައްދުތަކުން ސަގާފީ އަދި ތަފާތު ކާބޯތަކެތީގެ މުއްސަނދިކަން ތަޖުރިބާކޮށްލެވޭނެ ކަމަށެވެ. އަދި ސަބާ އާއި ސަރަވަކް ފަދަ ސްޓޭޓްތަކަކީ ގުދުރަތީ ރީތިކަމާއި އެޑްވެންޗާ ހަރަކާތްތަކަށް ހާއްސަ ތަންތަން ކަމަށާއި، ދުނިޔޭގެ އެންމެ ދުވަސްވީ ވާރޭ ޖަންގަލިތަކާއި ބޮޑެތި ހޮހަޅަތައް ފަދަ ގުދުރަތީ އަޖާއިބުތައް ވެސް މެލޭޝިއާގައި އެކުލެވިގެންވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މެލޭޝިއާއަކީ މުސްލިމުންނަށް ބޭނުންވާ ފަސޭހަތަކާއި ހަލާލް ކާބޯތަކެތި ފަސޭހައިން ލިބެންހުރި މަންޒިލެއްކަން ފާހަގަކުރައްވައި ހައިކޮމިޝަނަރު ވިދާޅުވީ، ޗުއްޓީ ހޭދަކުރުމުގެ އިތުރުން ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ހެޔޮ އަގުގައި ހޯދުމަށާއި، މަތީ ތައުލީމު ހާސިލުކުރުމަށް ވެސް މެލޭޝިއާގައި ފުރުސަތުތައް ފަހިވެފައިވާ ކަމަށެވެ.
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެންމެ ހަތަރު ގަޑިއިރުގެ މި ދަތުރަށް މިހާރުވެސް މެލޭޝިއާ އެއާލައިންސް، އެއާ އޭޝިއާ އަދި ބަޓިކް އެއާ މެދުވެރިކޮށް ހަފްތާއަކު ސީދާ 25 ފްލައިޓް އޮޕަރޭޓްކުރަމުންދާ ކަމަށެވެ. މިއީ ހަފްތާއަކު 4،600 އަށް ވުރެ ގިނަ ސީޓުގެ ޖާގަކަމަށް ވެސް ވިދާޅުވިއެވެ.
މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހި އާއިލާތަކާއި ދަރިވަރުން ދިރިއުޅެމުންދާ ގައުމަކަށް ވާއިރު، އެ ގައުމަކީ އަބަދުވެސް ދިވެހި ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮންނަ މަންޒިލެކެވެ.