ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާތަކުގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އެލްޖީއޭގެ ބޯޑަށް، އައު ދައުރުގެ ރަށު ކައުންސިލަރުންގެ ތެރެއިން ކައުންސިލަރަކާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާތަކުގެ ތެރެއިން ރައީސާއަކު އިންތިޚާބުކުރަން ތާވަލުކޮށްފައި އޮތީ އަންނަ ހޮނިހިރު ދުވަހަށެވެ.
އެ އިންތިޚާބަށް ކުޑަތަން ވެފައިވަނިކޮށް މިރޭ އެލްޖީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. އެގޮތަށް ނިންމީ، އިންތިޚާބާ ގުޅިގެން ކުރަން ޖެހޭ މުހިންމު މަސައްކަތްތައް ނިމިފައި ނުވާތީ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެހެންނަމަވެސް ނިންމަން ޖެހޭ މަސައްކަތްތަކުގެ ތަފުސީލެއް އެލްޖީއޭއިން ހާމަކޮށްފައިނުވެއެވެ.
އެ އިއުލާނާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެއީ ސަރުކާރުން އަމިއްލައަށް ބަލި ގަބޫލުކުރުން ކަމަށެވެ.
"އެލްޖީއޭގެ ބޯޑު އިންތިޚާބު ތާރީޚަށް ބާއްވަން ޖެހޭ،" އެ މަނިކުފާނު ލިޔުއްވާފައިވެއެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާތަކުގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލާން މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު ހުޅުވާލިއެވެ. އެއަށްފަހު، ކުރިމަތިލާ މީހުންގެ ނަންތައް އެ އޮތޯރިޓީން އިއުލާންކޮށްފައިވެއެވެ.
އެ އިންތިޚާބުގައި ވާދަކުރުމަށް ހަމަޖެހިފައި އޮތީ:
ރަށު ކައުންސިލަރުންގެ ތެރެއިން:
- ފ. ނިލަންދޫ ކައުންސިލްގެ ރަައީސް އަލީ އަހުމަދު (ޕީއެންސީ)
- ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ސާފިރު (އެމްޑީޕީ)
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން ކުރިމަތިލީ:
- ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރިޔަމް ނީނާ (އެމްޑީޕީ)
- ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރިޔަމް ޒީނާ (ޕީއެންސީ)
ފާހަގަކޮށްލެވޭ ގޮތުގައި، 2010 ވަނަ އަހަރު އެލްޖީއޭ އުފެއްދެވީ ނަޝީދުގެ ވެރިކަމުގައެވެ. އެއީ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނު އެ އަހަރު ތަސްދީގު ކުރެއްވުމަށް ފަހުގައެވެ.