މުދަލަށް ފައިސާ ދެއްކުމަށް ވިޔަފާރިވެރިންނަށް ދަތިވެ، ވިޔަފާރިތަކުގެ ފައިދާ ދަށްވެއްޖެ: ނަޝީދު

އެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން: މުދަލަށް ފައިސާ ދެއްކުމަށް ވިޔަފާރިވެރިންނަށް ދަތިވެ، ވިޔަފާރިތަކުގެ ފައިދާ ދަށަށް ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމަށާއި ކަރަންޓު ފަދަ ޔުޓިލިޓީތަކަށް ފައިސާ ދެއްކުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެ، ވިޔަފާރިތަކުގެ ފައިދާ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ މި ސަރުކާރުގެ އިގުތިސާދީ އަދި މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ދުވަހެއް ދުވަހަކަށް ބޮއްސުންލައި ހަލާކުވަމުންދާ ކަމަށާއި، ބާޒާރުގައި ޑޮލަރުގެ އަގު ހުރި ގޮތުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ބޮޑު ތާށިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ވިޔަފާރިތަކަށް ބިލުތައް ދެއްކުމާއި މުދާ އެތެރެކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ލިބޭ ފައިދާ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން: މުދަލަށް ފައިސާ ދެއްކުމަށް ވިޔަފާރިވެރިންނަށް ދަތިވެ، ވިޔަފާރިތަކުގެ ފައިދާ ދަށަށް ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

"ވިޔަފާރިވެރިންނަށް ތާށިވެއްޖެ. ތަކެއްޗެއް އެތެރެއެއް ނުކުރެވޭ. ޓީޓީއަކަށް ފައިސާއެއް ނުކެނޑޭ. އެ މީހުންގެ ވިޔަފާރިތަކުގެ ނަފާ މާބޮޑަށް ވެސް ދަށަށް ހިނގައްޖެ." ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ޙާލަތަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ބޭރުގެ ދަރަނި އަދާކުރަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ދައުލަތުގައި ހުރި ހުރިހާ ޑޮލަރެއް އެއްފަހަރާ ހޭދަކޮށްގެން ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގައި އެއްވެސް ވަރަކަށް ޑޮލަރު ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ހަމައެއާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން ޑޮލަރު ހޯދުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ، އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ބުނުމަށްފަހު، 20 ޕަސެންޓާއި 40 ޕަސެންޓް މާރުކުރުމަށް ބަދަލުކޮށް، އެކަން ނުވުމުން ބޭރުގެ ޓުއާ އޮޕަރޭޓަރުން ލައްވާ ޖީއެސްޓީ ދައްކުވަން އުޅުމުން ވެސް އެއްވެސް ފައިސާއެއް ނުލިބުނު ކަމަށެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން: މުދަލަށް ފައިސާ ދެއްކުމަށް ވިޔަފާރިވެރިންނަށް ދަތިވެ، ވިޔަފާރިތަކުގެ ފައިދާ ދަށަށް ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވި -- ސަން ފޮޓޯ/ އަހުމަދު ފިރްޔަލް

ސަރުކާރުގެ ދެފުށްފެންނަ މިންވަރާމެދު ސުވާލު އުފައްދަވަމުން ނަޝީދު ވަނީ، ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއެއްގެ އެއްބަސްވުމަކީ ކޮބައިކަމާއި، ކަންކަން ހިނގަމުންދާ ގޮތް ރައްޔިތުންގެ މަޖިލީހަށް ވެސް ސާފުނުވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރުގެ މަގްބޫލުކަން ގެއްލި، މުޅި ގައުމު ފުން އަނދަވަޅަކަށް ވެއްޓެމުންދާ ކަމަށެވެ. އަދި މިފަދަ ސަރުކާރަކަށް ރައްޔިތުންނަށް ޙައްގުވާ ތަނަވަސްކަމާއި ފާގަތިކަން ހޯދައިނުދެވޭނެ ކަމަށާއި، ދިވެހި ރައްޔިތުންނަށްޓަކައި އަލުން އެމްޑީޕީގެ ވެރިކަމެއް ގާއިމުކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވިއެވެ.

comment ކޮމެންޓް