އެއާ އިންޑިއާގެ ފްލައިޓެއް ޑިލޭވުމުގެ ސަބަބުން ދަތުރުވެރިޔަކަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 136،000 ރުޕީސް ދިނުމަށް އިންޑިއާގެ ކޮންސިއުމާ ކޮމިޝަނަކުން އެއާ އިންޑިއާގެ މައްޗަށް އަންގައިފިއެވެ.
މި ބަދަލު ނަގައިދީފައިވަނީ ސައުދީ އަރަބިއްޔާގައި ވަޒީފާއަދާކުރާ ކެރެލާގެ ރައްޔިތެއް ކަމަށްވާ ކަޕިލްދޭވްއަށެވެ. އޭނާއަށް މި ކާމިޔާބީ ލިބުނީ އެއާ އިންޑިއާއާ ދެކޮޅަށް ނުވަ އަހަރު ވަންދެން ކުރި ގާނޫނީ މަސައްކަތަށް ފަހުގައެވެ.
މި ހާދިސާ ހިނގާފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. އުމުރުން 42 އަހަރުގެ ކަޕިލްދޭވް ޗުއްޓީއަށް ފަހު ސައުދީ އަރަބިއްޔާއަށް އެނބުރި ދިއުމަށް ހަމަޖެހިފައި އޮތީ ކެރެލާގެ ތިރުވަނަންތަޕޫރަމުން މުމްބާއީއަށް ގޮސް، އެތަނުން ކަނެކްޓިން ފްލައިޓެއްގައެވެ. ނަމަވެސް ތިރުވަނަންތަޕޫރަމުން ފުރަން އޮތް އެއާ އިންޑިއާގެ ފްލައިޓް ދެ ގަޑިއިރަށް ވުރެ ބޮޑަށް ޑިލޭވުމުގެ ސަބަބުން، އޭނާ މުމްބާއީއަށް ދެވުނުއިރު ސައުދީއަށް ދާން އޮތް ބައިނަލްއަގުވާމީ ފްލައިޓް ވަނީ ފުރާފައެވެ.
މުމްބާއީ އެއާޕޯޓުގައި ރޭކުރަން ޖެހުމުގެ އިތުރުން، އެއާލައިންގެ ފަރާތުން އެކަށީގެންވާ އެހީތެރިކަމެއް އަދި ހުރުމުގެ އިންތިޒާމެއްވެސް ހަމަޖައްސައިދީފައިނުވާ ކަމަށް އޭނާ ތުހުމަތުކޮށްފައިވެއެވެ. އެހެން ފްލައިޓަކުން ހެޔޮ އަގެއްގައި ޖާގަ ނުލިބުމުން، އޭނާގެ އާއިލާއިން ވަނީ ސައުދީގެ ޓްރެވަލް އޭޖެންސީއެއް މެދުވެރިކޮށް 49،000 ރުޕީސްއަށް އާ ޓިކެޓެއް ގަނެދީފައެވެ. ބޭނުންނުކުރެވުނު ޓިކެޓުގެ އަގާއެކު އޭނާއަށް ޖުމްލަ 83،000 ރުޕީސްގެ މާލީ ގެއްލުމެއް ލިބުނު ކަމަށް އޭނާ ބުނެފައިވެއެވެ.
މި މައްސަލައިގައި އެއާ އިންޑިއާއިން ބުނެފައިވަނީ ފްލައިޓް ޑިލޭވީ މަތިންދާބޯޓު އައުން ލަސްވުމުގެ ސަބަބުން ކަމަށާއި، އެއީ އެ ކުންފުނީގެ އިހުމާލެއް ނޫން ކަމަށެވެ. އަދި ދަތުރުވެރިންނަށް ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދީ، އެހެން ފްލައިޓަކުން ޖާގަ ހޯދައިދޭން މަސައްކަތްކުރި ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ނަމަވެސް ތިރުވަނަންތަޕޫރަމްގެ ޑިސްޓްރިކްޓް ކޮންސިއުމާ ޑިސްޕިއުޓްސް ރިޑްރެސަލް ކޮމިޝަނުން ނިންމީ ފްލައިޓް ޑިލޭވުން ހައްގުކުރާ ވަރުގެ ހެކި އެއަރ އިންޑިއާއަށް ދެއްކިފައިނުވާ ކަމަށެވެ.
އެހެންކަމުން، މާލީ ގެއްލުމުގެ ގޮތުގައި 83،000 ރުޕީސް، ނަފްސާނީ ގޮތުން ލިބުނު ގެއްލުމަށް 50،000 ރުޕީސް އަދި ގާނޫނީ ހަރަދުގެ ގޮތުގައި 3،000 ރުޕީސް ހިމެނޭހެން ޖުމްލަ 136،000 ރުޕީސް ކަޕިލްދޭވްއަށް ދިނުމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.
މި މައްސަލައިގެ ކޯޓު މަރުހަލާ ނުވަ އަހަރަށް ދިގުލައިގެން ދިޔައިރު، އެތައް ފަހަރެއްގެ މަތިން އަޑުއެހުންތައް ފަސްކުރަން ޖެހުނު ކަމަށް ކަޕިލްދޭވް ފާހަގަކޮށްފައިވެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އޮންމަނޯރަމާއަށް މައުލޫމާތު ދެމުން އޭނާ ބުނި ގޮތުގައި، މިއީ ހަމައެކަނި ބަދަލު ހޯދުމުގެ މަގުސަދުގައި ކުރި ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ފްލައިޓް ޑިލޭވުން ފަދަ ހާލަތްތަކުގައި އެއާލައިންތަކުން އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްނުދޭނަމަ، ދަތުރުވެރިންނަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ ހައްގު އޮންނަކަން ހަނދާންކޮށްދިނުމަކީވެސް މި މައްސަލަ ކުރިއަށްގެންދިޔަ މައިގަނޑު އެއް ސަބަބު ކަމަށް އޭނާ ބުނެފައިވެއެވެ.
ކޮމިޝަނުގެ ނިންމުން ޖުލައި 15 ގައި އައިސްފައިވާއިރު، ބަދަލުގެ ގޮތުގައި ކަނޑައެޅި ފައިސާ މިހާރު އޭނާއަށް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.