ދެބައޮޑުވާ މީހަކު ސުވަރުގެ ނުވަންނާނެއެވެ.

ދެބައޮޑުވުމަކީ މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ ނުރައްކާތެރި އަދި ބޮޑުވެގެންވާ ފާފައެކެވެ. ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ޙަދީޘް ބަސްފުޅުތަކުން މިކަމުގެ ނުބައިކަމާއި، މިފަދަ ޢަމަލުތައް ކުރާ މީހުންނަށް ސުވަރުގެ ނުވަދެވޭނެކަން ސާބިތުވެއެވެ. މިއަދުގެ މުޖުތަމަޢުގައި މާއްދީ ފައިދާއަށްޓަކައި ދެބައޮޑުވުން އާންމުވެފައިވާއިރު، މިއީ ހައްލުކުރަންޖެހޭ ބޮޑު އިޖުތިމާޢީ މައްސަލައެކެވެ. މިކަމުން ސަލާމަތްވުމަށްޓަކައި އިސްލާމީ ރިވެތި އަޚުލާޤާއި ތަރުބިއްޔަތު އަލުން އިއާދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

  • ދެބައޮޑުވުމަކީ އިސްލާމް ދީނުގައި ބޮޑުވެގެންވާ ފާފައެއްކަން.
  • މި ޢަމަލު ކުރާ މީހުންނަށް ސުވަރުގެ ނުވަދެވޭނެކަން ޙަދީޘުން ސާބިތުވުން.
  • މުޖުތަމަޢުގައި މިކަން އާންމުވެފައިވަނީ މާއްދީ މަޤްޞަދުތަކަކަށްޓަކައިކަން.
  • މި މައްސަލަ ޙައްލުކުރުމަށް އިސްލާމީ ތަރުބިއްޔަތު މުހިންމުކަން.

ދެބައޮޑުވުން ރިވެތި ސިފައެއްގެ ގޮތުގައި އެއްވެސް މީހަކު ބަލައިނުގަންނާނެއެވެ. އެއީ ހުތުރުކަން ބޮޑު އިޖުތިމާޢީ މައްސަލައެކެވެ. ހަމަނުޖެހުން އުފެދޭ ނުރައްކާތެރި ބަލިމަޑު ކަމެކެވެ. ދެބައޮޑުވުމަކީ ޙަރާމްކަމެކެވެ. އެއީ ބޮޑުވެގެންވާ ފާފައެކެވެ.

ކީރިތި ޤުރުއާނުގެ އަލްޤަލަމް ސޫރަތުގެ 10ވަނަ އާޔަތާއި 11ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. ﴿وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ(١٠) هَمَّازٍ مَّشَّاءٍ بِنَمِيمٍ(١١)﴾ (سورة القلم) މާނައީ: "އަދި ގިނަގިނައިން ހުވާކޮށްހަދާ، އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ!(10) (އެއީ) ޣީބަބުނެ ހަދާ، ދެބައޮޑުވަމުން ހިނގައިއުޅޭ މީހާއެވެ.(11)"

އިސްވެދިޔަ އާޔަތުގައި އެވާ "مَّشَّاء بِنَمِيمٍ" (ދެބައޮޑުވަމުން ހިނގައިއުޅޭ މީހާ)ގެ މުރާދަކީ؛ މީސްތަކުންގެ މެދުގައި ވާހަކަތައް ހިފައިގެން ފަސާދަ އުފައްދަމުން، ދޭތެރެ ޖައްސަމުން ހިނގާ މީހާ ކަމުގައި އިބްނު ކަޘީރު رحمه الله، އެކަލޭގެފާނުގެ ތަފްސީރުގައި ލިޔުއްވައިފައި ވެއެވެ.

ދިވެހިބަހުން އޮތް ކީރިތި ޤުރުއާނުގެ ލުއި ތަފްސީރުގައި ލިޔުއްވައިފައި ވެއެވެ. "﴿مَشَّآءٍۭ بِنَمِيمٍ﴾އަކީ މީސްތަކުންގެ މެދުގައި ފިތުނަ އުފެއްދުމަށް އެއްބައެއްގެ ވާހަކަ އަނެއް ބަޔަކަށް ގެންގޮސްދީ، ދެބައޮޑުވުމާއިގެން ހިނގާ މީހާއެވެ. النميمةއަކީ ދެބައޮޑުވުމާއި، ފިތުނަ އުފެއްދުމަށް ދެބައެއްގެ ދޭތެރޭގައި ހިނގުމެވެ. މިއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. عَنْ أَبِي وَائِلٍ ... قَالَ حُذَيْفَةُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ:‏ "‏لاَ يَدْخُلُ الْجَنَّةَ نَمَّامٌ ‏"‏.‏ (صحيح مسلم، كتاب الإيمان، باب بَيَانِ غِلَظِ تَحْرِيمِ النَّمِيمَةِ) (އަބޫވާއިލްގެ އަރިހުން ރިވާވެގެން ވެއެވެ. ... ޙުޛައިފާ رضي الله عنه ވިދާޅުވިއެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘުކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. "ދެބައޮޑުވާ މީހަކު ސުވަރުގެ ނުވަންނާނެއެވެ.") (ޞަޙީޙު މުސްލިމް، ޙަދީޘު: 105) އަދި ދެ ޤަބުރެއްގެ ކައިރިން ވަޑައިގަންނަވަމުން ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘުކުރެއްވިއެވެ. "إِنَّهُمَا لَيُعَذَّبَانِ..." (ހަމަކަށަވަރުން އެ ދެމީހުންނަށް ޢަޛާބު ލިބެމުން ދަނީއެވެ. ...) (ޞަޙީޙުލްބުޚާރީ، ޙަދީޘު: 6052|ޞަޙީޙު މުސްލިމް، ޙަދީޘު: 292 {މި ޙަދީޘު ރިވާކުރެއްވީ ޢަބްދުﷲ ބްނު ޢައްބާސް}) އެ ދެމީހުންގެ ތެރެއިން އެކަކީ ދެބައޮޑުވާ މީހާއެވެ."

މިއަދު އަޅުގަނޑުމެންގެ ތެރޭގައި ދެބައޮޑުވެ އަނެކާގެ ނެތިނުބައި ކިޔުން ފެޝަނަކަށް ވެއްޖެ ނޫންތޯއެވެ. އެއް ބަޔަކު ދިރިއުޅުމަށް ހޯދާ އާމްދަނީ އަކީ ވެސް އެ މަސައްކަތުން ހޯދާ އެއްޗަކަށް މި ވަނީ ވެފައެވެ. ސިޔާސީ މަޝްރަޙުގައި ހަރަކާތްތެރިވާ ބައެއް މީހުންނަކީ ފައިސާގެ މަސްތުގައިޖެހި، ކޮންމެ ގޮތަކުން ވެސް ތިމާގެ ބޮނޑި ބޮޑުކުރެވޭތޯ އުޅޭ މީހުންނެވެ. ދެ ބައޮޑުވުންފަދަ ނުބައި ޢަމަލުތަކަކީ އެ މީހުން ފަރުވާލެއް ބަހައްޓާ ކަންކަމެއް ނޫނެވެ.

ކަންމިހެން ވަނީ އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތާ ދިވެހިން ދުރުވެފައި ވާތީއެވެ. ދެބައޮޑުވާ މީހަކު ސުވަރުގެ ނުވަންނާނެކަން އެނގޭ އެކަކު ވެސް އެ ނުބައި ޢަމަލުކުރުން މަތީ ދެމި ނުތިބޭނެއެވެ. ދުނިޔޭގެ އަގަށް ސުވަރުގެ ވިއްކައި ނުލާނެއެވެ. މި ދުނިޔެއިން ނުލިބުނަށް ސުވަރުގެ ހޯދަން މަސައްކަތް ކުރާނެއެވެ. އަޅުގަނޑުމެން ކުރާންވީ ކަމަކީ އިސްލާޙީ މަސައްކަތުގެ އެންމެ ކުރީ ސަފަށް އިސްލާމީ ތަރުބިއްޔަރު ނެރެންވީއެވެ.

comment ކޮމެންޓް