ފުރާވަރު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ޓިކްޓޮކަށްކުރި ދައުވާތަކެއް ކޯޓުން ބޭރުން ނިންމަނީ

ސޯޝަލް މީޑިއާ އެޕްތަކާ ދެކޮޅަށް ހާހަކަށްވުރެ ގިނަ މިފަދަ މައްސަލަ މިހާރުވެސް ވަނީ ހުށަހެޅިފައި ----

ފުރާވަރު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާކަމަށް ބުނެ ޓިކްޓޮކަށް ކުރި ދައުވާތަކެއް ކޯޓުން ބޭރުން ނިންމަން އެއްބަސްވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސޯޝަލް މީޑިއާގެ ވަސީލަތްތައް އެޑިކްޓްވާ (ދެވިހިފާ) ގޮތަށް ފަރުމާކޮށްގެން ފުރާވަރު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރުވާ ކަމަށް ބުނެ ޓިކްޓޮކާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ފުރާވަރުގެ ތިން ކުއްޖަކު، ހުށަހެޅި ތިން މައްސަލައެއް ޝަރީއަތުގެ މަރުހަލާއަށް ދިއުމުގެ ކުރިން ކޯޓުން ބޭރުން ނިންމާލުމަށް ޓިކްޓޮކުން މިހާރު ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުންތަކުގެ ތަފްސީލީ ޝަރުތުތަކަކީ ސިއްރު އެއްބަސްވުންތަކެއްގެ ގޮތުގައި ބެހެއްޓުމަށް ނިންމާފައިވާއިރު، މިއީ އެމެރިކާގެ ކެލިފޯނިއާގެ ސްޓޭޓް ކޯޓުގައި ސޯޝަލް މީޑިއާ ކުންފުނިތަކާ ދެކޮޅަށް ހުށަހެޅިފައިވާ ހާހަކަށްވުރެ ގިނަ މައްސަލަތަކުގެ ތެރެއިން ހައްލުކުރެވުނު މައްސަލަތަކެކެވެ.

https://sun.mv/225398

ޓިކްޓޮކުން މައްސަލަ ކޯޓުން ބޭރުން ނިންމާލި ނަމަވެސް، މި މައްސަލައިގައި ދެން ހިމެނޭ އެހެން ކުންފުނިތައް ކަމަށްވާ މެޓާ، ގޫގުލްގެ ޔޫޓިއުބް އަދި ސުނެޕްޗެޓާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށްގެންދަން ނިންމާފައިވާއިރު، އެ މައްސަލަތަކުގެ އަޑުއެހުންތައް އޮކްޓޯބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި މައްސަލައިގައި ހިމެނޭ ކުދިންގެ ތެރޭގައި އަމިއްލަ ނަފުސަށް އަނިޔާދިނުމާއި، ކަންބޮޑުވުމާއި، ޑިޕްރެޝަން އަދި ކެއުމުގެ ނިޒާމަށް ބުރޫއެރުން ފަދަ ނަފްސާނީ މައްސަލަތަކާ ކުރިމަތިލާންޖެހުނު 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ހިމެނެއެވެ.

ސޯޝަލް މީޑިއާ ކުންފުނިތަކުން ވަނީ މި ތުހުމަތުތައް ދޮގުކޮށް، ކުޑަކުދިންނާއި ޒުވާން ޔޫޒަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ބުނެފައެވެ.

މިއީ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުން ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުވާ ކަމަށް ބުނެ އެމެރިކާގެ ކޯޓުތަކުގައި ކުރިއަށްދާ ގިނަ ދައުވާތަކުގެ ތެރެއިން، ޓިކްޓޮކުން ކޯޓުން ބޭރުން މައްސަލަ ހައްލުކުރަން އެއްބަސްވި ފުރަތަމަ ފަހަރެވެ.

ސޯޝަލް މީޑިއާގެ އަލްގޮރިޒަމްތައް ފަރުމާކޮށްފައިވަނީ ކުދިން ގިނަ ވަގުތު އެޕްތަކުގައި ހޭދަކުރާ ގޮތަށް (ދެވިހިފާގޮތަށް) ކަމަށާއި، އޭގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ބުނެ އެމެރިކާގެ ތަފާތު ސްޓޭޓްތަކުގައި ސްކޫލް ޑިސްޓްރިކްޓްތަކާއި، އާއިލާތަކުން ވަނީ ހާހަކަށްވުރެ ގިނަ ދައުވާ ސޯޝަލް މީޑިއާ ކުންފުނިތަކާ ދެކޮޅަށް އުފުލާފައެވެ.

comment ކޮމެންޓް