ރެޑިޓްގެ ކޮންޓެންޓް ބެލުމަށް އެކައުންޓަށް ލޮގިންވުން މަޖުބޫރުކުރަނީ

މި ބަދަލު ގެނައި ނަމަވެސް، ރެޑިޓްގެ މައި ހޯމްޕޭޖު އެކައުންޓަކަށް ނުވަދެ ބެލޭގޮތަށް އޮންނާނެ ކަމަށް ރެޑިޓުން ބުނޭ ---

އޮންލައިން މީސްމީޑިއާ ޕްލެޓްފޯމް ރެޑިޓްގައި ހުންނަ ކޮންޓެންޓް ބެލުމަށްޓަކައި އެކައުންޓަށް ލޮގިންވުން މަޖުބޫރުކުރާ ގޮތަށް އެ ޕްލެޓްފޯމުން ނިންމައިފިއެވެ.

ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހު އެކައުންޓަކަށް ނުވަދެ ރެޑިޓްގެ މައުލޫމާތު ބެލުމުގެ ފުރުސަތު ހުޅުވާލެވިފައި އޮތް ނަމަވެސް، ކުރިއަށް އޮތް ތަނުގައި ރެޑިޓަކީ އާންމުކޮށް ލޮގިންވެގެން ބޭނުންކުރާ ސައިޓަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ރެޑިޓްގެ ސީއީއޯ ސްޓީވް ހަފްމަން ވިދާޅުވި ގޮތުގައި، މި ބަދަލު ގެނައުމުގެ ކުރިން އެމެރިކާއިން ބޭރުގެ ބައެއް ހޮވާލެވޭ ގައުމުތަކުގައި ޓެސްޓުކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެއެވެ. ނަމަވެސް އެންމެ ފުރަތަމަ މި ޓެސްޓިން ކުރިއަށްގެންދާނީ ކޮން ގައުމުތަކެއްގައި ކަމެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެއެވެ.

މި ނިންމުމުގެ މައިގަނޑު ބޭނުމަކީ ކޮންމެ ޔޫޒަރަކަށްވެސް އެފަރާތެއް ގަޔާވާ ކަންކަމާ ގުޅޭ މައުލޫމާތާއި، ކޮމިއުނިޓީތަކާއި، ވޯޓުދިނުމާއި ކޮމެންޓުކުރުމުގެ ފުރުސަތު އިތުރަށް ފުޅާކުރުމެވެ. މީގެ އިތުރުން އިސްތިހާރުގެ ވިޔަފާރި ފުޅާކޮށް އާމްދަނީ އިތުރުކުރުމާއި، ހުއްދައެއް ނެތި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތައް ތަމްރީނުކުރުމަށް ރެޑިޓްގެ މައުލޫމާތު ނަގާ އޮޓޮމޭޓެޑް ސޮފްޓްވެއާތަކާއި ބޮޓްތަކުގެ މަސައްކަތް ހުއްޓުވުންވެސް މި ބަދަލުގެ ތެރޭގައި ހިމެނެއެވެ.

މި ބަދަލާއެކު ޔޫޒަރުންގެ ޒާތީ މައުލޫމާތު ސިއްރުކުރެވޭނެކަމުގެ ޔަގީންކަން ހަފްމަން ދެއްވި ---

އޭއައި ޓެކްނޮލޮޖީގެ ސަބަބުން ސާޗް އިންޖީންތަކުން ރެޑިޓަށް ލިބޭ ޓްރެފިކް ދަށްވަމުންދާ ދަނޑިވަޅެއްގައި، ހުއްދަނެތި ޑޭޓާ ނެގުމުގެ ގިނަ ކަންކަން ހިންގަނީ ލޮގިންނުވެ ބްރައުޒްކުރާ ފަރާތްތަކުގެ ތެރެއިންކަން ހަފްމަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކައުންޓް މަޖުބޫރުކުރުމުން ތިންވަނަ ފަރާތްތަކުން ރެޑިޓްގެ ލިޔުންތަކާއި މަޝްވަރާތައް ހުއްދަނެތި ނެގުން ހުއްޓުވުމަށް ފަސޭހަވާނެއެވެ.

މި ބަދަލު ގެނައި ނަމަވެސް، ރެޑިޓްގެ މައި ހޯމްޕޭޖު އެކައުންޓަކަށް ނުވަދެ ބެލޭގޮތަށް އޮންނާނެ ކަމަށް ރެޑިޓުން ބުނެއެވެ. އަދި ބޭރުގެ ސާޗް އިންޖީންތަކާއި ލިންކުތައް މެދުވެރިކޮށް ސައިޓަށް ވަންނަ ފަރާތްތަކަށް ވަކިވަކި މަޝްވަރާތަކާއި ޕޯސްޓުތައް ބެލުމުގެ ފުރުސަތު ހުޅުވާލެވިފައި އޮންނާނެއެވެ.

މި ބަދަލާއެކު ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ސިއްރުކުރެވޭނެކަމުގެ ޔަގީންކަން ހަފްމަން ދެއްވިއެވެ. ރެޑިޓުން ބޭނުންވަނީ ބޭނުންކުރާ ފަރާތުގެ އަސްލު އައިޑެންޓިޓީ ހޯދަން ނޫންކަމަށާއި، ރެޑިޓްގެ މޮބައިލް އެޕްލިކޭޝަންގައި 'އިންކޮގްނިޓޯ މޯޑު' އަލުން ތަރައްގީކޮށް ނެރޭނެކަންވެސް އޭނާ ހާމަކުރެއްވިއެވެ.

މި މޯޑު ބޭނުންކުރުމުން އެކައުންޓުގެ ހިސްޓްރީއަށް އަސަރުނުކޮށް މައުލޫމާތު ހޯދައި ބްރައުޒް ކުރެވޭނެއެވެ.

comment ކޮމެންޓް