އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރިތާ ތިން މަސް ފަހުން ވެސް އެ ގައުމުގެ ކޮންމެ 10 ކުދިންގެ ތެރެއިން 8 އަށްވުރެ ގިނަ ކުދިން ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ބޭނުންކުރަމުންދާ ކަމަށް އިންޓަނެޓް ރެގިއުލޭޓަރުން ބުނެފިއެވެ.
އެގޮތަށް ޕްލެޓްފޯމުތައް ބޭނުންކުރަމުން ދަނީ ޓެކް ކުންފުނިތަކުން އުމުރު ރަނގަޅަށް މޮނިޓާ ނުކުރެވުމުން ކަމަށް އެފަރާތުން ބުނެއެވެ.
ހުކުރު ދުވަހު ޝާއިއުކުރި ދިރާސާއެއްގައި އީސޭފްޓީން ވެސް ދައްކާ ގޮތުގައި 10 އަހަރާއި 15 އަހަރާ ދެމެދުގެ ގިނަ ކުދިން ސޯޝަލް މީޑިއާ ބޭނުން ކުރަމުން ދަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ޕްލެޓްފޯމުތައް ބޭނުންކުރުން މަނާކުރުމުގެ ކުރިން ވެސް ބޭނުންކުރަމުންދިޔަ މިންވަރަށެވެ.
ސާވޭއިން ދައްކާ ގޮތުގައި އާ އެކައުންޓް ހުޅުވާ މިންވަރު 52 ޕަސަންޓުން 42 ޕަސަންޓަށް ދަށްވި ނަމަވެސް ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުން ކުރަަމުންދާ މިންވަރު އިތުރެވެ. ޚާއްސަކޮށް ޔޫޓިއުބް، ސްނެޕްޗެޓް، އަދި ޓިކްޓޮކް ބޭނުންކުރާ މިންވަރު އިތުރުކަން ތަފާސްހިސާބުތަކުން ފާހަގަވެެއެވެ. ގާތްގަނޑަކަށް 58 ޕަސަންޓް ކުދިން ސޯޝަލް މީޑިއާ ދުވާލަކު ނުވަތަ އެއަށްވުރެ ގިނައިން ބޭނުންކުރާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، މިއީ މަނާކުރުމުގެ ކުރިން އެ މިންވަރު ހުރީ 60 ޕަސަންޓުގައެވެ.
ކުދިން ބުނަނީ ސޯޝަލް މީޑިއާ ބޭނުންކުރާ އުމުރު ނުބަލާ ކަމަށް
އެކައުންޓްތައް ހިފެހެއްޓި ކުދިންގެ ދެބައިކުޅަ އެއްބައި ކުދިން ބުނީ ޕްލެޓްފޯމްތަކުން އުމުރު ޗެކްކޮށްފައި ނުވާ ކަމަށާއި އެއީ އެ ހިދުމަތްތަކުގައި ތިބެވޭ އެންމެ ސަބަބު ކަމަށެވެ.
އަނެއް ބައި ކުދިން ބުނީ އެކުދިންގެ އެކައުންޓްތައް ލިސްޓްކޮށްފައިވަނީ އުމުރުން 16 އަހަރު ނުވަތަ އެއަށްވުރެ މަތީގެ ކުދިންގެ ގޮތުގައި ކަމަށެވެ.
މާޗް މަހުގެ އަޕްޑޭޓަށް ފަހު އީސޭފްޓީން ވަނީ ފަސް ޕްލެޓްފޯމަކުން ގަވާއިދާ ހިލާފުވެދާނެ ކަމަށް ތަހުގީގު ކުރަމުން އަންނަކަން އިއުލާންކޮށްފައެވެ. އެއީ ފޭސްބުކް، އިންސްޓާގްރާމް، ސްނެޕްޗެޓް،ޓިކްޓޮކް، ގޫގުލް އަދި ޔޫޓިއުބެވެ.
ސަރުކާރުން ޖޫން މަހު ބުނީ މަނާކުރުން ދަމަހައްޓާފައި ނުވާ ޓެކް ފަރުމާތަކަށް ދޭ އެންމެ ބޮޑު އަދަބު ދެގުނަކޮށް، އީސޭފްޓީގެ މައުލޫމާތު އެއްކުރުމުގެ ބާރު ހަރުދަނާ ކުރާނެ ކަމަށެވެ.