މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ފ. ފީއައްޔަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ޝިއާން އަޙްމަދު -- ފޮޓޯ: ފުލުހުން

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 26 ސެލޯފިންކޮޅުތަކާއެކު ހުޅުމާލެއިން ދިވެހި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވަނީ މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް ދެއަކުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަމަށާއި މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ފ. ފީއަލި، ޝަބްނަމީގެ، އުމުރުން 20 އަހަރުގެ ޝިއާން އަޙްމަދު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ރޭ ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފުލެޓް ސަރަހައްދު ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ޝިޢާން އަޙްމަދަށް ފުލުހުން ފެނުމުން އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިލާ ފިލަން މަސައްކަތްކުރުމުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 26 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

އަދި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 24.80 ގުރާމު ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މަސްތުވާތަކެތީގެ މިފަދަ މައްސަލަތަކަކީ ރައްޖޭގައި މިހާރަކަށް އައިސް ވަރަށް އާންމުވެފައިވާ މައްސަލައެކެވެ. ވަކިން ހާއްސަކޮށް މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ޒުވާނުންގެ އަދަދު މިހާރަކަށް އައިސް ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް