ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ބޭނުންވާ ޔުނިޓު ގާއިމުކުރުމަށް ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗަށް ބިމެއް ދީފިއެވެ.
'ސަން'އިން ކުރި ސުވާލަކަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް މިއަދު ކުރު މެސެޖަކުން ދެއްވި ޖަވާބުގައި ވިދާޅުވި، ޔުނިޓު ގާއިމުކުރުމަށް ބިން ހަމަޖެހުނީ ހުޅުމާލެ ސަހަރާ ކައިރިން ކަމަށެވެ. އަދި، މިހާރު ކުރިއަށް ދަނީ އެ ތަން ގާއިމުކުރުމަށް ބޭނުންވާ ކުރެހުންތައް ހެދުމުގެ މަސައްކަތް ކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ.
މިހާރު ޕޯސްޓްމޯޓަމްގެ ހަދަނީ ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވައިގެންނެވެ. އެ ކަމަށް ބޮޑު ޚަރަދެއް ސަރުކާރުން ކުރަން ޖެހޭއިރު، ފުލުހުންގެ ތެރޭގައި ވެސް ޕޯސްޓްމޯޓަމް ހެދޭ ފެންވަރުގެ ބޭފުޅުން އެބަތިއްބެވެ.
މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް: އޭނާ ވަނީ ބޭސްކުންފުނީގެ ޗެއާމަނަކަށް އައްޔަނުކޮށްފައި ---- ފޮޓޯ/ ރައީސް އޮފީސްއެ ކަން ރާއްޖޭގައި ފަށަން ތައްޔާރުވަމުން އަންނަކަން ހާމަކުރެއްވީ، މިދިޔަ ޖުލައި މަހު އަށެއްގައި ހެލްތު މިނިސްޓަރު ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
އެ ދުވަހު ގީލާ ވިދާޅުވި ގޮތުގައި، ރާއްޖެއިން ބޭރުން ޕޯސްޓްމޯޓަމް ހަދަން ބައި ލައްކައެއްހާ ރުފިޔާ ހޭދަވެއެވެ.
ރާއްޖޭގައި ޕޯސްޓްމޯޓަމް ޔުނިޓް ގާއިމްވުމުން މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކް ޚިދުމަތްތަކާއި ޕޯސްޓްމޯޓަމްގެ ޚިދުމަތް ހަރުދަނާ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހިވާނެކަން ގީލާ ފާހަގަކުރައްވާފައިވެއެވެ.
މި ޔުނިޓުން ފޯރުކޮށްދޭނެ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި:
- ޝަރުއީ ގޮތުން ބަލަންޖެހޭ މަރުގެ މައްސަލަކުގައި މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލު ކުރުމާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީލުކުރުން
- ލާއިންސާނީ އަނިޔާތަކާއި ބަންދުގައި ތިބޭ މީހުންނަށް ކުރާ އަނިޔާތަކާ ގުޅިގެން ކުރެވޭ ތަހުލީލުތައް ކުރުން.
- ޝަރުއީ އަދި އިންޝުއަރެންސް ބޭނުންތަކަށްޓަކައި މީހަކަށް ލިބިފައިވާ އަނިޔާގެ މިންވަރު ވަޒަންކޮށްދިނުމުގެ ޚިދުމަތް
ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި ޕޯސްޓްމޯޓަމް އާއްމުކޮށް ހަދަނީ މަރުގެ މައްސަލަތަކުގައާއި ޖަލުގައި މަރުވާ މީހުންގެ ތަހުގީގީ ބޭނުންތަކަށެވެ.