ބޭރުން ޕޯސްޓްމޯޓަމް ހައްދަން ބައި ލައްކަ ހޭދަވޭ، ރާއްޖޭގައި ޚިދުމަތް ފަށަން ތައްޔާރީތައް ދަނީ ވަމުން: ގީލާ

މީހެއްގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދަނީ -- ސަން ފޮޓޯ

ރާއްޖެއިން ބޭރުން ޕޯސްޓްމޯޓަމް ހަދަން ބައި ލައްކައެއްހާ ރުފިޔާ ހޭދަވާ ކަމަށާއި، މި ޚިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މި ޚިދުމަތަކީ ޚާއްސަ ހާލަތްތަކުގައި ދެވޭ ޚިދުމަތެއްކަން ފާހަގަކުރައްވައި ގީލާ ވިދާޅުވީ ފާއިތުވީ 10 އަހަރު ތެރޭގައި 23 ހަށިގަނޑެއް ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވި ކަމަށެވެ. އަދި މި ޚިދުމަތް ހޯދުމަށް އިންޑިއާގެ ޓްރިވެންޑްރަމްއަށް ހަށިގަނޑު ފޮނުވައިގެން ވެސް 55،000 ރުފިޔާ އަރާ ކަމަށް ގީލާ ވިދާޅުވިއެވެ.

މިއީ ނިސްބަތުން ބޮޑު އަދަދެކެވެ. އެގޮތުން ފާއިތުވި 10 އަހަރުތެރޭ ޕޯސްޓްމޯޓަމް ހަދަން ފޮނުވި 23 ހަށިގަނޑަށް ދައުލަތުން ވަނީ 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ގީލާ ވިދާޅުވި ގޮތުގައި މިހާރު މި ސަރުކާރުން ދަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެވަލް ދޭއް ގެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މިހާރު ވަނީ އެ މަސައްކަތް ފަށާފައެވެ.

ދިވެހިރާއްޖޭގައި ޕޯސްޓްމޯޓަމްގެ ޚިދުމަތް ގާއިމުކުރުމަށްޓަކައި އެފަދަ ޚިދުމަތެއްގެ މައުލޫމާތު ގާނޫނެއްގައި ހިމަނާފައި ވަނީ 2015 ވަނަ އަހަރު. އޭގެ ފަހުން މިވީ އަހަރުތަކުގެ ތެރޭގައި ސަރުކާރުތަކެއް ވެސް އަތުވެއްޖެ. އަދި މި ޚިދުމަތް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ރާއްޖޭގައި ކުރެވުނު މަސައްކަތެއް ވެސް ކުރީ މި ސަރުކާރުން، ހެލްތު މިނިސްޓަރު ގީލާ އަލީ

ގީލާ ވިދާޅުވީ މި ޔުނިޓް ގާއިމްވުމުން މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކް ޚިދުމަތްތަކާއި، ޕޯސްޓްމޯޓަމްގެ ޚިދުމަތް ހަރުދަނާ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

މި ޔުނިޓުން ފޯރުކޮށްދޭނެ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި:

  • ޝަރުއީ ގޮތުން ބަލަންޖެހޭ މަރުގެ މައްސަލަކުގައި މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލު ކުރުމާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީލުކުރުން.
  • ލާއިންސާނީ އަނިޔާތަކާއި ބަންދުގައި ތިބޭ މީހުންނަށް ކުރާ އަނިޔާތަކާ ގުޅިގެން ކުރެވޭ ތަހުލީލުތައް ކުރުން.
  • ޝަރުއީ އަދި އިންޝުއަރެންސް ބޭނުންތަކަށްޓަކައި މީހަކަށް ލިބިފައިވާ އަނިޔާގެ މިންވަރު ވަޒަންކޮށްދިނުމުގެ ޚިދުމަތް.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ބަޖެޓާއި ބިން ވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ.

މިއީ ވަރަށް ޚައްސާސް ޚިދުމަތެއްކަން ފާހަގަކުރައްވައި ގީލާ ވިދާޅުވީ މި ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދިނުމަށް ދުރާލާ ތައްޔާރުވެގެން ހަރުދަނާ މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އެގޮތުން މިފަދަ ޚިދުމަތެއް ގާއިމުކުރަންޖެހޭނީ ކަމަށް ބޭނުންވާ ވަސީލަތްތަކާއި އިންތިޒާމްތައް ވެސް އޭގެ އެންމެ ފުރިހަމައަށް ހަމަޖައްސައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި "ފޮރެންސިކް ޕެތޮލޮޖީގެ" ގަވާއިދުތައް ވެސް އެކުލަވައިލަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ގަވާއިދު އެކުލަވައިލަން ގާނޫނުން ލާޒިމު ކުރި ނަމަވެސް މިހާތަނަށް އެ ގަވާއިދު އެކުލަވާލާފައެއް ނުވެއެވެ. ނަމަވެސް މިހާރު އެ ގަވާއިދު އޮތީ ގެޒެޓުކުރުމުގެ މަރުހަލާގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޚިދުމަތް ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތަކުގެ މަސައްކަތްތައް ވެސް އެކުއެކީގައި ދަނީ ކުރެވެމުން. ހަމައެއާއެކު މިފަދަ ޚިދުމަތެއް ގާއިމުކުރާއިރު މި ޚިދުމަތަކީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ދެމެހެއްޓޭނެ ގައިޑްލައިންތައް ވެސް މިހާރު ވަނީ އެކަށައަޅައި ޝާއިއުކޮށްފައި، ހެލްތު މިނިސްޓަރު ގީލާ އަލީ

ރާއްޖޭގައި ވެސް ޕޯސްޓްމޯޓަމްގެ ޚިދުމަތް އާއްމުކޮށް ހަދަނީ މަރުގެ މައްސަލަތަކުގައާއި ޖަލުގައި މަރުވާ މީހުންގެ ތަހުގީގީ ބޭނުންތަކަށެވެ.

comment ކޮމެންޓް