މުއްތަލިބު އެމްޑީޕީއަށް: "ކޮންމެވެސް އެކައްޗެކޭ ވިދާޅުވާން ވެއްޖެ ނޫންތޯ؟"

ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް: ކޮންމެވެސް އެކައްޗެއް ވިދާޅުވާން މުއްޠަލިބު ވަނީ އެމްޑީޕީއަށް ގޮވައިލައްވައި ފާޑުވިދާޅުވެފައި --- ފޮޓޯ: ރައީސް އޮފީސް

ޑޮލަރުގެ އަގު ތިރި ނުވަނީސް އުމްރާނީ ހުރިހާ މަޝްރޫއެއް މެދުކަނޑައިލަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ގޮވައިލެއްވިއިރު، މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެ ޕާޓީގެ މަޖިލިސް މެންބަރުން ގޮވައިލައްވައި މަޝްރޫއުތަކާ ގުޅޭ ސުވާލުކުރައްވާތީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.

އުމްރާނީ މަޝްރޫއުތައް ފަށައިގެން ލަސްވާ ސަބަބާ ގުޅޭ ގޮތުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޒާކިރު ސުވާލުކުރެއްވުމުން މުއްތަލިބު ވިދާޅުވީ، ހުއްޓިފައި ހުރި މަޝްރޫއުތައް ގިނަ ކަމާއި މަޝްރޫއުތައް ހުރި ހާލަތަށް ރިއާޔަތްކޮށް ސަރުކާރުގެ ވައުދުތައް ފުއްދަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، ގައުމުގެ އިގުތިޞާދު ހަމަމަގަށް އެޅުވުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ބަލާއިރު މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ އެ ދަތިތަކުގެ ތެރެއިން ވެސް ކުރީ ސަރުކާރުގެ މަޝްރޫއުތައް ހުއްޓައިނުލައި މި ސަރުކާރުގެ އެޖެންޑާގެ ތެރެއިން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްޑީޕީގެ ކެމްޕޭން އެއްވުމެއްގައި ނަޝީދާއި ޕާޓީގެ އިސް ބޭފުޅުންތަކެއް: ނަޝީދާއި، އެމްޑީޕީގެ މަޖިލިސް މެންބަރުން ދައްކަވާ ވާހަކަ ތަފާތު ކަމަށް މުއްތަލިބު ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

އެއާއެކު، އުމްރާނީ މަޝްރޫއުތައް މެދުކަނޑައިލަން ނަޝީދު ގޮވައިލެއްވި ގޮވައިލެއްވުމަށް ވެސް އޭނާ އިޝާރާތްކުރެއްވިއެވެ.

"އަޅުގަނޑު ހަމަ ދަންނަވައިލަން ބޭނުންވޭ، ތި ބޭފުޅުންގެ ޕާޓީގެ ޗެއާޕާސަން އެބަ ވިދާޅުވޭ މަޝްރޫއުތައް ހުއްޓައިލާށޭ، ކުރިއަށް ގެންދާނެ ކަމެއް ނެތޭ، އެކަމަކު ތި ބޭފުޅުން މަޖިލީހަށް އައިސް ވިދާޅުވަނީ ނޫނެކޭ ހުރިހާ މަޝްރޫއެއް ކުރިއަށް ގެންދާށޭ، ކޮންމެވެސް އެކައްޗެކޭ ވިދާޅުވާން ވެއްޖެ ނޫންތޯ؟" އޭނާ ވިދާޅުވިއެވެ.

https://sun.mv/224806

ފާހަގަކުރެވޭ ގޮތުގައި އުމްރާނީ މަޝްރޫއުތައް މެދުކަނޑައިލަން މިދިޔަ ޖުލައި މަހުގެ 18ވަނަ ދުވަހު ނަޝީދު ގޮވައިލައްވައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ޚިދުމަތްތަކަށް ކުރާ ޚަރަދު ފިޔަވައި އިތުރު ޚަރަދުތައް ކުރުން ރަނގަޅެއް ނޫން ކަމަށެވެ.

"އުމްރާނީ ހުރިހާ މަސައްކަތެއް ހުއްޓައިލަން ޖެހޭ، ރަށްރަށުގައި ނުނިމި ހުރި ޕްރޮޖެކްޓްތައް ރަށު ކައުންސިލާ ހަވާލުކުރުން ރަނގަޅުވާނެ،" އެ މަނިކުފާނު ލިޔުއްވާފައިވެއެވެ.

ނަޝީދު ލިޔުއްވައިފައިވާ ގޮތުގައި ކައުންސިލުތަކުން ކްރޮސް ސަބްސިޑީގެ އުސޫލުން އަގުތައް ދައްކައި މަޝްރޫއުތައް ނިންމޭނެއެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން މަޝްރޫއުތައް ހިންގުމަކީ ފައިދާ ލިބޭ ޚިދުމަތަކުން ނުވަތަ ކަމަކުން ގެއްލުން ލިބޭ ކަމަކަށް ޚަރަދުކޮށް ކުދި އަގުގައި މަޝްރޫއުތައް ހިންގުމެވެ.

https://sun.mv/224000

ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ ބައެއް މަޝްރޫއުތައް އެންމެ ބޭނުންވާ ދުވެލީގައި ކުރިއަށް ނުދާ ކަމަށް ވިދާޅުވި ނަމަވެސް، ހުރިހާ މަޝްރޫއެއް ވެސް ތާވަލާ އެއްގޮތަށް ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވައިފައެވެ.

ރައީސް އޮފީހުގައި އެންމެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، އެމްޓީސީސީ އަށް ބޭނުންވާ ތަކެތި ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެހެންކަމުން، މާ ލަސްތަކެއް ނުވެ އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ހޯދައި، އަމަލީ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް