ފެނަކައާ ހަވާލުކުރި ގިނަ މަޝްރޫއުތައް އޮތީ ހުއްޓިފައި، ލަސްވީ ކުރީ ސަރުކާރުން ހަޑި ހޭވުމުން: މުއްތަލިބު

ފެނަކަ ކުންފުނީގެ ކުރީގެ އެމްޑީ، އަހުމަދު ސައީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް: ފެނަކައާ ހަވާލުކުރި ގިނަ މަޝްރޫއުތައް އޮތީ ހުއްޓިފައި ކަމަށް މުއްތަލިބު ވިދާޅުވި -- ފޮޓޯ/ ފެނަކަ

ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދިނުން ލަސްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހޭވި ހަޑީގެ ސަބަބުން ކަމަށާއި އޭރު ފެނަކައާ ހަވާލުކުރި ހުރިހާ މަޝްރޫއެއް އޮތީ މި ސަރުކާރު އައިއިރު ހުއްޓިފައި ކަމަށް، ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ބ. ކިހާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށޭތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ، ކިހާދޫގެ ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ މެދުތެރޭ ކަމަށާއި، މިހާރު ކުރިއަށް ދަނީ ޕަމްޕު ސްޓޭޝަނާއި އާރުއޯ ޕްލާންޓުގެ އިމާރާތުގެ މަސައްކަތްތައް ކަމަށެވެ. އެ މަޝްރޫއުގެ 10 އިންސައްތަ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ މަޝްރޫއުގެ އެންމެހައި މަސައްކަތްތައް ނިންމައިލުމަށް ކަމަށެވެ.

https://sun.mv/160586

ކިހާދޫ ވެސް ހިމެނޭހެން ޑިސެންބަރު 29، 2021ގައި ފެނާއި ނަރުދަމާ ގާއިމުކޮށް ޚިދުމަތް ދިނުމަށް ފެނަކައާ ހަވާލުކުރި މަޝްރޫއުގެ ތެރެއިން ނޮވެންބަރު 2023ގެ ނިޔަލަށް ނިންމުނީ އެންމެ 16 އިންސައްތަ ކަމަށް ވިދާޅުވެ، މުއްތަލިބު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދެވޭނެތޯ ފެނަކައާ ވާހަކަ ދެއްކުމުން، އެ މަޝްރޫއުތައް ކުރިއަށް ގެންދެވެން ނެތް ކަމަށް އޭރު ބުނި ކަމަށެވެ.

"އެހެން ނަމަވެސް ފެނަކައިން ވިދާޅުވީ އޭރުގައި ކުރިން އޮތް މެނޭޖްމަންޓުން އެ ބޭފުޅުން ސޮއިކޮށްފައި އޮތް ވަރަށް ވުރެ މާ ބޮޑު އަގުގައި ސަބް ކޮންޓްރެކްޓް ކޮށްފައި އޮތުމާއެކު ފެނަކައަށް އެ މަޝްރޫއު ކުރިއަށް ގެންދެވެން ނެތް ކަމަށް، އެއްގޮތަކަށް ވެސް ކުރިއަށް ގެންދެވެން ނެތުމާ އެއްކޮށް އަޅުގަނޑުމެން ޓާމިނޭޓް ކޮށްފައި އެމްޑަބްލިއުއެސްސީ އާ ހަވާލުކުރީ،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު: ވިދާޅުވީ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދިނުން ލަސްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހޭވި ހަޑިތަކުގެ ސަބަބުން ކަމަށް --- ފޮޓޯ: މަޖިލިސް

ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ފެނަކައާ ހަވާލުކުރިއިރު، މަޝްރޫއު ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކަމަށާއި، އެ މަޝްރޫއު ސަބް ކޮންޓްރެކްޓް ކުރި ބައެއް ކުންފުނިތަކުގައި ވެސް މަޝްރޫއު ހިންގުމުގެ ތަޖުރިބާ ނެތް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މަޝްރޫއެއް ސަރުކާރު ކުންފުންޏަކާ ހަވާލުކުރުމަށް ފަހު މުޅި މަޝްރޫއު އެއްކޮށް ސަބް ކޮންޓްރެކްޓް ކުރުމަކީ މާލިއްޔަތު ގަވައިދުގައި މަނާ ކަމެކެވެ.

ނަމަވެސް ފެނަކައިން އޭރު ވަނީ މާލިއްޔަތު ގަވައިދާ ޚިލާފަށް މުޅި މަޝްރޫއު އޮތް ގޮތަށް ސަބް ކޮންޓްރެކްޓް ކޮށްފައި ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

"އެހެންވީމާ ހަގީގަތުގައި ކުރީ ސަރުކާރުން ހޭވި ހަޑިއެއްގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އަޅުގަނޑުމެންނަށް ލަސްތަކެއް ވެގެން މި ދިޔައީ،" އޭނާ ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި ކުޑަ ރަށެއް, ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ކަމަށް ބުނެ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވަނީ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ފަށައިފައެވެ. ނަމަވެސް ކޮވިޑްގެ އާލަމީ ވަބާ ވެސް ކުރިމަތިވި, އެ ވެރިކަން ނިމުނުއިރު އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިންމޭ ގޮތެއް ނުވިއެވެ.

މީގެ އިތުރުން، ފެނަކައިގެ ހިންގުމާއި، އެ ކުންފުނިން ހަވާލުވި މަޝްރޫއުތަކާ ގުޅޭ ގޮތުން ކޮރަޕްޝަނުގެ ތުހުމަތުތައް އަމާޒުވެ، އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ބަލަމުންދެއެވެ.

މިދިޔަ އަހަރު އާންމުކުރި ފެނަކައިގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، ކުރީގެ ސަރުކާރުގައި، 2021 އިން 2023ގެ ނިޔަލަށް އެކަނި އެ ކުންފުނިން ބިޑަކަށް ނުލައި 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އެގޮތުން، ރިޕޯޓްގައި ބުނެފައިވަނީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ކުރި ޚަރަދު ނުލައި ފެނަކައިން 8.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އެ ޚަރަދުގެ ތެރޭގައި ހިމެނެނީ އެ ކުންފުނީގެ އާއްމު އޮޕަރޭޝަނަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ކުރި ޚަރަދުތަކާއި އެކި ރަށްރަށުގައި އާ އިންޖީނުގެ އެޅުމާއި އޮފީސް އިމާރާތް ހެދުމަށް ކުރި ޚަރަދުތަކެވެ.

https://sun.mv/211841

އެ ރިޕޯޓުގައި ބުނާގޮތުން އާއްމު ބީލަމުގެ ބޭރުން 62 ކުންފުންޏަކަށް އެތައް ޕްރޮޖެކްޓެއް ހަވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކުންފުނިތައް ހިމެނެއެވެ.

އޮޑިޓާ ޖެނެރަލް އެ ރިޕޯޓުގައި ވަނީ އެފަދަ ގޮތްގޮތަށް ޚަރަދުކުރުމަކީ ވަކި ފަރާތަކަށް މާލީ ފައިދާ ހޯދައި ދިނުން ކަމަށް ބެލެވޭތީ އެ ކަންކަން އިސްލާހުކުރުމަށާއި އިހުމާލުވެފައިވާ މައްސަލަތައް ތަހުގީގުކުރަން އަންގަވައިފައެވެ.

އޭގެ އިތުރުން ވެސް އެތައް މިލިއަން ރުފިޔާގެ މައްސަލަތައް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވަނީ، ތުހުމަތުތައް ދޮގު ކުރައްވައި، ހުރިހާ ކަމެއް ވެސް ކޮށްފައިވާނީ އުސޫލުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ.

https://sun.mv/218554

ކޮރަޕްޝަނުގެ މައްސަލަތަކެއްގައި މީގެ ކުރިން ސައީދަށް ދައުވާކޮށް، އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދަނީ ޝަރީއަތް ހިންގަމުންނެވެ. އެގޮތުން އެއްވެސް މަސައްކަތެއް ނުކުރަނީސް، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި ފައިސާ ދޫކުރި މައްސަލައެއްގައި އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދައުވާ ސާބިތުވެފައެވެ.

އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވެ، ހަތަރު އަހަރަށް ޖަލަށްލާން މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް މިދިޔަ އޭޕްރިލް މަހު އޭނާ ވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް