ފެނަކަ ކޯޕަރޭޝަންގެ ޚިޔާނާތުގެ މައްސަލައިގައި އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ޙުކުމެއް އިއްވިތާ މަހެއްހާ ދުވަސް ނުވަނީސް، އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާ ޞާލިޙު ޞިއްޙީ ހާލަތަށް ރިޢާޔަތްކޮށް ގޭބަންދަށް ބަދަލުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިދިޔަ ހަފުތާ ބުދަ ދުވަހު ދީނާ ގޭބަންދަށް ބަދަލުކުރީ އޭނާގެ ޞިއްޙީ ހާލަތު ގޯސްވެ، ޖަލު މާޙައުލުގައި ފަރުވާ ކުރިއަށް ގެންދިއުމަށް ދަތިތަކެއް ހުރުމުން ޑޮކްޓަރުންގެ ލަފައާ އެއްގޮތަށެވެ.
ގެއަަށް ބަދަލުކޮށްފައިވާކަން ކަރެކްޝަންސްއިން ވަނީ މިއަދު ސަންއަަށް ކަށަވަރު ކޮށްދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 27 ގައި މި މައްސަލައިގެ ޙުކުމް އިއްވި އަޑުއެހުމުގައި ދީނާގެ ދިފާޢީ ވަކީލުން ވަނީ ޞިއްޙީ ސަބަބުތަކަށްޓަކައި އޭނާގެ އަދަބު ގޭބަންދަށް ނުވަތަ ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. ވަކީލުން ފާހަގަކުރެއްވި ގޮތުގައި ދީނާއަކީ ނޭވާލާ ނިޒާމުގެ ބައްޔެއް ހުންނަ ފަރާތަކަށް ވުމުގެ އިތުރުން، އޭނާއަކީ ތުއްތު ކުދިންތަކެއް ބަލަހައްޓަމުން އަންނަ އެކަނިވެރި މައެކެވެ.
ނަމަވެސް އެ ދުވަހު ޝަރީޢަތުން ނިންމެވީ ޖަލުގައި ނުބެހެއްޓޭނެ ފަދަ ޞިއްޙީ ހާލަތެއް ހުރިކަމުގެ އެކަށީގެންވާ މެޑިކަލް ލިޔުމެއް އެ ވަގުތު ހުށަހެޅިފައި ނުވާ ކަމަށެވެ. ދައުލަތުގެ ކުންފުންޏެއްގެ އިސް މަޤާމެއްގައި ހުރެ ހިންގާފައިވާ މިފަދަ ކޮރަޕްޝަންގެ ކުށްތަކަކީ މުޅި މުޖުތަމަޢުގެ މަޞްލަޙަތާ ގުޅިފައިވާ ޖިނާއީ ބޮޑެތި ކުށްތަކަކަށް ވާތީ އަދަބު ލުއިކޮށްދެވެން ނެތް ކަމަށް ވެސް ޝަރީއަތުން ނިންމިއެވެ.
އެހެންކަމުން ކޯޓުން ދީނާގެ މައްޗަށް އިއްވީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެކެވެ. އެހެން ނަމަވެސް، ޙުކުމް ތަންފީޛުކުރަން ފެށިތާ ކުރު މުއްދަތެއްގެ ތެރޭގައި ޞިއްޙީ ސަބަބުތަކަށްޓަކައި ކަރެކްޝަންސްއިން މިހާރު ވަނީ އޭނާ ގެއަށް ބަދަލުކޮށްފައެވެ.
ދީނާގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވެފައިވަނީ، 2018 ވަނަ އަހަރު ފެނަކައިން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން، އެއްބަސްވުމުގައި ބަޔާންކުރާ ޕްރޮގްރެސް ރިޕޯޓުތަކާއި ކަމާބެހޭ ޑިޕާޓްމަންޓުގެ ހުއްދަ ނެތި، އަދި މަސައްކަތް ނިމުނުކަން ކަށަވަރުނުކޮށް ފައިސާ ދޫކުރުމަށް މެމޯ ތައްޔާރުކޮށް ސޮއިކުރުމުގެ ސަބަބުން އެ ކުންފުންޏަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް ޝަރީޢަތަށް ވަނީ ސާބިތުވެފައެވެ.
މި މައްސަލައިގައި ދަޢުވާ ލިބުނު ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދުގެ މައްޗަށްވެސް ކުށް ސާބިތުވެ، އޭނާގެ މައްޗަށް ވަނީ ހަތަރު އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް އޭނާ ވެސް ހުރީ ގޭ ބަންދުގައެވެ.