އުވާލަން ނިންމާފައިވާ ފެނަކައިން ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ތިން ބިލިއަން ރުފިޔާ އޮތްއިރު، 547 މިލިއަނުގެ ގެއްލުމެއްވި

އުވާލަން ނިންމައިފައިވާ ފެނަކައިގެ ދެ މުވައްޒަފުން: އުވާލަން ނިންމާފައިވާ ފެނަކައިން ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ތިން ބިލިއަން އޮތްއިރު، -- ފޮޓޯ/ ފެނަކަ ނޭކުރެންދޫ ބްރާންޗް

ސަރުކާރުން އުވާލަން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން، ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ތިން ބިލިއަނުގެ ދަރަނި އޮތް ކަމަށް 2024 ވަނަ އަހަރުގެ އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.

ސަރުކާރުން ވަނީ، ފެނަކަ އުވާލަން ނިންމައި، އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތްތައް ފަށާފައެވެ.

https://sun.mv/227087

އޮޑިޓު އޮފީހުން ހާމަކޮށްފައިވާ އެ ރިޕޯޓުގައިވަނީ، ފެނަކައިގެ މާލީ ހާލަތު ބަލާފައެވެ. މިގޮތުން، ފެނަކައިގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ އެކަށީގެންވާ ހެކި ނެތުމުން މާލީ ބަޔާންތަކުގެ ސައްހަ ކަމާމެދު އޮޑިޓު ރިޕޯޓުގައި ވަނީ، ޝައްކު އުފައްދާފައެވެ.

އެ ރިޕޯޓުގައި ހުރި ހިސާބުތަކަށް ބަލާއިރު، ޑިސެމްބަރު 31، 2024ގެ ނިޔަލަށް، ފެނަކައިން މުދަލާ ޚިދުމަތް ހޯދައި، ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ ވަނީ 3.51 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ، އޭގެ ކުރީ އަހަރު ކަމަށްވާ 2023 ނިމުނުއިރު، ސަޕްލަޔަރުންނަށް ދައްކަން އޮތް 2.99 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 17 ޕަސެންޓު އިތުރު އަދަދެކެވެ.

މީގެއިތުރުން، އެކި ގޮތްގޮތުން އެ ކުންފުނިން ދައްކަން އޮތް ދަރަނި ވަނީ، 3.59 ބިލިއަނަށް އަރާފައެވެ.

ފެނަކައިގެ މުވައްޒަފުންތަކެއް --- ފޮޓޯ: ފެނަކަ ނޭކުރެންދޫ ބްރާންޗް

އޮޑިޓު ރިޕޯޓުގައިވާ ބުނީ، ސަޕްލަޔަރުންނަށް ފެނަކައިން ދައްކަން ޖެހޭ ކަމަށް މާލީ ބަޔާނުގައި ހިމަނާފައިވާ 3.51 ބިލިއަނުގެ ތަފުސީލާއި ދަރާފައިވާ ފަރާތްތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ލިބިފައެެއް ނުވެއެވެ. އެހެންވެ، އެ އަދަދުގެ ސައްހަކަން އޮޑިޓަށް ޔަގީންކުރެވިފައެއް ނުވެއެވެ.

އެ ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު، 2024 ނިންމާލީ، އެ އައަހަރު 547 މިލިއަން ރުފިޔާގެ ގެއްލުމުގައެވެ. 2023ގައި ވެސް އެ ކުންފުންޏަށް 811 މިލިއަނުގެ ގެއްލުމެއް ވެފައިވެއެވެ.

އޮޑިޓު އޮފީހުން ފާހަގަކުރި ގޮތުގައި، ފެނަކައިގެ ދަރަންޏާއި ޚަރަދު އިންތިހާއަށް ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި އެ ކުންފުނި ހިންގިދާނެ ކަމާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ފެނަކައަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. ފެށުނީންސުރެ އެ ކުންފުންޏަކީ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވި ކުންފުންޏެވެ.

ޚާއްސަކޮށް ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އެ ކުންފުންޏަށް ވަނީ އެތައް ހާސް މުވައްޒަފުންނެއް އިތުރަށް ވައްދައިފައެވެ. އަދި އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި އެމްޑީޕީގެ އެ ސަރުކާރުގައި ފެނަކަ ތެރެއިން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވެއެވެ. އެކަންކަން ކުރުމުގައި އެ ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އޭރު އެ ޕާޓީގެ ޓިކެޓުގައި މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންގެ ކުންފުނިތައް ބޭނުން ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އިންތިހާއަށް ހަރަދު ބޮޑުވުމާއި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ފެނަކަ އޮތީ ބަންގުރޫޓްވާ ހާލަތުގައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ނިންމަވާފައިވަނީ ފެނަކަ އުވާލައި ރަށްރަށުގެ އިންޖީނުގެތައް ސްޓެލްކޯއިން ހިންގުމަށެވެ. ސްޓެލްކޯއިން މިހާރު ވަނީ އެ މަސައްކަތް ފަށައިފައެވެ.

comment ކޮމެންޓް