ސަރުކާރުގެ ފެނާއި ނަރުދަމާގެ ވައުދު ފުއްދާ ފަހު މަރުޙަލާގެ މައި ހިއްސާދާރަކަށް ވެސް ފެނަކަ

ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި އޮތް 23 ރަށުގައި އެ ހިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފެނަކަ

ސަރުކާރުގެ ފެނާއި ނަރުދަމާގެ ވައުދު ފުއްދުމުގެ އެންމެ ފަހު މަރުހަލާގެ މައި ހިއްސާދާރަކަށް ވެސް ފެނަކަ ކޯޕަރޭޝަން ހަމަޖައްސައިފިއެވެ.

ސަރުކާރުގެ ފެނާއި ނަރުދަމާގެ ވައުދު ފުރިހަމަކުރުމުގެ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ނުކުރެވި ހުރި ހުރިހާ ރަށެއްގައި، އެ ހިދުމަތް ގާއިމް ކުރުމުގެ ކޮންޓްރެކްޓަރުންނާ މިއަދު ވަނީ ހަވާލުކޮށްފައެވެ.

އޭގެ ތެރެއިން 70 ޕަސެންޓް މަސައްކަތް ހަވާލު ކޮށްފައި ވަނީ ފެނަކައާ އެވެ.

އެކަމާ ގުޅިގެން ފެނަކައިން ބުނީ، މިއީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގައި ފެނަކައިގެ ހިއްސާ ބަލައިގަނެ، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ކުންފުންޏަށް ލިބިފައި ވާކަމުގެ ހެއްކެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި އޮތް 23 ރަށުގައި އެ ހިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފެނަކަ

"ފެނަކައިގެ ތާރީހުގައި މިހާތަނަށް ހަވާލުވި އެންމެ ބޮޑު މަޝްރޫއު ކަމުގައި މިމަޝްރޫއު ވެގެން ގޮސްފައި ވާއިރު، ފުރިހަމަގޮތުގައި އަވަސްކަމާއެކު މަސައްކަތް ނިންމައި، މިދާއިރާއިން ނަމޫނާ ދެއްކުމަށް ފެނަކަ އޮތީ ސާބިތުކަމާއެކު ތައްޔާރުވެފަ. 600 މިލިއަން ރުފިޔާ އަށް ވުރެ އަގު ބޮޑު މިމަޝްރޫއު ކަނޑައަޅައި އެއްބަސްވެފައިވާ ތާރީހަށްވުރެ ކުރިން ނިންމައި، ފެނާއި ނަރުދަމާގެ ޒަމާނީ ނަމޫނާ ނިޒާމްތަކެއް ވުޖޫދު ކުރުމަށް ފެނަކައިން ވަނީ އަމާޒު ހިފާފަ،" ފެނަކައިން ބުންޏެވެ.

މީގެ އިތުރުން ފެނަކައިން ބުނީ، ރާއްޖޭގެ އެންމެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ހިންގައި ބަލަހައްޓަމުންދާ ކުންފުންޏަށް، އަލަށް ގިނަ ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތަކެއް ގާއިމް ކުރުމަށް ލިބިގެން ދިއުމަކީ މިހާރަށް ވުރެ ބޮޑަށް ހިދުމަތް ރަނގަޅު ކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ފަސް ކުންފުންޏަކާ ހަވާލު ކުރި އިރު، ފެނަކަ ކޯޕަރޭޝަނަށް 16 ރަށުގެ ފެނާއި ފަސް ރަށެއްގެ ނަރުދަމާގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.

comment ކޮމެންޓް