މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ފިލްމު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" މިއަދުން ފެށިގެން ޒީ5 މެދުވެރިކޮށް ސްޓްރީމްކުރަން ފަށައިފިއެވެ.
ވަރުން ދަވަން، މްރުނާލް ތާކޫރް އަދި ޕޫޖާ ހެގްޑޭ މުހިންމު ރޯލުތަކުން ފެނިގެންދާ 'ހޭން ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އަކީ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މަނީޝް ޕޯލް، ޖިމީ ޝޭރްގިލް، ޗަންކީ ޕާންޑޭ އަދި މޯނީ ރޯއި ހިމެނެއެވެ. ބޮކްސް އޮފީހުގައި މި ފިލްމަށް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 74.82 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ.

ފިލްމު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"ގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ޖޭސް (ވަރުން) އާއި ބާނީ (މްރުނާލް)ގެ ކައިވެނީގެ މައްޗަށެވެ. އާއިލާ ރޭވުމާ (ފެމިލީ ޕްލޭނިންގް) މެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން މި ދެމީހުންގެ ކައިވެނި ރޫޅި، ޖޭސް ގައުމުން ބޭރަށް ގޮސް އައު ލޯބީގެ ގުޅުމެއް ފަށައެވެ. ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވެ ކުއްލި ސިއްރުތަކަކާއި އޮޅުންބޮޅުން ބޮޑު ގުޅުންތަކެއްގެ ތެރޭގައި އޭނާ ބެދިގެންދެއެވެ.
މިއީ 2020 ވަނަ އަހަރު ނެރުނު ފިލްމު "ކޫލީ ނަމްބަރު 1" އަށްފަހު، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވަރުން ދަވަން އާއި އޭނާގެ ބައްޕަ ޑޭވިޑް ދަވަން އެކުގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.
ދެބަފައިން އެކީގައި ކުރިން ގެނެސްދިން ފިލްމުތަކުގެތެރޭ، 2018ގެ ފިލްމު "ޖުޅުވާ 2"ގެ އިތުރުން 2014ގެ ފިލްމު "ތޫ މޭރާ ހީރޯ" ހިމެނެއެވެ.