ސޮނާކްޝީގެ ފޮޓޯ އެޑިޓްކޮށްގެން އާންމުކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާގެ ފޮޓޯތަކެއް އަސްލު އޮޅޭގޮތަށް އެޑިޓްކޮށް، ސޯޝަލް މީޑިއާގައި އާންމުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ، ޤާނޫނީ އިޖުރާއަތްތަކާ ޚިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް މުމްބާއީގެ ކޯޓަކުން ކަނޑައެޅުމާ ގުޅިގެން ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި އާރްޔަން ދީޕަކް ޖެއިން ތިން ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ބަންދްރާ ފުލުހުން ކޯޓުގައި އެދުނު ނަމަވެސް، މެޖިސްޓްރޭޓް ވަނީ އެ އެދުމަށް އިންކާރުކުރައްވައި އޭނާ ވަގުތުން ދޫކޮށްލުމަށް އަމުރުކުރައްވާފައެވެ.

ބަތަލާ ސޮނާކްޝީ ސިންހާ ހުށަހެޅި ޝަކުވާއަކާ ގުޅިގެން ބަންދްރާ ޕޮލިސް ސްޓޭޝަނުގައި މި މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އޭނާގެ ޝަކުވާގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ފޮޓޯތައް ބަދަލުކޮށްގެން ސޯޝަލް މީޑިއާގައި ފަތުރާފައިވަނީ ދިއްލީއަށް ނިސްބަތްވާ މީހެކެވެ.

މި ޝަކުވާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ޖެއިން ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ދިއްލީގެ ޖަގަތުޕޫރީ ޕޮލިސް ސްޓޭޝަނުންނެވެ. އެއަށްފަހު އޭނާ ސީދާ މުމްބާއީއަށް ގެނެސް ބަންދްރާ ކޯޓަށް ހާޒިރުކުރި ނަމަވެސް، ދިއްލީން ބޭރަށް ގެންދިއުމުގެ ކުރިން އެ ސިޓީގެ ލޯކަލް މެޖިސްޓްރޭޓް ކޯޓަކަށް އޭނާ ހާޒިރުކޮށްފައެއް ނުވެއެވެ.

ސޮނާކްޝީ، ފިރިމީހާ ޒަހީރު އިގްބާލްއާ އެކު--ފޮޓޯ/އެންޑީޓީވީ

މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ، ބަތަލާގެ އަބުރު ގެއްލޭފަދަ ފޮޓޯތައް އުފެއްދުމަށް ބޭނުންކުރި އާލާތްތަކާއި ޕްލެޓްފޯމް ދެނެގަނެ، ތަޙުޤީޤު އިތުރަށް ފުރިހަމަކުރުމަށް އޭނާ ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުންވާ ކަމަށެވެ.

ނަމަވެސް، ޖެއިންގެ ވަކީލުން ވިދާޅުވި ގޮތުގައި، އޭނާ ހައްޔަރުކުރުމުގެ ކުރިން ޤާނޫނުން ލާޒިމުކުރާ ނޯޓިސް ދީފައި ނުވާއިރު، ހައްޔަރުކުރި ސަބަބުވެސް އަންގާފައެއް ނުވެއެވެ. އަދި ޝަކުވާ ހުށަހެޅި ފަރާތަކީ ނުފޫޒުގަދަ ޝަޚުޞިއްޔަތަކަށް ވާތީ ފުލުހުން އަވަސްއަރުވާލައިގެން ޤާނޫނާ ޚިލާފަށް ޢަމަލުކޮށް، ސިއްރުވެރި ގޮތެއްގައި ފްލައިޓަކުން އޭނާ މުމްބާއީއަށް ގެނެސްފައިވާ ކަމަށް ވަކީލުން ތުހުމަތުކުރެއްވިއެވެ.

މި ހައްޔަރުގެ ޞައްޙަކަމާ މެދު ގޮތެއް ނިންމަވަމުން ކޯޓުން ފާހަގަކުރެއްވީ، ހަތް އަހަރަށްވުރެ ކުރު މުއްދަތެއްގެ ޖަލު ޙުކުމެއް އަންނަ ފަދަ ކުށްތަކުގައި މީހަކު ހައްޔަރުކުރާނަމަ، ބާރަތިޔާ ނާގަރިކް ސުރަކްޝާ ސަންހިތާ (ބީ.އެން.އެސް.އެސް)ގެ ދަށުން އެމީހަކު ހައްޔަރުކުރަންޖެހޭ ސަބަބުތައް ފުލުހުން ލިޔުމުން ރެކޯޑުކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، ތަޙުޤީޤު ކުރާ އޮފިސަރު މި ޝަރުޠުތައް ފުރިހަމަކޮށްފައިވާކަން ސާބިތުނުވާތީ އާއި، ދިއްލީގެ މެޖިސްޓްރޭޓަކަށް ހާޒިރުނުކޮށް ގެނައި ސަބަބު ފުލުހުންނަށް ބުނެދެވިފައި ނުވާތީ، ހަމައެކަނި އިތުރު ތަޙުޤީޤަށް ބޭނުންވާ ކަމަށް ބުނެ މީހަކު ބަންދުގައި ނުބެހެއްޓޭނެ ކަމަށް ކޯޓުން ކަނޑައެޅިއެވެ. އެހެންކަމުން، ޖެއިން ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ނިންމައި، ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

comment ކޮމެންޓް