'ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ': ޓޮމް ހޮލަންޑް އަދި ޕީޓަ ޕާކަގެ ހަޔާތުގެ އައު ބާބެއް

ފިލްމު "ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިއްޔެ ސިނަމާތަކުގައި ރިލީޒްކުރި "ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ އަކީ، "ސްޕައިޑަ-މޭން" ފްރެންޗައިޒްގެ ދަށުން މާވެލް ސްޓޫޑިއޯއިން ގެނެސްދިން އެ ސިލްސިލާގެ ހަތަރު ވަނަ ފިލްމެވެ.

ޓޮމް ހޮލަންޑް ކުޅެމުން އަންނަ ސްޕައިޑަ-މޭންގެ ކެރެކްޓަ އެންމެ ފުރަތަމަ ބެލުންތެރިންނާ ބައްދަލުކުރީ، އެވެންޖާސްއަށް އޭނާގެ ހުނަރު ސާބިތުކޮށްދޭން ކެތްމަދުވެފައި ހުރި ފުރާވަރުގެ ކުއްޖެއްގެ ގޮތުގައެވެ. ތިން ފިލްމެއްގެ ތެރެއިން އޭނާ ވަނީ މަގުދައްކައިދޭނެ މީހުންނާއި، ރަހުމަތްތެރިންނާއި، ލޯތްބާއި، ދިރިއުޅުމުގެ މަގުސަދު ހޯދާފައެވެ. ނަމަވެސް "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް"ގެ ހިތްދަތި ނިމުމާ އެކު، އޭނާގެ ހަޔާތުން މި ހުރިހާ ކަމެއް ވަނީ ބީވެގެން ގޮސްފައެވެ.

"ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ"އިން ފެނިގެންދަނީ، ޕީޓަ ޕާކަ ދަންނަ އެންމެންގެ ހަނދާނުން އޭނާ ފޮހެވިގެން ދިއުމަށްފަހު، އޭނާގެ ހަޔާތުގައި ބާކީ އޮތް ބަޔެވެ.

"ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ"ގެ މަންޒަރެއްގައި އެކްޓަރު ޓޮމް ހޮލެންޑް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ޑެސްޓިން ޑެނިއަލް ކްރެޓަން ޑައިރެކްޓްކޮށްފައިވާ މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ މި ހަތަރުވަނަ ފިލްމު ބިނާކޮށްފައިވަނީ ހަމައެކަނި ކުރީގެ ފިލްމުތަކުގެ ކާމިޔާބީއަށް ބަލައިގެން ހިންގާ ބޮޑު ކުޅިވަރެއްގެ ގޮތުގައެއް ނޫނެވެ.

މަލްޓިވާސްގެ ތަފާތު ކަންތައްތަކަށްވުރެ ބޮޑަށް، މި ފިލްމުގައި އިސްކަންދީފައިވަނީ އިންސާނީ އިހުސާސްތަކަށެވެ. އެގޮތުން އެކަނިވެރިކަމާއި، ބަތަލެއްގެ ޒިންމާ އުފުލުމުގައި އުފުލަންޖެހޭ ނަފްސާނީ ތަކުލީފުތައް މި ފިލްމުގައި ވަރަށް ފުންކޮށް ދައްކުވައިދެއެވެ.

މިއީ ފާއިތުވި އަހަރުތަކުގައި އެމްސީޔޫއިން ފެނުނު އެންމެ އަސަރުގަދަ އަދި ފުރިހަމަ އެއް ފިލްމެވެ.

މި ފިލްމުގެ އެންމެ ބޮޑު ކާމިޔާބީ އަކީ، ސްޕައިޑަ-މޭންގެ މާސްކުގެ ފަހަތުގައި ހުރީ ޕީޓަ ޕާކަކަން ހަނދާން ބެހެއްޓުމެވެ. ސްކްރީން ރައިޓަރުން ކަމަށްވާ ކްރިސް މެކެނާ އަދި އެރިކް ސޮމާސް ވަނީ ފަސޭހަ ގޮތްތައް ދޫކޮށްލުމަށްފަހު، ފުން މާނައެއް އެކުލެވޭ ވާހަކައެއް ގެނެސްދީފައެވެ.

މުޅި ދުނިޔެއަށްވެސް ޕީޓާ އެނގެނީ ހަމައެކަނި ސްޕައިޑަ-މޭންގެ ގޮތުގައެވެ. ދުވާލު ވަގުތު ނިއުޔޯކް ސިޓީ ރައްކާތެރިކުރުމުގައި އުޅުމަށްފަހު، ރޭގަނޑު އޭނާ ހޭދަކުރަނީ ކުޑަ ކޮޓަރިއެއްގައި އެކަނިމާއެކަނި، ކުރީގެ ރަހުމަތްތެރިންގެ ދިރިއުޅުން ސޯޝަލް މީޑިއާ މެދުވެރިކޮށް ބަލާށެވެ.

"ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ"ގެ މަންޒަރެއްގައި ޓޮމް ހޮލެންޑް އަދި ޒެންޑެއާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި އެކަނިވެރިކަމުގެ ސަބަބުން ޓޮމް ހޮލަންޑަށް އޭނާގެ އެކްޓިން ހުނަރު ދައްކާލުމަށް ވަރަށް ރަނގަޅު ފުރުސަތެއް މި ފިލްމުން ލިބިފައިވެއެވެ. އޭނާގެ ކެރެކްޓަ މިހާރު ވަނީ އުމުރުން ދުވަސްވެ، ދިރިއުޅުމުގެ ތަޖުރިބާތަކުން ވަރުބަލިވެފައެވެ. އޭނާގެ ލޯބިވާ މީހުންނާ ގުޅުން ބާއްވަން ބޭނުންވިޔަސް، އެމީހުންގެ ސަލާމަތަށްޓަކައި އެމީހުންނާ ދުރުގައި ހުރުމަކީ އޭނާ ވާ އެންމެ ބޮޑު ގުރުބާނީ ކަމުގައި އޭނާ ގަބޫލުކުރެއެވެ.

ޑައިރެކްޓަރ ކްރެޓަން ވަނީ މި ފްރެންޗައިޒަށް ތަފާތު ބަދަލެއް ގެނެސްދީފައެވެ. ކުރީގެ ފިލްމުތަކުގައި ފެނުނު މަޖާ މިޒާޖުގެ ބަދަލުގައި، މި ފިލްމުގައި ފެންނަނީ ނިއުޔޯކުގެ ފިނި އަދި މޮޅިވެރި މާހައުލެކެވެ. މިއުޒިކާއި މަންޒަރުތަކުންވެސް މި އަސަރުތައް ވަރަށް ރީތިކޮށް ދައްކުވައިދެއެވެ.

މީގެ އިތުރުން، މިފަހަރުގެ ފިލްމުން އައު ކެރެކްޓަރުންތަކެއްވެސް މި ފިލްމަށް ތައާރަފްކޮށްފައިވެއެވެ. ޖޯން ބާންތަލްގެ 'ޕަނިޝާ' އަކީ ފާހަގަކޮށްލެވޭ ކެރެކްޓަރެކެވެ. އޭނާއާއި ސްޕައިޑަ-މޭންއާ ދެމެދު ހިނގާ ކަންތައްތަކުން ފިލްމަށް އިތުރު ފުރިހަމަކަމެއް ލިބެއެވެ. މާކް ރަފަލޯގެ ބްރޫސް ބެނާ (ހަލްކް)ގެ ރޯލަކީވެސް ޕީޓަރަށް ކުރިމަތިވެފައިވާ ނަފްސާނީ ހަނގުރާމައިގައި އެހީތެރިވެދޭ މުހިންމު ބައެކެވެ.

ފިލްމުގެ އެންމެ ބޮޑު ސިއްރަކީ މީހުންގެ ސިކުނޑިއާ ކުޅެލުމުގެ ބާރު ލިބިފައިވާ ދުޝްމަނެވެ. ޒުވާން ބަތަލާ ސޭޑީ ސިންކް މި ފިލްމުގައި އަދާކުރާ ރޯލަކީވެސް ބެލުންތެރިން ޝައުގުވެރިވާނެ ކަމެކެވެ. އޭނާގެ ވާހަކަވެސް ގުޅިފައިވަނީ ޕީޓަރުގެ ހަޔާތުން ފެންނަ އެކަނިވެރިކަމާއި ހިތާމައާއެވެ.

ޖުމްލަގޮތެއްގައި ބުނާނަމަ، "ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ" އަކީ ހަމައެކަނި އެކްޝަން ފިލްމެއް ނޫނެވެ. މިއީ އިންސާނީ އިހުސާސްތަކާއި، ކެރެކްޓަރުންގެ ހަޔާތަށް ވަރަށް ބޮޑަށް އިސްކަންދީގެން އުފައްދާފައިވާ ފުރިހަމަ ފިލްމެކެވެ.

comment ކޮމެންޓް