މަޝްހޫރު ޓީވީ ސިލްސިލާތައް ކަމަށްވާ "ހީރޯސް" އަދި "ނޭޝްވިލް"އިން އާންމުންގެ މަގުބޫލުކަން ހޯދި ބަތަލާ ހޭޑަން ޕެނެޓިއޭ، އުމުރުން 36 އަހަރުގައި މަރުވެއްޖެއެވެ.
އޭބީސީ ނިއުސްއަށް މައުލޫމާތު ދެމުން ޕެނެޓިއޭގެ ބައްޕަ ސްކިޕް ޕެނެޓިއޭ ބުނީ، އެ މީހުންގެ ލޯބިވާ ހޭޑަން ކުއްލި ގޮތަކަށް ވަކިވެގެން ދިޔަ ހިތާމަވެރި ހަބަރު ހިއްސާކުރަނީ ފުން ހިތާމަޔާއެކުގައި ކަމަށެވެ.
އޭނާއަކީ އޭނާ ދަންނަ އެންމެންނަށާއި، ސްކްރީނުން އޭނާގެ ހުނަރު ބަލަމުންދިޔަ މިލިއަނުން ގުނާލެވޭ މީހުންނަށް އުފާވެރިކަމާއި ލޯބި ގެނެސްދިން، ނުފޫޒުގަދަ އަދި އާދަޔާޚިލާފު ޝަޚްސިއްޔަތެއްކަމަށް ދަރިފުޅު މަރުވުމާ ގުޅިގެން ނެރުނު ރަސްމީ ބަޔާނުގައި ސްކިޕް ޕެނެޓިއޭ ބަޔާންކޮށްފައިވެއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، އެ އާއިލާއަށް ބޭނުންވާ އަމިއްލަ މިނިވަންކަމާއި ޕްރައިވެސީއަށް އިހުތިރާމް ކުރުމަށް އޭނާ ވަނީ މީޑިއާގެ ކިބައިން އެދިފައެވެ. ނަމަވެސް، ޕެނެޓިއޭ މަރުވާން ދިމާވި ސަބަބުގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ޑަބްލިއުއެޗްއެންއެސްއިން ގްރީންވިލް ޕޮލިސް ޑިޕާޓްމަންޓާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޭޑަން ފެނިފައިވަނީ ގްރީންވިލްގައި ހުންނަ އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގެ ތެރެއިން ހަބަރު ހުސްވެފައި އޮއްވައެވެ. އޭނާ މަރުވެފައިވާކަން އިއުލާންކުރީ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ބަތަލާ ހޭޑަން ޕެނެޓިއޭ އޭނާގެ ދަރިފުޅާ އެކު--ފޮޓޯ/ޕީޕްލް
ފުލުހުންނާ ހަވާލާދީ ޑަބްލިއުއެޗްއެންއެސްއިން ބުނެފައިވަނީ، މިހާތަނަށް ބެލި ބެލުމުން މި މަރުގައި އެއްވެސް ޝައްކުކުރެވޭ ކަމެއް ފެންނަން ނެތް ކަމަށެވެ.
އޮގަސްޓް 21، 1989ގައި އުފަންވި ޕެނެޓިއޭ ބޮޑުވީ ނިއުޔޯކްގެ ޕެލިސޭޑްސްގައެވެ. އޭނާއަކީ ބަތަލާ އަދި ޕްރޮޑިއުސަރު ލެސްލީ އާރް ވޯގަލްގެ ދަރިއެކެވެ.
ކުޑަކުދިންގެ ފަންނާނެއްގެ ގޮތުގައި މަސައްކަތް ފަށައި، ޓީވީ އާއި ފިލްމީ ދާއިރާގައި ދިގު ކާމިޔާބު ކެރިއަރެއް ބިނާކުރި ޕެނެޓިއޭ އެންމެ ބޮޑަށް މަޝްހޫރުވީ 'ހީރޯސް'ގައި ކުޅުނު ކްލެއާ ބެނެޓްގެ ރޯލުންނާއި 'ނޭޝްވިލް'ގައި ކުޅުނު ޖޫލިއެޓް ބާންސްގެ ރޯލުންނެވެ.
އޭނާގެ ކުރީގެ މަސައްކަތްތަކުގެ ތެރޭގައި 'ވަން ލައިފް ޓު ލިވް'، 'ގައިޑިންގް ލައިޓް'، 'މެލްކަމް އިން ދަ މިޑްލް'، 'ދަ އޮބްޖެކްޓް އޮފް މައި އެފެކްޝަން'، 'އޭ ބަގްސް ލައިފް' އަދި 'މެސެޖް އިން އެ ބޮޓްލް' ހިމެނެއެވެ. މީގެ އިތުރުން 'އައި ލަވް ޔޫ ބެތް ކޫޕާ'، 'ސްކްރީމް 4' އަދި 'ސްކްރީމް 6' އާއި ލައިފްޓައިމްގެ 'އަމަންޑާ ނޮކްސް' ޓެލެފިލްމުންވެސް އޭނާ ފެނިގެންގޮސްފައިވެއެވެ.
ޕެނެޓިއޭގެ ކޮއްކޮ ޖޭންސެން، ވެސް ވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އުމުރުން 28 އަހަރުގައި ކުއްލި ގޮތަކަށް މަރުވެފައެވެ.
މިއަހަރުގެ މެއި މަހު ޕެނެޓިއޭ ވަނީ އޭނާގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ 'ދިސް އިޒް މީ: އަ ރެކަނިންގް' ނަމަކަށް ކިޔާ ފޮތެއް ނެރެފައެވެ. މި ފޮތުގައި އޭނާގެ ހަޔާތުގައި ކުރިމަތިވި ނަފްސާނީ ބަލިތަކާއި، ދިރިއުޅުމުގައި ކުރިމަތިވި ޖޮންޖެހުންތަކުގެ އިތުރުން ލިބުނު ބޮޑެތި ހިތާމަތަކުގެ ވާހަކަ ވަނީ ތަފްސީލުކޮށް ކިޔައިދީފައެވެ.
ޕެނެޓިއޭ މަރުވިއިރު، އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ އެބަހުއްޓެވެ. ކާޔާ ނަމަކަށް ކިޔާ މި ކުއްޖާއަކީ ހޭޑަންއާއި އޭނާގެ ކުރީގެ ބައިވެރިޔާ، ޔޫކްރޭންގެ ކުރީގެ މަޝްހޫރު ބޮކްސިން ތަރި ވްލަޑިމިއަ ކްލިޗްކޯގެ ކުއްޖެކެވެ.