މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒްގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ކުންފުނި 'ވޮންޑަމައިންޑް'އަށް އިންވެސްޓްކުރި ފަރާތްތަކަށް އޮޅުވާލިކަމުގެ ތުހުމަތުގައި އޭނާއާ ދެކޮޅަށް ދައުވާކޮށްފިއެވެ.
އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި ބަތަލާ ސެލީނާ ގޯމޭޒް އާއި އޭނާގެ މަންމަ މެންޑީ ޓީފީގެ މައްޗަށް މި ތުހުމަތުތައް ކުރެވިފައިވަނީ، އެމީހުން އުފެއްދި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ކުންފުނި 'ވޮންޑަމައިންޑް' އިނދަޖެހުމާ ގުޅިގެންނެވެ. އިންވެސްޓަރުން ދައުވާކުރަނީ އެ މީހުން އިންވެސްޓްކުރި 1.2 މިލިއަން ޑޮލަރު އަނބުރާ ހޯދުމަށެވެ.
ކުންފުނީގެ ބްރޭންޑް ވަރުގަދަކުރުމަށް ސެލީނާ ވީ ވައުދުތައް ފުއްދާފައި ނުވާ ކަމަށާއި، އޭނާގެ ޒިންމާތަކަށް އިހުމާލުވުމުގެ ސަބަބުން ކުންފުނި ވަނީ މާލީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައި ކަމަށް ހިއްސާދާރުންގެ ދައުވާގައި ވަނީ ބުނެފައެވެ. މި ދައުވާގައި އިންވެސްޓްކުރި ފައިސާގެ އިތުރުން، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވެސް ވަނީ އެދިފައެވެ.
ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ފާއިތުވި ތިން އަހަރު ދުވަހު ކުންފުނި ބަނގުރޫޓުވަމުން ދިޔައިރު ވެސް، ކުންފުނީގެ ބާނީންނާއި އިސްވެރިން އެކަން އިންވެސްޓަރުންނަށް އަންގާފައެއް ނުވެއެވެ.

ސެލީނާ އޭނާގެ މަންމަ މެންޑީ ޓީފީ--ފޮޓޯ/ޕީޕްލް
'ވޮންޑަމައިންޑް' އަކީ ދުވަހުން ދުވަހަށް ކުރެވޭ ތަފާތު ހަރަކާތްތަކާއި، ވަސީލަތްތަކުގެ އެހީގައި ނަފްސާނީ ދުޅަހެޔޮކަމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އުފެއްދި މަންސައެކެވެ. މީގެތެރޭގައި އިންޓަވިއުތަކާއި، މަޒުމޫނުތަކާއި، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ތަފާތު ތަމްރީނުތައް ހިމެނެއެވެ.
ނަމަވެސް، ދައުވާގައި ބުނެފައިވަނީ ކުންފުނީގެ ބާނީން އިންވެސްޓަރުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން، ގިނަ އަދަދެއްގެ އިޝްތިހާރުތަކާއި، ސެލެބްރިޓީންގެ ހަބަރުތަކާއި، މޯބައިލް އެޕްލިކޭޝަނެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފައިވީ ނަމަވެސް، އެކަންކަން އަމަލީ ގޮތުން ފެނިފައި ނުވާ ކަމަށް ހިއްސާދާރުން ބުނެއެވެ.
އަދި ސެލީނާ މާކެޓިންގް ހެޑްގެ މަގާމާ ހަވާލުވުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، އެ ޒިންމާތަކަށް އިހުމާލުވެފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.
މި ކުންފުންޏަކީ ސެލީނާ އާއި އޭނާގެ މަންމަގެ އިތުރުން ވިޔަފާވެރިޔާ ޑެނިއެލާ ޕިއަސަން ގުޅިގެން އުފެއްދި ކުންފުންޏެކެވެ. ދައުވާގައި އިތުރަށް ބުނެފައިވަނީ، މުވައްޒަފުންނާއި މުދާ ސަޕްލައިކުރާ ފަރާތްތަކަށް ދޭންޖެހޭ އުޖޫރަ ދިނުން ފަދަ އެންމެ އަސާސީ ޒިންމާތައް އަދާކުރުމުގައި ވެސް ކުންފުނި ނުކުޅެދިފައިވާ ކަމަށެވެ.
އިންވެސްޓަރުން ބުނާ ގޮތުގައި ކުންފުނީގެ މާލީ ހާލަތާއި ހިންގުމުގެ މައްސަލަތައް އެމީހުންގެ ސަމާލުކަމަށް އައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 'ދަ ކަޓް' މަޖައްލާގައި ޝާއިޢުކުރި ތަހުގީގީ ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ކުންފުނީގެ މުސްތަގުބަލާ މެދު އެއްވެސް ޕްލޭނެއް ނެތް ކަމަށާއި، ކުންފުނީގެ އަގު ބިލިއަން ޑޮލަރަށް އެރުވުމަށް ރާވާފައިވާ ލަނޑުދަނޑިތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ.
މި މައްސަލައާ ގުޅިގެން ސެލީނާގެ ގާނޫނީ ޓީމުން ބުނެފައިވަނީ ލަވަކިޔުންތެރިޔާއާ ދެކޮޅަށް އުފުލާފައިވާ ދައުވާ އަކީ އެއްވެސް ކަހަލަ އަސާސެެއް ނެތް ދައުވާއެއް ކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް ސާބިތުކޮށްދޭނެ ކަމަށް ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަވަކިޔުންތެރިޔާގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.