މާދަމާ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް، ކަނޑު ދަތުރުފަތުރު ކުރާއިރު ސަމާލުވާން އެދިއްޖެ

މާލޭގެ މަގެއްގައި ފެންބޮޑުވުން: މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ވާނެ ކަމަށް ވަނީ ލަފާކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ، ކަނޑު ދަތުރުފަތުރު ކުރާއިރު ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މިރޭ އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި ދެކުނުގައި އުފެދިފައިވާ ލީ ޕްރެޝާ ޓަރަފްގެ ސަބަބުން، ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުން އަންނަ ކަމަށެވެ.

އެހެންވެ، މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

"ވީމާ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމަށާއި މޫސުމަށް ސަމާލުވުމަށް ދަންނަވަމެވެ." މެޓް އޮފީހުން ބުންޏެވެ.

https://sun.mv/225343

އެ އިދާރާއިން ވަނީ، މޫސުމާ ގުޅޭ އިތުރު މައުލޫމާތު 3323084އަށް ގުޅުމުން ލިބޭނެ ކަމަށެވެ.

މިއަދު ވެސް މޫސުން ގޯސްވެ، ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވެއެވެ. އެ ސަމާލު ނެރުނީ މެންދުރު 12:30 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ.

comment ކޮމެންޓް