ވަރަށް ވައިގަދަ, ރ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

މާލެއަށް ބޯކޮށް ވާރޭ ވެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ ސަމާލުގައިވާ ގޮތުން، މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:30 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ. މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން، މި ސަމާލުގެ މުއްދަތުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެއެވެ. ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އާންމުކޮށް އެ އިދާރާއިން އަންގައެވެ.

ރާއްޖޭގައި މޫސުން ގޯސްވެގެން ނެރޭ ސަމާލުތަކުގެ ތެރެއިން ރީނދޫ ސަމާލަކީ، މޫސުން ގޯސްވުމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި ދަތުރުފަތުރަށް ހުރަސްއެޅިދާނެ ފަދަ ހާލަތްތަކުގައި ނެރޭ އެލާޓެކެވެ.

އެހެންކަމުން މިފަދަ ހާލަތްތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކަނޑުމަތީގެ ސަލާމަތީ ފިޔަވަޅުތައް ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކުން އާންމުކޮށް އިރުޝާދުދެއެވެ.

ރ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާއިރު، މީގެ ތެރޭގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ ގިނަ އަތޮޅުތަކެއް ހިމެނެއެވެ.

comment ކޮމެންޓް