މި ފެށޭ އޮގަސްޓު މަހުން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާން ފިޒިކަލްކޮށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ހަމަޖައްސައިފައި އޮތް އޮތުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.
ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށްޓަކައި ބާ ކައުންސިލުން އެންމެ ދަށްވެގެން ފުރިހަމަވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އާންމުކުރީ މިދިޔަ ހޯމަ ދުވަހެވެ. އޭގެ ތެރޭގައި އިމްތިހާނުތައް ފިޒިކަލްކޮށް ބޭއްވުމުގެ އިތުރުން، އެ ކޯސްތަކުގައި އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ވެސް ބަދަލު ގެނެސްފައިވެއެވެ.
އެ ބަދަލު ގެންނަނީ ކޯހުގެ މެދުތެރެއިން ކަމަށް ބުނެ، ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ އުސޫލަށް އަމަލުކުރަން އަންނަ މަހު ފަށައިފިނަމަ ގާނޫނީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް އިދާރީ ގޮތުންނާއި ފަންނީ ގޮތުން ގޮންޖެހުން ކުރިމަތިވާނެ ކަމަށެވެ.
ކައުންސިލުން ބުނީ ކުރިން އެކްރެޑިޓުކޮށްފައިވާ ޕްރޮގްރާމުތަކަށް ބަދަލުތަކެއް ގެނެސް އެ ބަދަލުތަކާ އެއްގޮތަށް އެކްރެޑިޓޭޝަނަށް ހުށަހެޅުމަށާއި އެ ބަދަލުތަކާއެކު އެކްރެޑިޓްކުރުމަށް މުއްދަތެއް ދިނުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެ ކައުންސިލަށް ހުށަހެޅި ކަމަށެވެ.
އެހެންވެ އެ ހުށަހެޅުމަށް ރިއާޔަތްކޮށް، ބާ ކައުންސިލުން އެކަށައަޅައިފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް ނިންމައިފައިވާ ކަމަށް، އެ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.
ނަމަވެސް ބާ ކައުންސިލުގެ ބަޔާނުގައި ގާނޫނީ ދާއިރާއިން ތައުލީމު ހާސިލްކުރާ ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވަކި އެއްޗެއް ފާހަގަކޮށްފައި ނުވެއެވެ.
އިމްތިހާނު ހަދަން ޖެހޭ ގޮތް، ކޯހުގެ މެދުތެރެއިން ބަދަލުކުރުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް މި މަހުގެ 22ވަނަ ދުވަހުން ފެށިގެން ދަރިވަރުން ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ފަށައިފައެވެ.
ވިލާ ކޮލެޖުގައި ޝަރީއާ އެންޑް ލޯ ކިޔަވާ ދަރިވަރުންގެ ފަރާތުން ތައްޔާރުކުރި ޕެޓިޝަންގައި ވަނީ ބައެއް ދަރިވަރުންނަކީ ފިޒިކަލްކޮށް ހާޒިރުވެ އިމްތިހާނު ހަދަން އުނދަގޫ ދަރިވަރުންތަކެއް ކަން ފާހަގަކޮށްފައެވެ. އެހެންވެ ބާ ކައުންސިލުން ގެނެސްފައި އޮތް ބަދަލު އަނބުރާ ގެންދިއުމަށް އެ ޕެޓިޝަންގައި ގޮވައިލައިފައިވެއެވެ.
ޕެޓިޝަންގައި ދަރިވަރުން ފާހަގަކޮށްފައިވާ ގޮތުގައި ފިޒިކަލް އިމްތިހާނު ހަދަން ލާޒިމްކުރުމަކީ ގިނަ ދަރިވަރުންނަށް އިންސާފެއްނޫނެވެ.
އެގޮތުން ބައެއް ދަރިވަރުންނަކީ އެ ދަރިވަރުން އަދާކުރާ ވަޒީފާގެ ސަބަބުން، ނުވަތަ އެ ދިރިއުޅޭ ރަށަކާއި އިމްތިހާނު ހަދާ ތަނާ ދެމެދު އޮންނަ ދުރުމިނުގެ ސަބަބުން ފިޒިކަލީ ހާޒިރުވެ އިމްތިހާނު ހަދަން ދަތިވާ ދަރިވަރުންކަން އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
މިހާރު ވެސް އޮންލައިންކޮށް އިމްތިހާނު ހަދާއިރު ލޮކްޑައުން ވެބް ބްރައުސަރުތަކާއި ވެބްކެމް ބޭނުންކުރުމުގެ އިތުރުން އިމްތިހާނުތަކުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށް، އެ ޕެޓިޝަންގައިވެއެވެ.
ދަރިވަރުން ފާހަގަކުރާ ގޮތުގައި އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް އޮންލައިންކޮށް އިމްތިހާނުތައް ބާއްވައެވެ.
އެހެންވެ، ބާ ކައުންސިލުގެ ނިންމުން މުރާޖައާކޮށް ހުރިހާ ދަރިވަރުންނަށް އިންސާފުވެރި ގޮތަކަށް މިކަން ނިންމައިދިނުމަށް އެދި ދަރިވަރުންގެ ޕެޓިޝަންގައި ވަނީ ގޮވައިލައިފައެވެ.
އެ ޕެޓިޝަނަށް 400އަށް ވުރެ ގިނަ ސޮއި ލިބިފައިވެއެވެ.