ދުނިޔޭގެ ޙަޔާތުގައި އަބަދުމެ އެދެވޭ، އެހެނަސް ހޯދަން އެންމެ އުނދަގޫ އެއްޗަކީ ޢަދުލުއިންޞާފެވެ. ޢަދުލުއިންޞާފު އެދޭ ކޮންމެ މީހަކު އެންމެ ފުރަތަމަ އޭނާގެ އަމިއްލަ ނަފުސަށް ޢަދުލުވެރި ވާންޖެހެއެވެ. ޢަދުލުވެރިކަމަކީ އިސްލާމީ ރިވެތި ސިފައެކެވެ. އެ ސިފައިން ޒީނަތްތެރިވެއްޖެ މީހާއަށް ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު ހުށްޓެވެ.
ޢަދުލުވެރިކަން ގެއްލިއްޖެ ކޮންމެ ތަނަކުން އަމާންކަން ގެއްލިދެއެވެ. ހަމަނުޖެހުމާއި ތަޅާފޮޅުން އިތުރުވެއެވެ. އެހެންވަނީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އަމިއްލަ ޙައްޤުތަކާ މެދު މާބޮޑަށް ދަހިވެތިވެވި އަނެކާއާމެދު އިހުމާލުވެވޭތީއެވެ. ތިމާއާއި ޢަދާވާތްތެރިކަމެއް އޮންނަ މީހުންނާ މެދު މި ގޮތަށް ކަންތައް ކުރެވޭ ފަހަރު ވަރަށް ގިނައެވެ. މިފަދައިން ކަންތައް ނުކުރުމަށް އަމުރުކުރައްވައި އެންގެވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމަޔަށް ޤާއިމުކުރާ، އަދި ޢަދުލަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކު މީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރިނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! އެގޮތް ތަޤުވާވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލް-މާއިދާ: 8)
ދެ މީހަކު ކަމަކާ ދެބަސްވެ، ޚިޔާލު ތަފާތުވެ އެ މީހުންގެ މެދުގައި ފައިސަލާ ކޮށްދިނުމަށް އެދި ތިބާގެ ގާތަށް އަތުވެއްޖެ ނަމަ، އެ ދެ މީހުންގެ ދެމެދުގައި އިންސާފާއި ޢަދުލުވެރިކަމާ އެކު ފައިސަލާ ކުރަންވާނެއެވެ. ޢަދުލުވެރިނުވެވޭ ނަމަ އެ ކަމަށް ބަހެއް ނުކިޔާ ހަނުހުރުން މާ ބުއްދިވެރިއެވެ. އެއީ ތިމާގެ އަމިއްލަ ނަފުސަށް ޢަދުލުވެރިވުމަށް ޓަކައެވެ. ތިމާއަށް އެ ކަމެއްގެ ޢިލްމު ލިބިފައިނުވާ، ތެދު ނޫން މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް، ޠާހިރު ބައެއްގެ ބޮލުގައި ދޮގު އިލްޒާމުތަކެއް އެޅުވިދާނެތީއެވެ.
މިއީ ކޮންމެ މީހަކަށް އޮތް ފަރުދީ ކަމެކެވެ. އެ ޒިންމާ އަދާ ކުރަންވީ އޭނާގެ އަމިއްލަ ނަފުސަށް ޢަދުލުވެރިވުމަށް ޓަކައެވެ. މި ކަން އޮތީ މަސްއޫލިއްޔަތު އުފުލަން ތިބި މީހުންގެ ޒިންމާއާ ވެސް ގުޅިފައެވެ. އިމާމު މީހާއަށް އޭނާގެ ބެލުމުގެދަށުގައި ތިބި މީހުންނަށް އަދުލުވެރިވުމެވެ. ޓީޗަރުންނަށް އޭނާގެ ބެލުމުގެ ދަށުގައި ތިބި ދަރިވަރުންނަށް ޢަދުލުވެރިވުމެވެ. ބަފައިންނަށް އޭނާގެ ބެލުމުގެ ދަށުގައި ތިބި އަހުލުންނަށް ޢަދުލުވެރިވުމެވެ. ގާތްތިމާގެކަމާއި އެކުވެރިކަން ނުވަތަ އެނޫން ވެސް ގުޅުމެއް މީހަކާ މެދު އޮތުމަކީ އެބައިމީހުންގެ މެދުގައި ޢަދުލުން މުޢާމަލާތު ކުރަން އޮތް ހުރަހެއް ކަމުގައި އެ ކަން ނުހަދާށެވެ. އެ އެންމެންގެ މެދުގައި ބަސް ބުނާއިރު ޢަދުލުވެރިކަން އިސްކުރާށެވެ! މާތް ﷲ ވަޙީކުރައްވަނީ ﴿وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَىٰ﴾ (الأنعام: ١٥٢) މާނައީ: "އަދި ތިޔަބައިމީހުން ބަސް ބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، ޢަދުލަށް (ތެދަށް) ބަސް ބުނާށެވެ!"