ފާޙިޝް ޢަމަލުތަކާ ދުރުގައި ތިބުމަކީ މާތް މަތިވެރި އަޅުކަމެކެވެ. އެހެންކަމުން ފާޙިޝް ޢަމަލު ދެނެގަންނަން އެނގޭ ބަޔަކު ކަމުގައި މުސްލިމުން ވާންޖެހޭނެއެވެ.
ފޮރުވުމެއްނެތި އާންމުކޮށް ހާމަޔަށް އެންމެން ކުރިމަތީ ކުރަން ނުކެރޭ ކޮންމެ ކަމަކީ ފާޙިޝް ކަމެކެވެ. އެއީ ދުލުން ބުނާ ބަހެއް ނުވަތަ ޢަމަލީ ގޮތުން ކުރާ ކަމެއް ވިޔަސްމެއެވެ. ޝަރުޢީ މިންގަނޑުން މިއިން ކަމެއް ހުއްދަވާ ހުއްދަވުން ފިޔަވައެވެ. އަދި މި ޒާތުގެ ކަންކަން މުޖުތަމަޢުގައި ގިނަވެ އިތުރުވެ ފާޅުގައި އާންމުވަމުން ދިޔަކަމުގައި ވިޔަސް، ﷲގެ ޙަޟްރަތުގައި އެ ކަން ދެމިއޮންނާނީ ފާޙިޝްކަމެއްގެ ގޮތުގައެވެ. މި ކަންކަމާ ދުރުގައި ތިބުމަށް މާތް ﷲ ވަނީ މުއުމިނުންނަށް އަންގަވައި އަމުރުކުރައްވައިފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ...﴾ (الأنعام: ١٥١) މާނައީ: "އަދި ފާޙިޝްކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ."
ފާޙިޝް ޢަމަލުތަކަކީ ކާފިރުންގެ ތެރޭގައި ވެސް ލަދުވެތި ޢަމަލުތަކެކެވެ. ސަމާވީ ހުރިހާ ދީނެއްގައި ނަހީވެފައި އޮތް ކަންކަމެވެ. މިއަދު ދުނިޔޭގައި އޮތް މުޖްތަމަޢަށް މި ކަންކަން މި މަގުން ނޭނގުނަސް، ސަމާވީ ދުސްތޫރުތަކާއި ކިތާބީ އާޘާރުތަކުގައި އަދަބު އަޚުލާޤު ކިޔައިދީފައި ވަނީ ފާޙިޝް ކަންކަމާ މީސްތަކުން ފޭކުރުވާ ފަލްސަފާއެއްގެ ގޮތުގައެވެ. އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށެވެ. އަބުރު ހިމާޔަތް ކުރެވޭ ގޮތަށެވެ.
އަލިފާނުން ދޮންކުރައްވައިފައިވާ މަށީގެ ހިލައިން މާތް ﷲ ރަށެއްގެ މައްޗަށް ވާރޭ ވެއްސެވީ އެބައިމީހުން ފާޙިޝް ޢަމަލުކުރުމުގައި ހައްދުފަހަނަޅައި ދިޔުމުންނެވެ. އޮހެމުން ދިޔަ ހިލަތައް ވަކިވަކިން ކޮންމެ މީހެއްގެ ގައިގައި ޖެހި އެ ޤައުމު އެއްކޮށް ނެތިފަނާވިއެވެ. އެއަށް ފަހު އެ ރަށުގެ، މައްޗަށްއޮތްފުށް ވަތަށްއޮތްފުށް ކަމުގައި މާތް ﷲ ލެއްވެވިއެވެ. އެފަދަ ހަޑިމުޑުދާރު ޢަމަލުކުރާ މީހުންގެ ސަބަބުން ކުރިމަތިވާ ކޯފާގެ ބިރުވެރިކަން ނިކަންދެކޭށެވެ! ވަކިވަކި ފަރުދުންނަށް އަޒާބު ލިބުމާ އެކު މުޅި ޤައުމަށް ވެސް އެ ކަން ތަހައްމަލުކުރަން ޖެހެއެވެ.
މިއަދު މުޅި ދުނިޔޭގައި ފާޙިޝް ޢަމަލުތައް ފެތުރި އާންމުވެއްޖެއެވެ. އެފަދަ ޢަމަލުތައް ކުރުމަކީ އިންސާނީ ޙައްޤެއް ކަމުގައި ކަނޑައަޅައި އެ ކަން ފަތުރަން ބޮޑެތި ޢަދަދުތަކުން ފައިސާ ވެސް ޚަރަދު ކުރަނީއެވެ. އިސްލާމީ ޤައުމުތަކުގައި މި ކަންކަން ފަތުރަނީ ޢަޤީދާ ބަލިކަށި މުސްލިމުނަށް މަޤާމާއި ފައިސާގެ ދަޅަ ދައްކައިގެންނެވެ.
މުސްލިމުންނޭވެ، ހޭލާށެވެ! ފާޙިޝް ކަންކަމުގެ ވާހަކައާއި ޢަމަލު ފެތުރުމުގެ ނުބައިކަން ބޮޑެވެ. އެ ކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ...﴾ (النور: ١٩) މާނައީ: "ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި އަޒާބު އެ މީހުންނަށް ހުށްޓެވެ."