އިންސާނުންނަށް ގެއްލުންދޭ ކޮންމެ އެއްޗަކުން އޭނާއާ ކުރިމަތިވަނީ ސުންޕާކަމެވެ. ދަތި ކަމާއި އުނދަގުލެވެ. ހިތާމައާއި ހިތްދަތިކަމެވެ. އެފަދަ އެކައްޗަކީ ރިބާއެވެ.

އިންސާނާއަށް ގެއްލުންވާނެ ހުރިހާ ކަމެއް الله سُبْحَانَهُ وَتَعَالَى ވަނީ ޙަރާމްކުރައްވައިފައެވެ. ފައިދާވާނެ ހުރިހާ ކަމެއް ހުއްދަ ކުރައްވައިފައެވެ. މުދާ ބަދަލުކޮށް އިތުރުކުރުމަށް ވިޔަފާރި ހުއްދަކުރެއްވިއެވެ. އެހެންވީމައި އޭގައި އޮންނާނީ ފައިދާއެވެ. އަދި މުދާ އިތުރުކުރުމަށް ހިންގަމުންދާ ރިބާގެ މުޢާމަލާތައް ހުއްޓައިލުމަށް އަންގަވައި އެއީ ޙަރާމުކަމެއްގެ ގޮތުގައި އެ ކަން ކަނޑައެޅުއްވިއެވެ. ރިބާގެ ނުބައިކަން އޮތީ އެ ކަން ކުރާ މީހާއަށް އެކަންޏެއް ނޫނެވެ. ރިބާއަކީ އޭގެ ސުންޕާކަން މުޅި މުޖުތަމަޢަށް ފޯރާފައިވާ ވަބާއެކެވެ. އެ ކަމުގެ ނުބައިކަން ކީރިތި ޤުރުއާނުގައި އެންގެވިއެވެ. އަދި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ވަރަށް ގިނަ ޙަދީޘްތަކުގައި އެ ކަން ބަޔާންކުރައްވައިފައި ވެއެވެ.

ރިބާގެ މުޢާމަލާތް ހިމެނެނީ، އިންސާނާ ހަލާކުކޮށްލާ ހަތް ފާފައިގެ ތެރޭގައެވެ. އެ ހަތްފާފާ ބަޔާންކުރައްވައި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «اجْتَنِبُوا السَّبْعَ المُوبِقَاتِ»، قَالُوا: يَا رَسُولَ اللَّهِ وَمَا هُنَّ؟ قَالَ: «الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ اليَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ المُحْصَنَاتِ المُؤْمِنَاتِ الغَافِلاَتِ» މާނައީ: "(މީސްތަކުން) ހަލާކުކޮށްލާ ހަތްކަންތަކުން ތިޔަބައިމީހުން ދުރުހެލިވާށެވެ!" (ޞަޙާބީން) ދެއްނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އެއީ ކޮން ކަންތައްތަކެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "(އެއީ) ﷲއަށް ޝަރީކުކުރުމެވެ. ސިހުރު ހެދުމެވެ. ﷲ ޙަރާމްކުރެއްވި ނަފުސެއް ޙައްޤަކައިނުލައި މެރުމެވެ. ރިބާކެއުމެވެ. ޔަތީމުންގެ މުދާ (ނުޙައްޤުން) ކެއުމެވެ. ޖިހާދުގެ ދުވަހު ހަނގުރާމައިގެ މައިދާނުގައި ފިލުމެވެ. އަދި (ކުށުން) ބަރީޢަވެގެންވާ ޢިއްފަތްތެރި މައުސޫމު މުއުމިނު އަންހެނާގެ މައްޗަށް ޒިނޭގެ ތުހުމަތުކުރުމެވެ."

އެ ކަންތަކުގެ ނުބައިކަމުން މީސްތަކުން ހަލާކުވެދާ ކަންތަކުގެ ލިސްޓުގައި ރިބާގެ ވާހަކަ އައުމުން، ކަމުގެ ނުރައްކާތެރިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. އެހެންކަމުން މިއީ އަޅުގަނޑުމެން ދުރުގައި ތިބެންޖެހޭނެ ކަމެކެވެ. ރިބާގެ މުޢާމަލާތްކުރުމާއި އެފަދަ މުޢާމަލާތަކަށް އެހީތެރިވުމަކީ ވެސް އޭގެ ނުރައްކަލުގައި ޝާމިލުވެވޭ ކަމެކެވެ. ރިބާގެ އެއްވެސް މުޢާމަލާތެއްގައި އެއްވެސް ގޮތަކުން ބައިވެރިވާ ކޮންމެ މީހަކު ވަނީ އެ ނުބައި ޢަމަލުގައި ހަމަހަމަ ވެގެންނެވެ. އަދި އެބައިމީހުން ވަނީ ﷲގެ ރަޙުމަތުން އެއްކިބާކުރެވިފައެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «لَعَنَ اللَّهُ آكِلَ الرِّبَا، وَمُؤَكِّلَهُ، وَشَاهِدَيْهِ، وَكَاتِبَهُ» وقال: «هم سواءٌ» (رواه مسلم) މާނައީ: "ރިބާ ކާ މީހާއަށާއި ރިބާ ދޭ މީހާއަށާއި، އެ ކަމަށް ހެކިވާ ދެ މީހުންނަށާއި އެ (މުޢާމަލާތް) ލިޔާ މީހާއަށް ވެސް ﷲ ލަޢުނަތްލެއްވިއެވެ." އަދި ޙަދީޘްކުރެއްވިއެވެ. "މި އެންމެން (ފާފައިގައި) ހަމަހަމައެވެ."

ރިބާ ކެއުމަށް އާދަވެއްޖެ މީހާއަށް ދިރިއުޅުން އުނދަގޫވެއެވެ. އޭނާގެ މުދަލުން ބަރަކާތް ކެނޑެއެވެ. އޭނާގެ ހިތުގައި ފައިސާއަށް އޮންނަ ލޯބި އިންތިހާއަށް ބޮޑުވެ، އެ ކަމާހެދި އޭނާ މޮޔަވެއެވެ. އޭނާއަށް ލިބޭ އެއްޗަކުން ފުދޭ ކަމުގައި ނުވެއެވެ. ދެކޮޅު ނުޖެހިގެން އަބަދުވެސް ހާސްވެ ކަންބޮޑުވެއެވެ. މި ނޫނަސް އެތައް އުނދަގުލަކާ ތުރާލެއް ޖެހި އޭނާގެ ދަހިވެތިކަން އިތުރުވެގެންދެއެވެ. ރިބާއަކީ ސުންޕާކަން ބޮޑު ނުރައްކާތެރި ވަބާއެކެވެ.

އުޚުރަވީ ޙަޔާތަށް ބަލާއިރު، ރިބާ ކާމީހާއަށް ހުރީ މުޅިން ވެސް ހިތްދަތިކަމެވެ. އޭނާ ވޭންދެނިވި ޢަޛާބާ ކުރިމަތިލާން ޖެހެއެވެ. އެ ދުވަހުން އޭނާ މަޙުޝަރުކުރައްވާހުށީ ޖިންނި މޮޔަވެފައި ހުރި މީހެއްގެ ގޮތުގައި ކަން ބަޔާންކުރައްވައި ﷲ ވަޙީކުރެއްވިއެވެ. ﴿الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ﴾‏ (‎البقرة: ٢٧٥) މާނައީ: "ރިބާ ކާ މީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ޤިޔާމަތްދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. މިއީ ސުންޕާކަމުގެ އިންތިހާ ނޫންތޯއެވެ؟

އަޅުގަނޑުމެންގެ މާލީ މުޢާމަލާތްތައް ވެސް އެހެނިހެން މުޢާމަލާތްތައް ވެސް ހުންނަން ވާނީ الله سُبْحَانَهُ وَتَعَالَى ރުއްސަވާ މަގުގައެވެ. މިހާރު އެ ގޮތަށް ވިސްނައިގެން އެ ކަންކަން، ނުކުރެވޭ ނަމަ މިއަދުން ފެށިގެން ހުރިހާ ކަމެއް ވެސް ﷲގެ ރުއްސެވުން ލިބޭ ގޮތަށް ކުރިޔަށް ގެންދިއުމަށް ވަރުގަދަ އަޒުމެއް ކަނޑައަޅާށެވެ! ބޭންކަކުން ވިޔަސް އަދި އެހެން ގޮތަކުން ވިޔަސް ފައިސާއެއް ލިބިގަނެ، އޭގެ މުޢާމަލާތެއް ހިންގަންޏާ، ރިބާ ނުހިމެނޭ ގޮތަށް އެ ކަން ކުރާށެވެ. އެ ގޮތަށް އެ ކަން ނުވަންޏާ އެ ކަމާ ދުރުގައި ހުންނާށެވެ. ލޯނުތަކާއި، ކޮންވެންޝަނަލް އިންޝުއަރެންސާއި އަދި އޭގެ އުޞޫލުތައް ތިބާއަށް ނޭނގޭކަންކަމާ ކައިރިނުވާށެވެ! ތަފާތު ނަންނަމުގައި ހިންގާ ފޮރެކްސް ވިޔަފާރިތަކުން ވެސް އެއްކިބާވެ ދުރުގައި ތިބެމާ ހިނގާށެވެ!

comment ކޮމެންޓް