ޝައިޠާނާ ޒީނަތްތެރިކުރާ ގޮތްތަކާއި މަގުތަކުން ނުހިނގާާށެެވެ!

ޝައިޠާނާގެ މަކަރުވެރި ރޭވުންތަކުގައި ނުޖެހި ސަލާމަތުން ތިބެވޭތޯ ކޮންމެ މުސްލިމަކު ވެސް ބަލަންވާނެއެވެ، އޭނާ ނުބައިކަމުގެ ތހެރެއަށް އިންސާނާ ލަވަމުންލަވަމުން ގެންދަނީ މީހަކަށް އެކަން އިހުސާސް ވެސް ނުކުރެވޭހާ ރޭވުންތެރިކަމާ އެކުއެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅަކުންނެވެ.

ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ وَمَن يَتَّبِعْ خُطُوَٰتِ ٱلشَّيْطَـٰنِ فَإِنَّهُۥ يَأْمُرُ بِٱلْفَحْشَآءِ وَٱلْمُنكَرِ ۚ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ مَا زَكَىٰ مِنكُم مِّنْ أَحَدٍ أَبَدًا وَلَـٰكِنَّ ٱللَّهَ يُزَكِّى مَن يَشَآءُ ۗ وَٱللَّهُ سَمِيعٌ عَلِيمٌ﴾ (النور: ٢١)

މާނައީ: 'އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާނުވާށެވެ! އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ ޝައިޠާނާ ހުތުރުކަންބޮޑު ފާފައާއި، ނުބައިކަންތަކަށް އަމުރުކުރެތެވެ. އަދި ﷲގެ ފަޟްލުވަންތަކަމާއި، އެކަލާނގެ ރަޙުމަތްވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާ ނަމަ، ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، ދުވަހަކު ވެސް ފާފަތަކުން ޠާހިރުވެ ސާފެއްނުވީހެވެ. އެހެނެއްކަމަކު، ﷲ، އެކަލާނގެ އިރާދަކުރައްވާ މީހަކު ޠާހިރުކުރައްވައި، ސާފުކުރައްވަތެވެ. ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

މި އާޔަތުގެ ތަފއސީރުގައި ތަފްސީރުގައި ޢިލްމުވެރިން ލިޔުއްވައިފައި ވަނީ "خطوات الشيطان"އަކީ ޝައިޠާނާގެ ގޮތްތަކާއި މަގުތަކެވެ. އޭގެ މާނައީ ޝައިޠާނާ ގޮވާ، އަޅުގަނޑުމެންނަށް ޓަކައި ޒީނަތްތެރިކުރާ ގޮތްތަކާއި މަގުތަކުން އަޅުގަނޑުމެން ހިނގައިގެން ނުވާނެއެެވެ. ޝައިޠާނާގެ ގޮތްތަކަށާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ތަބަޢަވާމީހާ ދަންނަންވާނެ, ފަހެ، ޝައިޠާނާ އޭނާ މަގުފުރައްދާނެއެވެ. އޭނާއަށް އޮޅުވައިލާނެއެވެ. އަދި ކޮންމެ ހުތުރު ޢަމަލަކާއި މުންކަރާތަކަށް އަރައިގަތުމަށް އޭނާއަށް އަންގާނެއެވެ. މާތް ﷲ އަޅުގަނޑުމެންގެ މައްޗަށް ފަޟްލުވަންތަވެ ވޮޑިގެން، އަޅުގަނޑުމެންނަށް ތައުބާވުމުގެ ތައުފީޤު ނުދެއްވިނަމަ، އަޅުގަނޑުމެން ދުވަހަކު ވެސް ފާފަތަކުން ޠާހިރުނުވީހެވެ.

މާތް ﷲ އެކަލާނގެ ފަޟްލުވަންތަކަމާއި، ރަޙްމަތްވަންތަކަމުން، ފާފަތަކާއި ނުތާހިރުކަމުން ނަފުސުތައް ޠާހިރުކުރައްވައެވެ. އެއިލާހަކީ އަޅުގަނޑުމެންގެ ވާހަކަތައް މޮޅަށް އައްސަވައިވޮޑިގެންވާ، އަޅުގަނޑުމެންގެ ޙާލު މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. މަސްރޫޤު ވިދާޅުވިއެވެ. "މީހަކު އިބްނު މަސްޢޫދުގެ އަރިހުގައި ދެންނެވިއެވެ. ތިމަން އަމިއްލަ ނަފުސުގެ މައްޗަށް ވަކި އެއްޗެއް ކެއުން ޙަރާމްކޮށްފީއެވެ. (އޭނާ އެއެއްޗެއްގެ ނަން ކިޔެވެ.) އެހިނދު އެކަލޭގެފާނު އޭނާއަށް ވިދާޅުވިއެވެ. ތިޔައީ ޝައިޠާނާގެ ވަސްވާސްތެރިކަމެވެ. ކަލޭގެ ހުވަޔަށް ކައްފާރާދީފައި، ނުކާން ބުނި އެއްޗެއް ކާށެވެ." ﷲ ހުއްދަކުރެއްވި އެއްޗެއް އަމިއްލަ ނަފުސަށް ޙަރާމްކުރުމަކީ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫނެވެ. ހަމަ އެގޮތަށް އެއިލާހު ޙަރާމްކުރެއްވި ތަކެތި، ހުއްދަކޮށްގެން ކައިބޮއެ ހެދުމަކީ ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. މާތް ﷲއަށް އުރެދުމަށް ކުރެވޭ ކޮންމެ ކަމަކީ ޝައިޠާނާގެ ވަސްވާސްތެރިކަމުގެ ތެރެއިން ވާ ކަމެއް ކަމުގައި ޤަތާދާ ވިދާޅުވިއެވެ.

comment ކޮމެންޓް