އޮސްޓްރޭލިއާގެ މަޝްހޫރު 'ބިޔޯން އަގެއިން' ބޭންޑުގެ ޝޯ ރާއްޖޭގައި ބާއްވަން އުޅެނިކޮށް ސަރުކާރަކުން ނުހުއްޓުވާ ކަމަށާއި އެދުނީ ސޯޝަލް ސެންޓަރު ނޫން އެހެން ތަނެއްގައި ޝޯ ބާއްވަން ކަމަށް ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އުބާ އިވެންޓްސްއިން ސްޕޮންސަރުން ހޯދައި، ޓިކެޓު ވެސް ވިއްކާފައި ވަނިކޮށް ސަރުކާރުން މި ޝޯ ހުޓުވާފައިވާތީ ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ސަރުކާރުން އިންތިޒާމުކުރާ އެކްސްޕޯތަކާއި މިނިވަން ކާނިވަލް ފަދަ ހަރަކާތްތަކުގައި މިއުޒިކް ޝޯތައް ބާއްވަމުންދާއިރު، މިފަދަ ޝޯއެއް ކެންސަލް ކުރަން އެންގުމުންނެވެ.
ނަމަވެސް އެކަން ދޮގުކޮށް މިނިސްޓްރީން މިއަދު ބުނީ ސަރުކާރުން ޝޯ ކެންސަލްކުރި ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށާއި، އެދުނީ އެހެން ތަނަކަށް ބަދަލުކޮށްދޭން ކަމަށެވެ. އަދި އެކަމުގައި އެހީތެރިވެދޭނެކަމުގެ ޔަގީންކަން ވެސް ޝޯގެ އޮގަނަސިޒަރަށް ދިނިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަދި އެއީ ސޯޝަލް ސެންޓަރުގެ، ސްޓޭޖުގެ ފުރާޅު ހިމެނޭ ގޮތަށް، އިންޑޯ ހޯލުގައި ވަގުތުން ކުރަން ހުރި ބޮޑެތި މަރާމާތުތަކެއް ހުރުމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޝޯ، ރާއްޖޭގައި މަނާކޮށްގެން ނުވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ހުރިހާ ދިވެހިންގެ ތަނަކަށް ވާއިރު، ޒުވާނުން އެދޭ ކަންކަން ކުރެވޭނެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.