މިއީ ވަކި ބައެއްގެ ރާއްޖެއެއް ނޫން ކަމަށާއި ޒުވާނުން ބޭނުންވާ ކަންކަން ކުރެވެން ވާނެކަން ފާހަގަކޮށް، މިއުޒިކް މަނާކުރެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އޮސްޓްރޭލިއާގެ މަޝްހޫރު 'ބިޔޯން އަގެއިން' ބޭންޑުގެ ޝޯ، ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހުރިހާ ތައްޔާރީތަކެއްވެ، ބޭންޑުގެ މެންބަރުން ރާއްޖެ އައިސްފައި ވަނިކޮށް ސަރުކާރުން ވަނީ އެ ޝޯ ކެންސަލްކުރަން އަންގާފައެވެ.
އެކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ރައީސް ނަޝީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޝޯ، ރާއްޖޭގައި މަނާކޮށްގެން ނުވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ހުރިހާ ދިވެހިންގެ ތަނަކަށް ވާއިރު، ޒުވާނުން އެދޭ ކަންކަން ކުރެވޭނެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޝޯއަކީ ސުވިޑަންގެ މަޝްހޫރު 'އެބާ' ބޭންޑުގެ ޓްރިބިއުޓް ބޭންޑުގެ ޝޯއެކެވެ.
އުބާ އިވެންޓްސްއިން ސްޕޮންސަރުން ހޯދައި، ޓިކެޓު ވެސް ވިއްކާފައި ވަނިކޮށް ސަރުކާރުން މި ޝޯ ހުޓުވާފައިވާތީ ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ސަރުކާރުން އިންތިޒާމުކުރާ އެކްސްޕޯތަކާއި މިނިވަން ކާނިވަލް ފަދަ ހަރަކާތްތަކުގައި މިއުޒިކް ޝޯތައް ބާއްވަމުންދާއިރު، މިފަދަ ޝޯއެއް ކެންސަލް ކުރަން އެންގުމުންނެވެ.