ޑިއުޓީގައި ހުއްޓައި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެގެން ވަޒީފާއިން ވަކިކުރި ފުލުހުންގެ މެރިން ޕޮލިސް ޑިޕާޓްމަންޓްގެ ކުރީގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރަކަށް ބަދަލުގެ ގޮތުގައި ދޭން ނިންމި މިންވަރު ކުޑަކުރި މައްސަލަ، އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މިއީ، ޑިއުޓީގައި ހުއްޓައި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެގެން ވަޒީފާއިން ވަކިކުރި، ފުލުހުންގެ މެރިން ޕޮލިސް ޑިޕާޓްމަންޓްގެ ކުރީގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރަކަށް ބަދަލުގެ ގޮތުގައި ހަ މަސްދުވަހުގެ މުސާރަ ދިނުމަށް ސިވިލް ކޯޓުން ކުރި ޙުކުމް ހައިކޯޓުން ބާޠިލުކޮށް، އެ ބަދަލު އެއް މަސްދުވަހުގެ މުސާރައަށް ކުޑަކުރަން ނިންމި މައްސަލައެވެ.
ހައިކޯޓުން މި މައްސަލަ ނިންމީ، މީގެ ދެ އަހަރު ކުރިންނެވެ. އެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ ކޯޓުގެ ރަޖިސްޓްރީން ދައްކަނީ މިދިޔަ ހަފުތާގައެވެ.
ސުޕްރީމް ކޯޓަށް މި ފަދަ މައްސަލަތައް ހުށަހަޅަން އާއްމުކޮށް ލިބެނީ 30 ދުވަހުގެ މުއްދަތެކެވެ. އެހެންނަމަވެސް، މި މައްސަލަ ހުށަހެޅުން ދެ އަހަރު ލަސްވީ ސަބަބެއް ނޭނގެއެވެ.
މެރިން ޕޮލިސް ޑިޕާޓްމަންޓްގެ ކުރީގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ 2017 ވަނަ އަހަރުގެ ފެބުރުއަރީ މަހު ޑިއުޓީގައި ހުއްޓައި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ބުނެ، 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ. އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، ވަޒީފާ އިޢާދަކޮށްދިނުމަށާއި މުސާރައާއި ޢިނާޔަތްތައް ހޯދުމަށް އޭނާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ސިވިލް ކޯޓުން ނިންމާފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށްވާތީ ވަޒީފާ އިޢާދަކޮށްދޭންޖެހޭ ތަނެއް ނެތް ކަމަށެވެ. ނަމަވެސް، ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން އޭނާއަށް ޙަވާލުކުރިކަން ސާބިތުނުވާތީ ބަދަލުގެ ގޮތުގައި ހަ މަސްދުވަހުގެ މުސާރައާއި ޢިނާޔަތަށްވާ 126,934.80 ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކުރިއެވެ.
މި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ނިންމީ، މައުޟޫޢީ ޢަދުލުވެރިކަން ގާއިމުވެފައި އޮއްވައި ހަމައެކަނި އިޖުރާއީ އައިބެއް އުޅޭ ހާލަތްތަކުގައި ދޭންޖެހޭނީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ އެއްގޮތަށް ރަމްޒީ ނުވަތަ ކުޑަ ބަދަލެއް ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުން ނަގައިދިން ހަ މަސްދުވަހުގެ މުސާރައަކީ ބޮޑު އަދަދެއް ކަމަށް ކަނޑައަޅައި، އެ ބައި ބާޠިލުކުރިއެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅުއްވީ، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ގާއިމުކޮށްފައި ނުވާތީ ޢަދުލުވެރި ބަދަލެއްގެ ގޮތުގައި މެރިން ޕޮލިސް ޑިޕާޓްމަންޓްގެ ކުރީގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރަށް ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ މުސާރައިގެ ނިސްބަތުން އެއް މަސް ދުވަހުގެ މުސާރައާ އެއްވަރުގެ އަދަދެއް ދައުލަތުން އޭނާއަށް ދިނުމަށެވެ.