އިންޑިއާގެ ދަރިވަރުން ކުރިއަށްގެންދާ އިހުތިޖާޖަށް ސަލްމާން ތާއީދުކޮށްފި

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން--ފޮޓޯ/އެންޑީޓީވީ

އިންޑިއާއިން ބާއްވާ ނީޓް-ޔޫޖީ އިމްތިހާނުގެ ކަރުދާސް ލީކުވި ކަމަށް ބުނާ މައްސަލައިގައި، ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ)އިން އިސްނަގައިގެން ދަރިވަރުން ކުރަމުންދާ އިހުތިޖާޖަށް ބޮލީވުޑްގެ މަގުބޫލު ފިލްމީ ތަރި ސަލްމާން ޚާން ތާއީދުކޮށްފިއެވެ.

ތައުލީމީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މަސައްކަތަށް ތައުރީފުކުރަމުން ސަލްމާން ބުނީ، ދަރިވަރުންގެ ޑިމާންޑްތަކަށް ސަރުކާރުން އިޖާބަދޭންޖެހޭނެ ކަމަށެވެ. މިއީ މި މައްސަލައިގައި މިހާތަނަށް ބޮލީވުޑްގެ މަޝްހޫރު ތަރިއަކު ފާޅުކުރި އެންމެ ވަރުގަދަ ޝުއޫރެވެ.

"މިއީ ނުހަނު ސުލްހަވެރި ހަރަކާތެއް. ނަމަވެސް މި ހަރަކާތް ހަމަނުޖެހުމަކަށް ބަދަލުވެގެން ދިއުމަކީ ނުހަނު ހިތާމަހުރި ކަމެއް. އަނިޔާވި ދަރިވަރުންނާއި އެކުދިންގެ އާއިލާތަކަށްޓަކައި އަހަރެންގެ ހިތް ހިތާމައިން ފުރިގެންވޭ. އިމްތިހާނު ކަރުދާސް ލީކުވުމަކީ ވަރަށް ސީރިއަސް މައްސަލައެއް. ގައުމުގެ މުސްތަގުބަލަށްޓަކައި، ތައުލީމީ ނިޒާމު ރަނގަޅުކުރުމަށް ކުދިން އެއްގަލަކަށް އަރައި، އެކުދިންގެ ބެލެނިވެރިންވެސް އެކަމަށް ތާއީދުކުރާތަން ފެނުމަކީ ލިބޭ އުފަލެއް" ސޯޝަލް މީޑިއާ މެދުވެރިކޮށް ސަލްމާން ހިއްސާކުރި ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.

ސަލްމާން އިތުރަށް ފާހަގަކުރި ގޮތުގައި، ދަރިވަރުން މިކަމުގައި ސާބިތުވެ ތިބުމުން ހާމަވަނީ އެކުދިން ކިޔެވުމަށް ބަހައްޓާ އަހައްމިއްޔަތުކަމާއި، އިންޑިއާ އަކީ ތައުލީމީ ގޮތުން ކުރިއަރާފައިވާ ގައުމަކަށް ހެދުމަށް ކުރާ އުންމީދެވެ.

އިމްތިހާނުތަކުގެ މައްސަލަތަކާއި ތައުލީމީ ދާއިރާގެ ކަންކަން އިސްލާހުކުރުމަށް ގޮވާލައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ދަރިވަރުން ކުރިއަށްގެންދާ މުޒާހާރާގެ މަންޒަރެއް--ފޮޓޯ/އެންޑީޓީވީ

އަދި މި އިހުތިޖާޖަކީ ކަންކަން ހަމަ މަގަށް އެޅުވުމަށް އޮތް އެންމެ ރަނގަޅު މަގު ކަމަށާއި ދަރިވަރުން މިކަން ކުރިއަށް ގެންދިޔައީ ވަރަށް ސުލްހަވެރިކަމާއެކު ކަމަށް ސަލްމާން ވަނީ ފާހަގަކޮށްފައެވެ. އެކުދިންގެ ހިތްވަރާއި އަޒުމަށް ސާބަސް ދެމުން ކާމިޔާބު އެކްޓަރު ބުނީ، މިއީ އިންޑިއާ ފަހުރުވެރިވާނެ ޖީލެއް ކަމަށެވެ.

މީގެއިތުރުން މި ހަރަކާތުގެ ނާޖާއިޒު ފައިދާ އެހެން ބަޔަކު ނެގިޔަ ނުދިނުމަށް ސަލްމާންގެ ޕޯސްޓުގައި ދަރިވަރުންނަށް ވަނީ އިރުޝާދުދީފައެވެ.

"މިއީ ދަރިވަރުންނާއި ތައުލީމީ ނިޒާމާ ދެމެދު އޮތް ކަމެއް. މީގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެގެން ނުވާނެ. މިކަމުގެ ފުރިހަމަ ކްރެޑިޓް ލިބެންޖެހޭނީ ހަމައެކަނި ދަރިވަރުންނަށް. ސަރުކާރުންވެސް އެކުދިންނަށް އެއްބާރުލުންދީ، ތައުލީމީ ނިޒާމު ވަރުގަދަ ކުރާނެ ކަމަށް އުންމީދު ކުރަން. މިއީ އެންމެނަށްވެސް ފައިދާހުރި ގޮތް. އަހަރެން އުންމީދުކޮށް ދުއާކުރަނީ ހެޔޮ ނަތީޖާއަކަށް. ކިޔަވަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް މާތްﷲ ބަރަކާތް ލައްވާށި. ތައުލީމަކީ އެންމެ މަގުބޫލު ކަމަށް ހަދަންޖެހޭ. އިންޑިއާއަކީ ތައުލީމީ މަރުކަޒަކަށްވެ، ބޭރު ގައުމުތަކުން މީހުން ކިޔަވަން އަންނަ ތަނަކަށް ވާންޖެހޭ" އެކްޓަރުގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ސަލްމާންގެ އިތުރުން ރިތިކް ރޯޝަން، ދިލްޖީތު ދޯސަންޖް، ނަސީރުއްދީން ޝާހް، ސޮނާކްޝީ ސިންހާ، ރަތުނާ ޕާތަކް ޝާހް، ޝަބާނާ އަޒްމީ، ޕްރަކާޝް ރާޖް، ޓޮވީނޯ ތޯމަސް އަދި އަތުލް ކުލްކަރްނީ ފަދަ މަޝްހޫރު ތަރިން ވަނީ އިހުތިޖާޖުގެ ބައިވެރިންނަށް ފުލުހުން އަނިޔާކުރި ކުރުން ކުށްވެރިކޮށް، ސީޖޭޕީގެ މި ހަރަކާތަށް ތާއީދުކޮށްފައެވެ.

ޖަންތަރު މަންތަރުގައި މި އިހުތިޖާޖުތައް ފެށުނީ މި މަހުގެ ކުރީކޮޅުގައެވެ. ދަރިވަރުން ގޮވާލަމުންދަނީ ނީޓް އިމްތިހާނުގެ ކަރުދާސް ލީކުވުމާއި އިމްތިހާނުތަކުގައި ހުރި މައްސަލަތަކަށް ޒިންމާދާރުވުމަށާއި، ތައުލީމީ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި 'ޗަލޯ ސަންސަދު' މާރޗްގައި ފުލުހުން ބާރުގެ ބޭނުންކޮށް އިހުތިޖާޖުގެ ބައިވެރިން ރޫޅާލުމާ ގުޅިގެން މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.

comment ކޮމެންޓް