ބޮލީވުޑްގެ މަގުބޫލު ބަތަލާ ރިޗާ ޗައްޑާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "ޕުޝިންގް ބަޓަންސް ސްޓޫޑިއޯސް"އިން އަލަށް އުފައްދާ "މުސާފިރީ"ގެ ފުރަތަމަ ސީޒަންގައި އިންޑިއާގެ މުމްބާއީއާ ގުޅޭގޮތުން މީގެކުރިން އަޑުއިވިފައިނުވާ ގިނަ ވާހަކަތަކެއް ހިމެނޭނެ ކަމަށް ބަތަލާ ބުނެފިއެވެ.
އިންޑިއާގެ މުއްސަނދި ތާރީޚާއި، ސަގާފަތާއި، އާންމުންނަށް ނޭނގި ހުރި ތަފާތު ވާހަކަތައް ގެނެސްދޭ މި ސިލްސިލާގެ ފުރަތަމަ ސީޒަން ހާއްސަކޮށްފައިވަނީ މުމްބާއީ ސިޓީގެ އެކި ދާއިރާތަކަށެވެ.
މި ސިލްސިލާއާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިއީ ދަތުރުފަތުރާއި، ސަގާފަތާއި، އަދި އެކި މީހުންނާ ކުރެވޭ މުހިންމު މަޝްވަރާތައް އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މީގެ ކޮންމެ އެޕިސޯޑަކުންވެސް އެ ތަނެއްގެ ތާރީޚާއި، އާދަކާދަތަކާއި، އަދި އެ ތަނަކާ ގުޅިފައިވާ މީހުންގެ ވާހަކަތައް ބެލުންތެރިންނަށް ގެނެސްދޭނެއެވެ.
"މުސާފިރީ"ގެ ފުރަތަމަ ސީޒަނުގައި ޖުމްލަ 8 އެޕިސޯޑު ހިމެނޭއިރު، މުޅި ސީޒަން ބިނާވެފައިވަނީ ރިޗާ މިހާރު ދިރިއުޅުމަށް އެންމެ އިސްކަންދޭ ސިޓީ ކަމަށްވާ މުމްބާއީގެ އެކި މަންޒަރުތަކުގެ މައްޗަށެވެ.

ރިޗާ ގެނެސްދޭ ޔޫޓިއުބް ޝޯ "މުސާފިރީ"ގެ މަންޒަރެއްގައި ބަތަލާ--ފޮޓޯ/ޕިންކްވިލާ
މީގެއިތުރުން، ކުރިއަށް ހުރި ސީޒަންތަކުގައި އިންޑިއާގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، މާ ބޮޑަށް މަޝްހޫރު ނޫން ސަގާފަތްތަކާއި، ދިރިހުރި ތާރީޚުތަކާއި، އަދި ތަފާތު މުޖުތަމައުތަކުގެ މައުލޫމާތު ގެނެސްދިނުމަށް ވަނީ ރޭވިފައެވެ.
މި ސިލްސިލާގެ މައިގަނޑު އިންސްޕިރޭޝަނަކީ މުމްބާއީކަން ފާހަގަކުރަމުން ރިޗާ ބުނެފައިވަނީ، އެ ސިޓީ އަކީ އޭނާގެ މަސައްކަތުގެ މައި މަރުކަޒު ކަމަށާއި، އެ ސިޓީއަށް އޭނާގެ ހިތުގައި ހާއްސަ ލޯތްބެއް އޮންނަ ކަމަށެވެ. އަދި މި ސިލްސިލާގެ ކޮންމެ އެޕިސޯޑަކުންވެސް ބެލުންތެރިންނަށް އާ ކަންތައްތަކެއް ދަސްވާނެކަމުގެ ޔަގީންކަން ބަތަލާ ވަނީ ދީފައެވެ.
"އަހަރެމެންގެ މި ދަތުރު ފެށެނީ މުމްބާއީން ނަމަވެސް، މިއީ މި ދަތުރުގެ ނިމުމެއް ނޫން. އިންޑިއާ އަކީ ކިޔައިދެވިފައި ނުވާ އެތައް ވާހަކަތަކަކާއި، ހަނދާން ނެތިފައިވާ ސަގާފަތްތަކަކާއި، އަދި ހުނަރުވެރި މީހުންގެ މަންޒިލެއް. އަހަރެންގެ އުންމީދަކީ 'މުސާފިރީ'ގެ ސަބަބުން، އަހަރެމެންނަށް ފެންނަ އާންމު މަންޒަރުތަކާ މެދު އާ ނަޒަރަކުން ބަލަން މީހުންނަށް ހިތްވަރު ލިބި، ދަތުރުފަތުރުގެ ތެރެއިން އެހެން މީހުންނަށް އިހުތިރާމްކުރުމާއި ސަގާފީ އަގުތައް ވަޒަންކުރަން ދަސްވުން" ރިޗާ އިތުރަށް ބުނެފައިވެއެވެ.
މި ސިލްސިލާގެ ފުރަތަމަ ސީޒަން މި މަހުތެރޭ ޔޫޓިއުބް މެދުވެރިކޮށް ގެނެސްދޭނެކަން އިއުލާނުކުރި ނަމަވެސް ރިލީޒްކުރާނެ ސީދާ ވަކި ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.