އިންޑިއާގެ އެންމެ ނުފޫޒުގަދަ އަންހެން ތަރިއަކަށް 93.9 މިލިއަން ޑޮލަރުގެ ބްރޭންޑް އަގަކާއެކު ފިލްމީ ތަރި އާލިއާ ބަޓް ހޮވިއްޖެއެވެ.
ކްރޯލް ސެލެބްރިޓީ ބްރޭންޑް ވެލުއޭޝަން 2025ގެ ރިޕޯޓުގައިވާ ގޮތުން، 93.9 މިލިއަން އެމެރިކާ ޑޮލަރުގެ ބްރޭންޑް އަގަކާ އެކު އިންޑިއާގެ އެންމެ ނުފޫޒުގަދަ ޝަޚުސިއްޔަތުންގެ ތެރޭގައި ހަވަނަ މަގާމު ހޯދައި، އާލިއާ ބަޓް ވަނީ އޭނާގެ މަގުބޫލުކަން އިތުރަށް ވަރުގަދަކޮށްފައެވެ.
މި ރިޕޯޓުން ހާމަވާ ގޮތުގައި އިންޑިއާގެ އެންމެ ބޮޑެތި ތަރިންގެ ވިޔަފާރީގެ ނުފޫޒު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އަދި މުނިފޫހިފިލުވުމާއި، ކުޅިވަރާއި، ވިޔަފާރީގެ ދާއިރާއިން އުފެދޭ މިފަދަ ބްރޭންޑްތަކުގެ އަގު ވަނީ ފާހަގަކޮށްލެވޭ ފަދަ އުސްމިންތަކަކަށް ވާސިލުވެފައެވެ.
މި އަހަރުގެ ރޭންކިންގެ އެއްވަނަ 177.9 މިލިއަން ޑޮލަރުގެ ބްރޭންޑް އަގަކާއެކު ޝާހްރުކް ޚާން ހޯދާފައިވާއިރު، އޭނާގެ ފަހަތުން ރަންވީރު ސިންގް އަދި ވިރާޓް ކޯލީ ވަނީ ލިސްޓުން ޖާގަ ހޯދާފައެވެ. މިއީ ތަޖުރިބާކާރު ތަރިންނާއި މި ޒަމާނުގެ މަގުބޫލު ފަންނާނުންގެ ދެމެދުގައި އޮތް ވަރުގަދަ ވާދަވެރިކަން ހާމަކޮށްދޭ ކަމެކެވެ.

އާލިއާ ބަޓް ފިރިމީހާ ރަންބީރު ކަޕޫރު އަދި ދަރިފުޅު ރަހާ ކަޕޫރާ އެކު--ފޮޓޯ/ޖީކިއުއިންޑިއާ
އަންހެން ސެލެބްރިޓީންގެ ތެރެއިން އެންމެ ކުރީގައި އުޅެނީ އާލިއާ ބަޓް އެވެ. މިއީ އިންޑިއާގެ ބްރޭންޑްތަކުން އެންމެ އިތުބާރުކުރާ އަދި އެންމެ ބޮޑު ތަރުހީބެއް އޮތް ފަރާތެއްގެ ގޮތުގައި އޭނާ ދަމަހައްޓަމުންދާ ރީތި ނަން ރަމްޒުކޮށްދޭ ކަމެކެވެ.
މި ރިޕޯޓުން ފެންނަ ގޮތުގައި އާލިއާގެ ކާމިޔާބީ އަކީ ހަމައެކަނި ފިލްމީ ދާއިރާއަށް އެކަނި އޮތް ކަމެއް ނޫނެވެ. ވޭތުވެދިޔަ އަހަރުތަކުގައި އޭނާ ވަނީ ކާމިޔާބު ފިލްމުތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކާއި، ބައިނަލްއަގުވާމީ ލަގްޒަރީ ފެޝަން ބްރޭންޑްތަކާ ގުޅިގެން ކުރާ މަސައްކަތްތަކާއި، ރީތިވުމަށް ބޭނުންކުރާ ސާމާނު އުފައްދާ ކުންފުނިތަކާ އެކު ކުރާ މުއާމަލާތްތަކުން ވަރުގަދަ ބްރޭންޑެއް އުފައްދާފައެވެ. މީގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންގެ މެދުގައިވެސް އޭނާގެ މަގުބޫލުކަން ވަނީ އިތުރުވެފައެވެ.
އާލިއާ މިފަދަ މަތީ މަގާމެއް ހޯދުމަކީ ސެލެބްރިޓީ ބްރޭންޑިންގްގެ ދާއިރާއަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ނިޝާނެކެވެ. އޭނާގެ މަގުބޫލުކަން މިހާރު ބިނާވެފައިވަނީ ހަމައެކަނި ފިލްމީ ކުޅަދާނަކަމުގެ މައްޗަކަށް ނޫނެވެ. ފެޝަނާއި، ރީތިވުމުގެ ދާއިރާގެ އިތުރުން، އަމިއްލަ ވިޔަފާރިތަކާއި ބައިނަލްއަގުވާމީ ފެންވަރުގައި އޭނާއަށް ލިބިފައިވާ މަގުބޫލުކަން މީގައި ބޮޑު ދައުރެއް އަދާކުރެއެވެ.
އެކްޓަރެއްގެ ގޮތުންނާއި ޕްރޮޑިއުސަރެއްގެ ގޮތުން އޭނާ ކުރަމުންދާ މަސައްކަތްތަކުން، ގިނަ ބަޔަކު ނަމޫނާއަކަށް ބަލާ ފަދަ ވަރުގަދަ ޝަޚުސިއްޔަތެއް އޭނާ ވަނީ ބިނާކޮށްފައެވެ.
ކްރޯލްގެ މި ރިޕޯޓުން ފާހަގަކޮށްފައިވާ ގޮތުގައި، ސެލެބްރިޓީންގެ އަގު ވަޒަންކުރުމުގައި މިހާރު ބަލަނީ ހަމައެކަނި ފިލްމުތަކަށް ލިބޭ އާމްދަނީއަކަށް ނޫނެވެ. އޭގެ ބަދަލުގައި، ސަގާފީ ގޮތުން އެމީހެއްގެ ހުރި ނުފޫޒާއި، އިހުލާސްތެރިކަމާއި، ސޯޝަލް މީޑިއާގައި އޮތް މަގުބޫލުކަމާއި، ވިޔަފާރީގެ ތަސައްވުރަކީ ސެލެބްރިޓީއެއްގެ އަގު ދިގު މުއްދަތަކަށް ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.
އާލިއާ ބަޓް މި ހޯދި ކާމިޔާބީ އަކީ، މަލްޓިޑައިމެންޝަނަލް ނުވަތަ ތަފާތު އެކި ދާއިރާތަކުން ހޯދާ ކާމިޔާބީއަށް ބިނާކޮށް ބްރޭންޑްތަކުގެ އަގު ކަނޑައެޅޭ އައު ޒަމާނެއްގައި އޭނާ ހުރި ކުރިއެރުން ރަމްޒުކޮށްދޭ ކަމެކެވެ.
އާލިއާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަންނަ އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމު "ލަވް އެންޑް ވޯ"އިންނެވެ.