އަޖޭ ރަސްމީކޮށް ހޯސްޓުކުރާ ފުރަތަމަ ޝޯ އަކަށް ސޮނީގެ 'ކްރައިމް ޕެޓްރޯލް'

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ މަގުބޫލު ޗެނަލެއް ކަމަށްވާ ސޮނީ ޓީވީއިން ގެނެސްދެމުން އަންނަ އިންޑިއަން ޓްރޫ ކްރައިމް އެންތޮލޮޖީ ސީރީސް 'ކްރައިމް ޕެޓްރޯލް' ހޯސްޓަކަށް ބޮލީވުޑްގެ އަޖޭ ދޭވްގަން ހަމަޖެހިއްޖެއެވެ.

އަޖޭއާ އެކު މި ޝޯގެ ޕްރޮމޯއެއް ވެސް ސޮނީއިން މިހާރު ދައްކަމުން އަންނައިރު، އާ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31ވާ ހޯމަ ދުވަހުގެ ރޭ 10:30ގައެވެ. މި ޝޯ ދައްކާނީ ސޮނީ އެންޓަޓެއިންމަންޓް ޓެލެވިޜަނާއި ސޮނީ ލިވްއިންނެވެ.

ދާދި ފަހުން އާންމުކުރި ޕްރޮމޯގައި އަޖޭ ވަނީ، މިއަދުގެ ހަގީގަތްތަކާ ކުރިމަތިލާއިރު ބިރުގަތުމުގެ ބަދަލުގައި އިތުރަށް ސަމާލުވުމަށް ބެލުންތެރިންނަށް އިލްތިމާސްކޮށްފައެވެ. އަދި މި ދަތުރުގައި ބެލުންތެރިންނަށް މަގުދައްކައިދިނުމުގައި އޭނާ ދެމިހުންނާނެ ކަމުގެ ޔަގީންކަން އަޖޭ ވަނީ ދީފައެވެ.

މި ޝޯއާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަޖޭ ބުނީ، ކްރައިމް ޕެޓްރޯލް ފަދަ ޝޯއަކާ ގުޅުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ދެކޭ ކަމަށެވެ.

މި ޝޯއަކީ ކުށްތަކުގެ ހަގީގަތް ހާމަކޮށްދިނުމުގެ އިތުރުން، ބެލުންތެރިންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ގުޅުން ބާއްވާ މީހުންނާ މެދު އިތުރަށް ސަމާލުވުމަށް ބާރުއަޅާ ޝޯއެކެވެ.

ގައުމު ސިއްސުވާލި ބައެއް ހާދިސާތައް މި ސީޒަނުގައި ގެނެސްދޭއިރު، ބެލުންތެރިން ބިރުގަތުމުގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އޭނާގެ ފަރާތުން އެހީތެރިކަމާއި މަގުދެއްކުން ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އަޖޭ ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރު ގިނަ ފަންނާނުންތަކެއް ހުށަހަޅައިދިން "ކްރައިމް ޕެޓްރޯލް"ގެ ނުވަ ސީޒަން މިހާތަނަށް ވަނީ ގެނެސްދީފައެވެ. އޭގެތެރޭގައި އަނޫޕް ސޯނީ، ސޮނާލީ ކުލްކަރްނީ، ސާކްޝީ ތަންވަރު، ދިވްޔަންކާ ޓްރިޕާތީ، ސަންޖީވް ތިއާގީ، ދިވާކަރް ޕުންދިރު، އަޝުތޯޝް ރާނާ އާއި އޭނަގެ އަންހެނުން ރެނޫކާ ސަހާނޭގެ އިތުރުން ނަކުލް މެހެތާ ހިމެނެއެވެ.

comment ކޮމެންޓް