އަޒީޒާ މިސްކިތަށް ގެއްލުންދިން މީހާ މިރޭ ވެސް އެ މިސްކިތަށް ގެއްލުންދިން ކަމުގެ ތުހުމަތު

އަޒީޒާ މިސްކިތަށް މީގެ ކުރިން ގެއްލުން ދީފައި: އެ މިސްކިތަށް މިރޭ ވެސް ގެއްލުން ދީފައިވޭ --- ފޮޓޯ: ކިޔުންތެރިއެއް

ހުޅުމާލޭ އަޒީޒާ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައި މިސްކިތަށް ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ މީހާ މިރޭ ވެސް އެ މިސްކިތަށް ގެއްލުންދިން ކަމަށް ތުހުމަތުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދިން މައްސަލަ ފުލުހަށް ރިޕޯޓުކުރީ އާދީއްތަ ދުވަހުގެ ރޭ 3:47ހާއިރު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި އަޒީޒާ މިސްކިތަށް ވަންނަ ދޮރުގެ ބިއްލޫރިގަނޑު ދެ ތަނަކުން ވަނީ ތަޅާލާފައެވެ.

https://sun.mv/224905

އެ މައްސަލައާ ގުޅިގެން އިއްޔެ ފުލުހުން ބުނީ މިސްކިތަށް ގެއްލުން ދިން މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ހާލަތަށް ރިއާޔަތްކޮށް، ފިޔަވަޅު އަޅާނެކަމަށެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއާއި، އެ މައްސަލައިގައި ފުލުހުން އަޅާނެ ފިޔަވަޅަކާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެ މުއައްސަސާއިން އިއްޔެ ހިއްސާކޮށްފައެއް ނުވެއެވެ.

https://sun.mv/224931

އެއަށްފަހު މިރޭ ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިރޭ ވެސް ހަމަ އެ މިސްކިތަށް ގެއްލުން ދިންކަމަށް ތުހުމަތުކުރެވޭ ކަމަށް ބުނެފައެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ނުވާ ކަމަށާއި މި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ހިއްސާކުރި އިތުރު މެސެޖެއްގައި ވަނީ، ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރި މަސައްކަތުން، ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ މުޖުތަމައުން އެކަހެރިކޮށްފައި ކަމަށެވެ. އަދި އެ މީހާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުން ކަމަށް އެ މެސެޖުގައިވެއެވެ.

މިސްކިތްތަކަށް ގެއްލުންދޭ މިފަދަ މައްސަލަތައް މިހާރު ދޭތެރެއަކުން އަންނަނީ ފެންމަތިވަމުންނެވެ. މީގެ އެއް މަސް ކުރިން، މާލޭގެ ފުރުގާނު މިސްކިތުގެ ކުޑަދޮރަކަށް ގެއްލުންދީ އެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައެވެ.

އެފަދަ މައްސަލަތަކުގައި މީގެ ކުރިން ބައެއް ފަހަރު މީހުން ހައްޔަރުކޮށްފައިވެއެވެ.

comment ކޮމެންޓް