ހުޅުމާލޭގެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުން ދިން މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ހާލަތަށް ރިއާޔަތްކޮށް، ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ރޭ ބުނީ، ހުޅުމާލޭގެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް އާދިއްތަ ދުވަހުގެ ރޭ 3:47 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގެއްލުންދީފައި ވަނީ ޗަނބޭލީ މަގުގައި ހުންނަ އަޒީޒާ މިސްކިތަށެވެ.
މި ނޫހަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މިސްކިތަށް ވަންނަ މައި ދޮރުގެ ދެ ހިސާބަކުން ބިއްލޫރިގަނޑު ވަނީ ތަޅައިގެންގޮސްފައެވެ.
މިއަދު ފުލުހުން ބުނީ އެ މައްސަލައާ ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ މުއައްސަސާއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ތުހުމަތުކުރެވޭ ފަރާތުގެ ހާލަތަށް ރިއާޔަތްކޮށް، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއާއި، އެ މައްސަލައިގައި ފުލުހުން އަޅާނެ ފިޔަވަޅަކާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެ މުއައްސަސާއިން ހިއްސާނުކުރެއެވެ.
މާލޭގައި ވެސް މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަތައް މީގެ ކުރިން ފެންމަތިވެ، އެ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައި ވެސްވެއެވެ.