ސަރުކާރުގެ ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

ތިން ކުންފުންޏެއްގެ ބޯޑަށް އައްޔަންކުރި މެންބަރުން -- ފޮޓޯ: ޕީސީބީ

ދައުލަތުގެ ހިއްސާ އޮންނަ ތިން ކުންފުންޏެއްގެ ބޯޑަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މެމްބަރުން އައްޔަންކޮށްފިއެވެ.

ޕީސީބީއިން މެމްބަރުން އައްޔަންކުރި ތިން ކުންފުންޏަކީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ)ގެ އިތުރުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އެވެ.

ޕީސީބީން މިފްކޯގެ ބޯޑު މެމްބަރު ކަމަށް އައްޔަންކޮށްފައިވަނީ ސ. ފޭދޫ، އާބާދީގެ، ފާތިމަތު އާޒިޔާ ފަތުހީއެވެ. އަދި އެމްއެފްއެމްސީގެ ބޯޑަށް ހއ. ތަކަންދޫ، ރަތްވިލާގެ، ހުސައިން އަބްދުލްވާހިދު އައްޔަންކޮށްފައިވާއިރު ބީސީސީގެ ބޯޑު މެމްބަރުކަމަށް އައްޔަންކޮށްފައިވަނީ ސ. ހިތަދޫ، މީނާޒް، އީނާސް ނަސީރެވެ.

ޕީސީބީން ތިން ކުންފުންޏެއްގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފައި މިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު އެންގުމަށް ފަހު، އެ މަސައްކަތް ތިން މަސް ތެރޭ ނިންމަށް އަލުން ކުންފުނިތަކަށް އެންގުމަށްފަހުގައެވެ.

ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ގައުމުގެ ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 30،000އަށްވުރެ އިތުރެވެ. ފިނޭންސް މިނިސްޓްރީން އޭޕްރިލް މަހު ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ސަރުކާރު ކުންފުނިތަކުގައި އޭރު ތިބި މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް 42،000އަށް އަރައެވެ.

ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރަނީ، ދަރަނި ބޮޑުވެފައިވާ ރާއްޖޭގައި ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުންނެވެ.

comment ކޮމެންޓް