ސަލްމާންގެ ރައްދު މީޑިއާތަކަށް: އެންމެންގެ ހާލު ރަނގަޅުތަ؟

އިންޑިއާގެ އެކްޓަރު ސަލްމާން ޚާން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި ހަފުތާގެ ކުރީކޮޅު މީސްމީޑިއާގައި ދައުރުވާން ފެށި ވީޑިއޯއެއްގައި ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާން ގިނަ ބަޔަކަށް ފެނުނީ ވަރަށް ބަލިކޮށް، ހަށިގަނޑު ހިކިފައި ހުއްޓައެވެ.

އެއާ އެކު އޭނާގެ ސިއްހަތާ މެދު ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ސަލްމާން ވަނީ އިންސްޓަގްރާމްގައި އާދަޔާ ހިލާފު ޕޯސްޓެއް ހިއްސާކޮށްފައެވެ.

ސަލްމާން އިންސްޓަގްރާމްގައި ހިއްސާކުރި ކަޅާއި ހުދުގެ ފޮޓޯތަކަކާ އެކު ލިޔެފައި ވަނީ "ތިޔަ އެންމެ ބޭފުޅުންގެ ސިއްހަތު ކިހިނެއް ހެއްޔެވެ؟" މިފަދަ މާނައެއް އެކުލެވޭ ސުވާލެކެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އޭނާގެ ސިއްހަތާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ދިން ނުސީދާ ރައްދެކެވެ.

މި އަހަރުގެ ޑިސެމްބަރު މަހު އުމުރުން 61 އަހަރު ފުރޭ އެކްޓަރުގެ ސިއްހީ ހާލަތު ގޯސްވެފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި ނަމަވެސް، މިހާތަނަށް ސަލްމާންގެ ފަރާތުން މިކަމާ ގުޅޭ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

ސަލްމާން ޚާން މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވަނީ އަދި އެކްޓަރު އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ބައެއް ކަޅާއި ހުދުގެ ފޮޓޯތަކުން ފޮޓޯއެއް--ފޮޓޯ/އެންޑީޓީވީ

މި ވާހަކަތައް ގަދަވެފައި ވަނީ މިދިޔަ ހުކުރު ދުވަހު މުމްބާއީގައި ބޭއްވި ރަސްމިއްޔާތަކުން ސަލްމާން ފެނުނުއިރު ސިފައަށް ބޮޑު ބަދަލެއް އައިސް ވަރަށް ބަލިކޮށް ގިނަ ބަޔަކަށް ފެނުމުންނެވެ.

އެ ވީޑިއޯ އާންމުވުމާ އެކު، އެކްސްގައި ގިނަ ބަޔަކު ވަނީ ސަލްމާންގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާ މެދު ސުވާލު އުފައްދާފައެވެ. އެއް ބަޔަކު ބުނާ ގޮތުގައި ސަލްމާން ފެންނަނީ ވަރަށް ބަލިކޮށެވެ. އަދި އަނެއް ބަޔަކު ވަނީ ސަލްމާން ބޭނުންކުރާ ސްޓެރޮއިޑްގެ ސަބަބުން ހަށިގަނޑަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

އުމުރުން ދުވަސްވީ ނަމަވެސް ސަލްމާން ފާހަގަކުރެވެނީ ފިލްމު އިންޑަސްޓްރީގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ އެކްޓަރެއްގެ ގޮތުގައެވެ. ސިއްހަތަށް ވެސް ހާއްސަ ސަމާލުކަމެއްދޭ އެކްޓަރު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައިނުވާ ފިލްމު "މާތުރްބޫމީ"އިންނެވެ.

comment ކޮމެންޓް