ސަލްމާން ފެންނަ އާ ވީޑިއޯއަކާ ގުޅިގެން ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަނީ

އިންޑިއާގެ އެކްޓަރު ސަލްމާން ޚާން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އެންމެ ފަހުން އާންމުންގެ ތެރެއިން ފެނުނު ކަމަށް ބުނާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފެށުމާއެކު، އެކްޓަރުގެ ސިއްހީ ހާލަތާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ.

މި ވީޑިއޯގެ ސައްހަކަމާ މެދު ބައެއް މީހުން ޝައްކު އުފައްދާއިރު، މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

އިންޓަނެޓްގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަނީ ސަލްމާން އޮފީހަކަށް ޒިޔާރަތްކޮށް، ސަޕޯޓަރުންގެ މެދުގައި ހުއްޓައެވެ. މި ވީޑިއޯގައި އުމުރުން 60 އަހަރުގެ ސަލްމާން ހުރީ ބޭޖް ކުލައިގެ ގަމީހަކާއި، ޖިންސެއްގެ އިތުރުން ތޮތްޕެއް އަޅައިގެންނެވެ. ވީޑިއޯ އާންމުވިތާ މާގިނައިރުތަކެއް ނުވެ، ސަލްމާންގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާއި އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ގިނަ ބަޔަކު ވަނީ ޝުއޫރު ފާޅުކުރަން ފަށާފައެވެ.

ފިލްމު "މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް"ގެ މަންޒަރެއްގައި ސަލްމާން ޚާން--ފޮޓޯ/ޕިންކްވިލާ

ސަލްމާންގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ފެނި އެކްޓަރުގެ ސިއްހީ ހާލަތާމެދު ކަންބޮޑުވާ ކަމަށް ބައެއް ސަޕޯޓަރުން ބުނެފައިވާއިރު، އެކްސްގައި މިކަމާ ގުޅޭގޮތުން ޝުއޫރު ފާޅުކުރި މީހަކު ބުނެފައިވަނީ، ސަލްމާންގެ ހަށިގަނޑަށް މިފަދަ ބަދަލެއް އައީ ސްޓެރޮއިޑްސް ބޭނުންކުރުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

ނުވަދިހައިގެ އަހަރުތަކުގެ މަޝްހޫރު އެކްޓަރުންގެތެރެއިން އެންމެ ބޮޑަށް މުސްކުޅި ސިފަ ޖެހިފައިވަނީ ސަލްމާން ކަމަށް ބައެއް މީހުން ސިފަކުރިއިރު ވައިރަލްވެފައިވާ ވީޑިއޯތަކުން ފެންނަނީ ހަގީގަތުގައި ވެސް ސަލްމާން ކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެތެރޭ ހިމެނޭ ސަލްމާން ޚާންއަކީ އޭނާގެ ރީތި ކަމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ އެކްޓަރެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ސަލްމާން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ "މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް"ގެ ނަމުގައި އެކްޓަރުގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން ގެނެސްދޭ ފިލްމުންނެވެ. އަޕޫރްވާ ލާކިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުން އެކްޓަރާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ޗިތުރަންގަދާ ސިންގްއެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނު ނުކުރެއެވެ.

comment ކޮމެންޓް