މަރާމާތަށް ފަހު މާފަންނު ފުޓްސަލް ދަނޑު މިއަދު ހުޅުވައިފިއެވެ.
މާފަންނު ފުޓްސަލް ދަނޑު ހުޅުވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
މި ދަނޑު ހުޅުވާފައި ވަނީ އެކަމަކަށްޓަކައި މިއަދު މާފަންނު ފުޓްސަލް ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހިމާއި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ނަޒީމްގެ އިތުރުން މާފަންނުގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.
މި ދަނޑު ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ގްރޭޓާ މާލެ ސަރަހައްދުގައި ސަރުކާރުން ގާއިމުކޮށްފައިވާ ކޮންމެ ފުޓްސަލް ދަނޑަކީ ވެސް ގިނަ އަދަދެއްގެ ޒުވާނުން އެކި މުނާސަބުތަކުގައި ބޭނުންކުރަމުން އަންނަ ދަނޑުތަކެއް ކަމަށެވެ. އެހެންކަމުން މި ދަނޑުތަކަކީ ރައްކާތެރި އަދި ކުޅެން އެކަށީގެންވާ ތަންތަނަށް ހެދުމަކީ ސަރުކާރުން މުހިންމު އިސްކަމެއްދޭ ކަމެއް ކަމަށް ވެސް ރާފިއު ވިދާޅުވިއެވެ.
ހަމައެއާއެކު އައު ދަނޑެއްގެ ގޮތުގައި މި ދަނޑު މާފަންނުގެ ޒުވާނުންނަށް ލިބޭއިރު، ދޭން ބޭނުންވާ މުހިންމު މެސެޖަކީ، ގިނަ ދުވަސްތަކެއް ވަންދެން މި ދަނޑު ބޭނުން ކުރެވޭނީ ވެސް ފަރުދީ ޒިންމާތައް އަދާކޮށްގެން ކަމަށާއި މިގޮތުން އެންމެންވެސް ދަނޑުގެ ރައްކާތެރި ކަމަށް އިސްކަންދީ ގިނަ ދުވަހު މި ދަނޑުގެ ބޭނުން ހިފޭނެ ގޮތަށް މަސައްކަތްކޮށް ދިނުން މުހިންމު ކަމަށް ވެސް ރާފިއު ވިދާޅުވިއެވެ.
މާފަންނު ފުޓްސަލް ދަނޑު މަރާމާތުކުރުމަށް ބަންދުކޮށް އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި މަސައްކަތް ފުރިހަމަކުރުމަށްފަހު މިމަހުގެ ހަތަރު ވަނަ ދުވަހު އާުރުޑީސީން ވަނީ ދަނޑު ހަވާލުކޮށްފައެވެ.