އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2026" ގައި ޖުމްލަ 9 ގައުމެއްގެ ކްލަބްތަކާއި އެކަޑަމީތަކުން 334 ކުޅުންތެރިން ބައިވެރިވާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ދަ ބެޑްމިންޓަން ކުލަބުން ހާމަކޮށްފިއެވެ.
އަންނަ މަހުގެ 13 އިން 19 އަށް މާލޭގެ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާ މި މުބާރާތަށް ޖުމްލަ 543 އެންޓްރީ ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 273 ދިވެހި ކުޅުންތެރިންނާއި ބޭރުގެ 8 ގައުމަކުން ވާދަކުރާ 61 ކުޅުންތެރިންނެވެ. މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ބިދޭސީ ކުޅުންތެރިންގެ ބައިވެރިވުން ދެގުނައަށްވުރެ އިތުރު އަދަދެކެވެ.
ދިވެހިރާއްޖޭގެ އިތުރުން މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ގަތަރު، ސްރީލަންކާ، އިންޑިއާ، ބަހުރައިން، އަރުމޭނިއާ، ނޭޕާލް، ބަންގްލާދޭޝް އަދި ޕޯލަންޑެވެ. މީގެ އިތުރުން މުބާރާތުގެ މެޗުތަކުގައި އިންސާފުކުރުމަށް ޖަޕާނު، އަރުމޭނިއާ އަދި ފިލިޕީންސްގެ ބައިނަލްއަގުވާމީ އަމްޕަޔަރުންވެސް ހަރަކާތްތެރިވާނެއެވެ.
މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ޖޫނިއާ އޯޕަންގެ ތެރެއިން-- މި މުބާރާތުގެ ރަސްމީ މެޑަލް އިފްތިތާހުކޮށްދީ ދައްކާލާފައިވަނީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ސުރޭޝް ރައިނާއެވެ. ބައިނަލްއަގުވާމީ ކުޅިވަރުގެ ދުނިޔޭގައި މަގުބޫލު ޝަޚުސިއްޔަތެއް ކަމަށްވާ ރައިނާ މި މެޑަލް ދައްކައިދިނީ އޭނާގެ ސޯޝަލް މީޑިއާ ސްޓޯރީ މެދުވެރިކޮށެވެ.
"ދަ ބެޑްމިންޓަން ކްލަބް" އިން އިސްނަގައިގެން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއާ ގުޅިގެން އިންތިޒާމުކުރާ މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. އަދި ކޯ-ޕާޓްނަރުންގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި މާތެއާ ހިމެނޭއިރު، ސަޕޯޓިންގ ޕާޓްނަރުންނަކީ އެސްޓީއޯ އަދި ބީއެމްއެލްއެވެ. މީގެ އިތުރުން އެއަރލައިން ޕާޓްނަރަކީ މޯލްޑިވިއަން ކަމަށްވާއިރު، ޕްރިންޓިންގ ޕާޓްނަރަކީ ޕްރިންޓްލެބްއެވެ.
މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ދިވެހި ޒުވާން އެތުލީޓުންގެ މެދުގައި ބެޑްމިންޓަންގެ ފޯރި އިތުރުކޮށް، އަމިއްލަ ގައުމުގައި ތިބެގެން ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތެއްގައި ވާދަކުރުމުގެ ފަހި ފުރުސަތު ހޯދައިދިނުން ކަމަށް ދަ ބެޑްމިންޓަން ކުލަބުން މައުލޫމާތުދެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި މި މުބާރާތުގެ ފުރަތަމަ އެޑިޝަނަކީ ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ޖޫނިއާ ބެޑްމިންޓަން މުބާރާތެވެ. 7 ގައުމަކުން 347 ކުޅުންތެރިން ބައިވެރިވެ 735 މެޗު ކުޅުނު އެ މުބާރާތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެކަޑަމީތަކުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.