އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ރޯޔަލް ތައި ޕޮލިސް ގުޅިގެން ތައިލެންޑުގައި ބާއްވާ "ރީޖަނަލް ސަމިޓް އޮން ސްކޭމް ސެންޓާ ކޮމްޕައުންޑްސް އެންޑް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް" ގައި ބައިވެރިވެވަޑައިގަތުމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
މާދަމާ އާއި އަންގާރަ ދުވަހު ބެންކޮކްގައި ކުރިއަށްދާ މި ސަމިޓަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ފުލުހުންގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ސީޕީގެ މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ލޯ އެންފޯސްމަންޓް އިދާރާތަކާއެކު ގުޅުން ބަދަހިކުރެއްވުމެވެ. މީގެ އިތުރުން، ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި ސްކޭމްތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ގުޅިގެން މަސައްކަތްކުރުމަށް މި ސަމިޓުގައި މަޝްވަރާކުރާނެއެވެ.
މި ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ފުޅާ ދާއިރާއެއްގައި ސްކޭމް ސެންޓަރުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންނެވެ. ރާއްޖޭގައި ވެސް ސްކޭމްގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 2،700 އަށްވުރެ ގިނަ ސްކޭމް މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަދި މި މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ހަމައެކަނި ނިމިދިޔަ ޖޫން މަހު ވެސް 122 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން ގިނައީ ފޭސްބުކް މާކެޓްޕްލޭސް ފަދަ މަންސަތައް މެދުވެރިކޮށް ހިންގާފައިވާ އޮންލައިން ވިޔަފާރީގެ މަކަރާއި ހީލަތުގެ މައްސަލަތަކެވެ. މީގެ އިތުރުން، އައިޑެންޓިޓީ އޮޅުވާލައިގެންނާއި މަނީ ލޯންޑަރިން އާ ގުޅުންހުރި ސްކޭމްތައް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ މިފަދަ ކުށްތައް ހުއްޓުވުމަށްޓަކައި އެހެން ގައުމުތަކުގެ ތަޖުރިބާއާއި އެހީތެރިކަން ރާއްޖެއަށް ވަރަށް މުހިންމު ކަމަށް ފުލުހުން ފާހަގަކުރެއެވެ.
ފުލުހުންގެ އިންސްޕެކްޓާ އާދަމް ނަވީދު ދާދި ފަހުން ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ 90 އިންސައްތައަކީ ރާއްޖޭގެ އެތެރެއިން ހިންގާ ކަންކަމެވެ. ނަމަވެސް، ބޭރުގެ ނެޓްވޯކްތަކާ ގުޅިގެން ހިންގާ ކުށްތައް ވެސް އުޅޭތީ، ބައިނަލްއަގުވާމީ އިދާރާތަކާއެކު އޮންނަ ގުޅުން ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ސްކޭމްގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެންޓި-ސްކޭމް ސެންޓަރެއް ގާއިމުކޮށް، ޚާއްސަ ކޯލް ސެންޓަރެއް މެދުވެރިކޮށް މައްސަލަތައް ރިޕޯޓުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި ސްކޭމްތަކާ ގުޅުންހުރި 3،852 ބޭންކް އެކައުންޓް ފްރީޒްކޮށް، 36 މީހަކު ހައްޔަރުކޮށްފައިވެއެވެ.
މީގެ އިތުރުން، ސްކޭމް ކުރުމަށް ބޭނުންކުރި 235 ފޯނު ނަންބަރާއި 452 ޑިވައިސް ވަނީ ބްލޮކްކޮށްފައެވެ. ފުލުހުން އިލްތިމާސްކުރައްވާ ގޮތުގައި، ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް 911 ނުވަތަ 125 އަށް ގުޅައިގެން މައްސަލަ ރިޕޯޓުކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް އޮތް އެންމެ ބޮޑު ފުރުސަތެވެ.