ވޮޝިންޓަން (19 ޖުލައި 2026) : އީރާނުގެ ހަމަލާތަކެއްގައި އެމެރިކާ ސިފައިން މަރުވުމަކީ ހިތާމަކުރާކަމެއް ކަމަށާއި ނަމަވެސް އެމީހުން މަރުވީ އީރާން ނިއުކްލިޔާ ހަތިޔާރު ހަދައިފިނަމަ ކުރިމަތިވެދާނެ ނުރައްކާތަކުން އެމެރިކާއާއި ދުނިޔެ ސަލާމަތް ކުރުމުގެ މަތިވެރި މަގްސަދުގައި ހަރަކާތްތެރި ވަމުންދަނިކޮށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ އޭނާ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގާ މިހާތަނަށް މަރުވީ އެމެރިކާގެ އެންމެ 16 ސިފައިން ކަމުގައެވެ. ނަމަވެސް ވިއެޓްނާމް ހަނގުރާމައާއި އިރާގު ހަނގުރާމައާއި އަފްޣާނިސްތާނު ހަނގުރާމަ ފަދަ އެމެރިކާގެ އެހެން ރައީސުން ކުރި ހަނގުރާމަތަކުގައި އެމެރިކާ ސިފައިން އެތައް ހާހަކުން މަރުވެ އެތަށް ލައްކަ ބަޔަކު ޒަޚަމްވެފައިވާ ކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ.
ވިއެޓްނާމް، އިރާގު އަދި އަފްޣާނިސްތާނުގައި އެމެރިކާއިން ކުރި ހަނގުރާމަތަކުގައި އެމެރިކާ ސިފައިން އެހާ ގިނަ އަދަދަކަށް މަރުވީ އެއްގަމުން ހަނގުރާމަ ކުރުމުގެ ސަބަބުންކަމަށާ އެމެރިކާ އީރާނަށް އެއްގަމުން އަރައި ހަނގުރާމަ ކުރާނަމަ މަރުވާ އެމެރިކާ ސިފައިންގެ އަދަދު ހާހުން ގުނާލެވޭނެކަމަށް ބެލެވޭކަމަށް މުހައްލިލުން ވިދާޅުވެއެވެ.
އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އީރާނުން ދިން ހަމަލާތަކެއްގައި އެމެރިކާ ސިފައިންގެ އެތަށް ބަޔަކު މަރުވެފައިވާނެކަމަށް ބެލެވޭކަމަށް ބުނިތާ ދެދުވަސް ވެފައިވަނިކޮށް އެމެރިކާގެ އަސްކަރިއްޔާއިން ރަސްމީ ގޮތުން އިއްޔެ އިއުތިރާފުވެފައިވަނީ އެމެރިކާގެ ސިފައިންގެ އެންމެ ދެމީހުން މަރުވެ އެކަކު ޒަޚަމްވިކަމަށެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެންމެ ފުރަތަމަ ބުނެފައިވަނީ އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ބަޔަކު ޒަޚަމްވިކަމުގައެވެ. އެއަށްފަހު ބުނެފައިވަނީ ޒަޚަމްވީ އެންމެ މީހެއްކަމަށާއި ދެމީހުން މަރުވިކަމުގައެވެ.
އީރާނުގެ ހަމަލާތަކެއްގައި އުރުދުންގައި ތިބި އެމެރިކާ ސިފައިންގެ ދެމީހުން މަރުވީ އުރުދުންގައި އެމެރިކާ ސިފައިން ނުތިބޭކަމަށާއި އަދި އެމެރިކާގެ އަސްކަރީ ބޭސްތައްވެސް އުރުދުންގައި ނެތްކަމަށް ތަކުރާރުކޮށް އުރުދުންއިން ބުނެފައިވަނިކޮށެވެ. އަދި އީރާނުން ފޮނުވާ ހުރިހާ މިސައިލެއް އެގައުމަށް އެތެރެވުމުގެ ކުރިން ވައްޓާލަމުންދާކަމަށް އުރުދުންގެ ސަރުކާރުން ބުނަމުންދަނިކޮށެވެ.
ގަލްފުގެ ގައުމުތަކުންވެސް ބުނަމުންގެންދަނީ އެގައުމުތަކުގައިވާ އެމެރިކާގެ ބޭސްތައް އީރާން އާ ދެކޮޅަށް ބޭނުންނުކުރާ ކަމުގައެވެ. ނަމަވެސް އީރާން ބުނާގޮތުން އީރާނަށް ޖާސޫސުކުރުމަށް އެމެރިކާ ފޮނުވާ ޑްރޯންތައް ފޮނުވަނީ ގަލްފުގެ ގައުމުތަކުގެ ބިމުގެ ބޭނުންހިފައިގެންނެވެ.
އީރާނުން ފޮނުވާ މިސައިލްތައް ޑިޓެކްޓްކުރާ ރާޑަރުތަކާއި އީރާނާ ދެކޮޅަށް އެމެރިކާ ދޭ ހަމަލާތައް އޮޕަރޭޓްކުރާ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތައް ހުންނަނީވެސް ގަލްފުގެ އަރަބި ގައުމުތަކުގައި ކަމަށް ބުނެ އީރާން ގެންދަނީ ގަލްފުގައިވާ އެމެރިކާގެ އަސްކަރީ ތަންތަނަށާއި އެމެރިކާ ސިފައިން ތިބޭ ހޮޓާ ފަދަ މަދަނީ ތަންތަނަށްވެސް ތަކުރާރުކޮށް ހަމަލާތައް ދެމުންނެވެ.
ގަލްފުގެ ގައުމުތަކާއި އުރުދުން އަދި އިރާގާއި ސޫރިޔާ ފަދަ އަރަބި ގައުމުތަކުގައި އެމެރިކާގެ އަސްކަރީ 22 ވަރަކަށް ބޭސް ގާއިމުކޮށްފައިވެއެވެ. ރިޕޯޓްތައް ބުނާގޮތުން މީގެ ތެރެއިން ގިނަތަންތަން މިހާރުވަނީ އީރާނުގެ ހަމަލާތަކުގައި ހަލާކުވެފައެވެ.
އީރާނުގެ މިސައިލް ހަމަލާތައް އެމެރިކާގެ ބޭސްތަކަށް ކުރިއަށްވުރެ ބޮޑަށް މިހާރު އަރަމުންދަނީ އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ ބައެއް ރާޑަރުތަކާއި އެންޓިޑިފެންސް ބެޓްރީތައް ހަލާކުވެފައިވުމުގެ ސަބަބުންކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ.
އެމެރިކާގެ ހަމަލާތައް މިހާރު ގެންދަނީ އީރާނުގެ ފެނުގެ ނިޒާމުތަކަށާއި ކަރަންޓު އުފައްދާ ތަންތަނަށްވެސް އަމާޒު ކުރަމުންނެވެ. މިގޮތުން އީރާނުގެ އިރުދެކުނު އައްސޭރިފަށުގެ ޕްރޮވިންސެއްކަމަށްވާ ހުރުމުޒުގާންގެ ފެން އުފައްދާ ޕްލާންޓަކަށް އެމެރިކާ ދިން ހަމަލާތަކެއްގައި އެތަން ހަލާކުވުމުގެ ސަބަބުން އެ ސަރަޙައްދުގެ ގާތްގަނޑަކަށް 10,000 މީހުން ބޯފެނަށް ޖެހިފައިވާ ކަމާއި އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ އެތަށް ސަރަހައްދުތަކުން ކަރަންޓްވެސް ކެނޑިފައިވާކަން އީރާނުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ރައްދުގައި އީރާންވަނީ ކުވައިތުގެ ކަރަންޓް އުފައްދާ ސްޓޭޝަނަކަށާއި ފެން އުފައްދާ ޕްލާންޓަކަށް ހަމަލާ ދީފައެވެ. މިކަމުގެ ސަބަބުން ކުވައިތުގައިވަނީ ބިރުވެރިކަން އުފެދިފައެވެ. ސަބަބަކީ ކުވައިތަކީ ފެނުގެ ޕްލާންޓުތައް ހަލާކުކޮށްލައިފިނަމަ ރައްޔިތުން އެއްކޮށް ފެނަށް ޖެހޭނެ ގައުމަކަށްވާތީއެވެ.
ގަލްފުގެ ގައުމުތަކުގައި ތިބޭ އެމެރިކާ ސިފައިންނަށްވެސް ފެނާއި ކަރަންޓް ފޯރުކޮށްދެނީ އެގައުމުތަކުގެ އާންމުންނަށްވެސް ފެނާއި ކަރަންޓް ފޯރުކޮށްދޭ ތަންތަނުން ކަމަށްވާތީ އީރާނުގެ ފެނާއި ކަރަންޓުގެ ވަސީލަތްތައް ހަލާކުކުރާނަމަ ގަލްފުގެ ހުރިހާ ގައުމުތަކުގެ ފެނާއި ކަރަންޓްގެ ވަސީލަތްތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ކުރިންވެސް އީރާންވަނީ ދީފައެވެ. އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ 50 މީހަކުވަނީ ޝަހީދުކޮށްލާފައެވެ.