އީރާނުގެ ހަމަލާއެއްގައި އަނެއްކާވެސް އެމެރިކާ ސިފައިންގެ މީހަކު މަރުވެއްޖެ

އީރާނުގެ ހަމަލާތަކަށް ފަހު ހޮނިހިރު ދުވަހު ކުވޭތުގެ މަންގަފްގައި ހުންނަ ތެޔޮ ފެސިލިޓީއެއް ކައިރީގައި ދުން އަރަނީ. ފޮޓޯ/ރޮއިޓާސް

އީރާނުން އިރާގުގެ އުތުރަށް ދިން ހަމަލާއެއްގައި އަނެއްކާވެސް އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އާދީއްތަ ދުވަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނީ ސިފައިންގެ މީހާ މަރުވީ ޖުލައި 18 ވަނަ ދުވަހު ކަމަށާއި އެ ހާދިސާގައި ސިފައިންގެ އެހެން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން މިހާތަނަށް ވަނީ 17 މީހުން މަރުވެފައެވެ.

ހުކުރު ދުވަހު އުރުދުންއަށް އީރާނުން ދިން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ދެ މެންބަރުން މަރުވެފައިވާއިރު، އިތުރު މީހަކު ވަނީ ގެއްލިފައެވެ. ސެންޓްކޮމް އިން އާދީއްތަ ދުވަހު ބުނީ އެތަނުން ކާކުކަން ނޭނގޭ ހަށިގަނޑުތަކެއް ފެނިފައިވާ ކަމަށާއި ހަށިގަނޑުތައް ދެނެގަތުމަށް ތަހުލީލުކުރުމުގެ މަރުހަލާއެއް ކުރިއަށްދާ ކަމަށެވެ.

އެމެރިކާއިން އީރާނަށް ހަމަލާ ދޭތާ ވިދިވިދިގެން އަށް ވަނަ ރޭ ފާއިތުވެފައިވާއިރު، ބަދަލުހިފުމުގެ ގޮތުން ގަލްފުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން އަންނަނީ މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޝާހިދުގެ ނަމުން މަޝްހޫރު އީރާނުގެ ޑްރޯންތައް ގާތްގަނޑަކަށް 30،000 ޑޮލަރަށް އުފައްދާއިރު، ހަމަލާތަކުގައި އެ ޑްރޯންތައް އުފައްދައި ބޭނުންކުރުމަކީ އީރާނަށް މާ އުނދަގޫ ކަމެއް ނޫނެވެ.

އެ ޑްރޯންތައް އަމާޒަށް ވާސިލުވިޔަނުދީ ވައްޓާލުމަށް އެތައް މިލިއަން ޑޮލަރެއް ހަރަދުވެއެވެ.

ފާއިތުވި ދުވަސްތަކުގައި އެމެރިކާއާއި އީރާނުން ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ސޮއިކުރި ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައެވެ. އަދި ދުނިޔޭގެ ހަކަތަ އުފުލާ މުހިންމު ހޮރުމުޒް ކަނޑުއޮޅި ކޮންޓްރޯލުކުރުމަށް ދެ ގައުމުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

ހަމަލާތައް ބަދަލުކުރަމުން އަންނައިރު، އިއްޔެ ހަމަލާ ދީފައި ވަނީ އީރާނުގެ ދެކުނުގެ ސިރިކް ސިޓީ ކައިރިއަށާއި އިރާގުގެ ބޯޑަރާއި ކައިރި ޝަޑެގަން ކައިރިއަށެވެ. ފަހުން އީރާނުގެ ހުޅަނގު ދެކުނުގައި އޮންނަ އަބާދާންގައި ގޮވުމެއް ގޮވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން ވެސް ދަރުހޮވިންގައި ހަދަމުންދާ ނިއުކްލިއާ މަރުކަޒު ހުރި ތަނަށް އެމެރިކާއިން ދިން ހަމަލާ ކުށްވެރިކޮށްފައިވާ ކަމަށް އީރާނުގެ މެހްރު ނޫސް އެޖެންސީން ބުނެފައިވެއެވެ. އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީން ބުނީ ހަމަލާއެއް ދިން ކަމަށް ރިޕޯޓްތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެންމެ ފަހުން ދިން ހަމަލާތަކަށް ރައްދުދީ އީރާނުން ވަނީ ކުވެއިތުގެ އަލް އަދީރީ ކޭމްޕާއި އަލީ އަލް ސަލީމް އެއާބޭސްގައި ހުރި އެމެރިކާގެ އަސްކަރީ މުދަލާއި ސާމާނުތަކަށް ޑްރޯން ހަމަލާތަކެއް ދީފައި ކަމަށް އީރާނުގެ ދައުލަތުގެ ޓީވީން ބުނެފައިވެއެވެ.

ކުވެތުގެ ސަރުކާރުން ބުނީ ޑިސެލިނޭޝަން ޕްލާންޓަކަށް ވިދިވިދިގެން ދެ ދުވަހު ދިން ހަމަލާތަކުގެ ސަބަބުން އަލިފާން ރޯވެފައިވާ ކަމަށާއި އެއީ މުހިންމު ސިވިލް އިންފްރާސްޓްރަކްޗާއަށް ދިން ހަމަލާއެއް ކަމަށެވެ.

ބަހްރެއިންގެ ވައިގެ ދިފާއީ ބާރުތަކުން ވެސް ހުކުރު ދުވަހު އީރާނުގެ ހަމަލާއެއް ހުއްޓުވި ކަމަށް ބަހްރެއިންގެ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފައިވާއިރު، އުރުދުންއަށްވެސް ވަނީ ހަމަލާދީފައެވެ.

comment ކޮމެންޓް