މާލޭގެ ބާރުބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރަން ސީޕީގެ އިލްތިމާސެއް

މާލެއާއި ބްރިޖް ހައިވޭގައި ފުލުހުން މަސައްކަތްކުރާނެ ޕްލޭން އިފްތިތާހުކުރުމަށް އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ/ ފުލުހުން

މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު މިހާރަށްވުރެ އިތުރުކޮށް، އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަޙުމަދު މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

ކޮމިޝަނަރު މިފަދައިން އިލްތިމާސްކުރެއްވީ މާލެއާއި ބްރިޖް ހައިވޭގައި ފުލުހުން މަސައްކަތްކުރާނެ ޕްލޭން އިފުތިތާހުކުރުމަށް އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ކޮމިޝަނަރު އިފުތިތާހުކޮށްދެއްވި "ޓްރެފިކް އެންހޭންސްމެންޓް ޕްލޭން" އަކީ މާލެއާއި ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރާ ފުލުހުން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓްގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން: މާލޭގެ ބާރުބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރަން ކޮމިޝަނަރު ވަނީ އިލްތިމާސްކުރައްވައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު ވަނީ، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން، ޓްރެފިކް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މިހާރު އިތުރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރު އިލްތިމާސްކުރެއްވީ މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމު ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ދިމާވާ ދަތިތައް ކުޑަކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމަށެވެ. މިއީ މަގުމަތީގެ ނިޒާމު ހަމަޖެއްސުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރުގެ އިލްތިމާސާ އެއްގޮތަށް، ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި މިހާރު ބަލަހައްޓާ ސަރަހައްދުތަކުގެ އިތުރުން، މާލޭގެ އިތުރު ސަރަހައްދުތަކުގައި ވެސް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމުގެ ޔަގީންކަން ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓުން ވަނީ ދީފައެވެ.

މީގެ އިތުރުން، ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް ވަރުގަދަކުރުމުގެ ގޮތުން، ކުރިއަށް އޮތްތަނުގައި މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އުޅަނދުތަކުން ތޮއްޖެހިފައިވާ މާލޭގައި އެކްސިޑެންޓުތައް ވަރަށް ގިނައެވެ. އެފަދަ އެކްސިޑެންޓުތަކުގައި ބޮޑެތި އަނިޔާތައް ލިބި، މީހުން މަރުވެފައި ވެސްވެއެވެ.

ފުލުހުންގެ ތަފާސްހިސާބަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. އެގޮތުން ފުލުހަށް ޖުމްލަ 6,782 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރޭގައި 1,702 އެކްސިޑެންޓް ހިމެނެއެވެ.

comment ކޮމެންޓް