ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓު ޒަމާނީކޮށް އާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރި ޑޭޝް-8 މަރުކާގެ ބޯޓެއް ރިޓަޔަކޮށްފިއެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި، އިއްޔެ ރިޓަޔަކޮށްފައިވަނީ "ޑީއެޗްސީ-8-300" މަރުކާގެ، ރަޖިސްޓްރީ ނަންބަރު 8Q-IAS (އެމްއެސްއެން 546) ބޯޓެވެ.
މި ބޯޓު ވަނީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އާރްއެފްޕީއަކަށްފަހު، އިއްޔެ ކެނެޑާއަށް ފުރާފައެވެ. މިއީ މޯލްޑިވިއަންގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ މުހިންމު ބަދަލެއްގެ ފެށުން ކަމަށާއި، މިއީ ޒަމާނީ އަދި ދެމެހެއްޓެނިވި ފްލީޓެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ބޯޓަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުފަތުރުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ބޯޓެކެވެ. މޯލްޑިވިއަން އިން ބުނި ގޮތުގައި، މި ބޯޓު ވަނީ 14 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ ކުންފުންޏަށް ޚިދުމަތްދީފައެވެ.
މި މުއްދަތުގެ ތެރޭގައި 29،000 އަށްވުރެ ގިނަ ފްލައިޓް ގަޑިއިރު ފުރިހަމަކޮށް، 37،000 އަށްވުރެ ގިނަ ފްލައިޓް ސައިކަލް ވަނީ ފުރިހަމަކޮށްފައެވެ.
ކެނެޑާއަށް މި ބޯޓު ފުރާފައިވާއިރު، މިއީ ބޯޓު އުފެއްދިތާ 26 އަހަރު ފަހުން، އޭގެ އަސްލު އުފެއްދުންތެރިޔާ ކަމަށްވާ "ޑި ހަވިލޭންޑް ކެނެޑާ" އާ ހަވާލުކުރުމަށް ކުރާ ދަތުރެއް ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.
މޯލްޑިވިއަންގެ ފްލީޓު އާކުރުމުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ގިނަ ދުވަސްވެފައިވާ ޑޭޝް-8 މަރުކާގެ ބޯޓުތައް ބޭނުންކުރުން ހުއްޓާލައި، އޭގެ ބަދަލުގައި ޒަމާނީ އޭޓީއާރް މަރުކާގެ ބޯޓުތައް ފްލީޓަށް އިތުރުކުރުމެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް އިޔާސް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ޑޭޝް-8 މަރުކާގެ ބޯޓުތައް އުފެއްދުން 2009 ނުވަތަ 2010 ހާ ތާނގައި ހުއްޓާލާފައިވުމާއެކު، އެ ބޯޓުތައް މެއިންޓެއިން ކުރުމުގެ ޚަރަދު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި މިހާރު ބޭނުންކުރާ ޑޭޝް-8 ބޯޓުތަކަކީ 25 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބޯޓުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން، އޭޓީއާރް ބޯޓުތަކަށް ބަދަލުވުމަކީ ކުންފުނީގެ ދެމެހެއްޓެނިވިކަމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އާ ބޯޓުތަކާއެކު އެތެރޭގެ އުދުހުންތަކުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލަށް ގެންނަ އޭޓީއާރް ބޯޓުތަކަކީ ޑޭޝް-8 ބޯޓުތަކާ އަޅައި ބަލާއިރު، ފަސިންޖަރުންނަށް ހިތްފަސޭހަ، ތެލުގެ ޚަރަދު ކުޑަ، އަދި ތިމާވެއްޓާ ރައްޓެހި ބޯޓުތަކެއް ކަމަށް މޯލްޑިވިއަން އިން ބުނެފައިވެއެވެ. މި ބަދަލާއެކު ދަތުރުތަކުގެ އިތުބާރު ބޮޑުވެ، އޮޕަރޭޝަނަލް ޚަރަދުތައް ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ. މޯލްޑިވިއަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި މުޅިން އާ އޭޓީއާރް ބޯޓުތައް ބޭނުންކޮށްގެން އެތެރޭގެ އުދުހުންތަކުގެ ފެންވަރު މަތިކުރުމެވެ.
މިހާރުވެސް އެ ކުންފުނީގެ ފްލީޓުގައި އޭޓީއާރް މަރުކާގެ ފަސް ބޯޓު އޮޕަރޭޓުކުރަމުންދާއިރު، އިތުރު ދެ ބޯޓު ގެނައުމަށް ވަނީ އޯޑަރުދީފައެވެ. އޭގެ ތެރެއިން ފުރަތަމަ ބޯޓު މިއަހަރުގެ ފަހުކޮޅު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ ބޯޓު އަންނަ އަހަރުގެ ފަހުކޮޅު ގެނައުމަށް ވަނީ ތާވަލުކޮށްފައެވެ.