ރަށްވެހި ޚިދުމަތްތަކާ ގުޅޭ ޝަކުވާތަކާއެކު ކައުންސިލުން އެޗްޑީސީއަށް: ''މަޝްވަރާކުރަން ފުރުސަތު ނުދިން''

މާލޭ ސިޓީގެ ކައުންސިލަރުންނާއި މޭޔަރު ޢާޒިމް މެންބަރުން އެޗްޑީސީގެ ބޭރުގައި ---- ފޮޓޯ: ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ރަށްވެހި ޚިދުމަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ހުޅުމާލޭގެ ބެލެނިވެރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނުދިން ކަމަށް، ކައުންސިލުން މިއަދު ބުނެފިއެވެ.

ކައުންސިލުން ބުނީ، ހުޅުމާލޭ ރައްޔިތުންނަށް ދޭން ޖެހޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ޚިދުމަތް ދިނުމުގައި އެޗްޑީސީން އިހުމާލުވަމުންދާ ކަމަށެވެ. އެހެންވެ އެކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރާ ބައްދަލުކުރައްވަން މޭޔަރު އާދަމް ޢާޒިމާއި ކައުންސިލަރުން އެދިވަޑައިގެންނެވި ނަމަވެސް އެޗްޑީސީން އެ ފުރުސަތު ނުދިން ކަމަށް، ކައުންސިލުން ބުންޏެވެ.

ޢާޒިމާއި ކައުންސިލަރުން އެޗްޑީސީއަށް ވަޑައިގަތީ ކައުންސިލުން ބުނި ގޮތުގައި، ހުޅުމާލޭ ވިނަރެސް ފުލެޓުތަކާއި އެފްޑީސީގެ ފުލެޓުތަކާއި ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެޗްޑީސީން ފަރުވާކުޑަކުރަމުންދާ ކަމުގެ ޝަކުވާތައް ލިބުމާ ގުޅިގެންނެވެ.

މިކަމާ ގުޅޭ ގޮތުން ޢާޒިމް ވިދާޅުވީ، މި މައްސަލަ ހައްލުވަންދެން ކައުންސިލުން އެޗްޑީސީއަށް ދިއުން ހުއްޓާނުލާނެ ކަމަށެވެ.

"އެޗްޑީސީގެ އެމްޑީއާ ބައްދަލުކުރަން ދިޔައީ ފްލެޓްތަކުގައި ދިރިއުޅުއްވާ ރައްޔިތުންނަށް މުނިސިޕަލް ޚިދުމަތްތައް ނުލިބޭ މައްސަލަ ކައުންސިލަށް ހުށަހެޅުމުން އެކަމާ މަޝްވަރާކުރުމަށް. ނަމަވެސް އެ ފުރުސަތު ނުލިބުނު. މިއަދު ފުރުސަތު ނުލިބުނަސް، މި މައްސަލަ ހައްލުވަންދެން އެޗްޑީސީއަށް ދާނަން،" ޢާޒިމް ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުން މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

https://sun.mv/212266

ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތެއް ކައުންސިލްގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުން އެންމެ ފުރަތަމަ ވާހަކަދެކެވުނީ 2022ވަނަ އަހަރުގެ ކުރީކޮޅު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރެވެ. ކައުންސިލުން އޭރު ވަނީ، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ ހަވާލުވުމަށް ރައީސް އޮފީހަށް ޕްރޮޕޯސަލް ހުށަހަޅަން ނިންމައިފައެވެ.

މި ސަރުކާރު ހަވާލުވިތާ ތިން ދުވަހުގެ ތެރޭ، ހުޅުމާލެ ހިމެނޭހެން މާލެއާއި ވިލިމާލޭގެ ހުރިހާ މުނިސިޕަލް ޚިދުމަތްތަކެއް ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށައި، އެކަމާ ގުޅޭ އެމްއޯޔޫގައި މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ހަތަރުވަނަ ދުވަހު ސޮއިކުރިއެވެ.

އޭރު ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އެމްއޯޔޫގެ ދަށުން އިދާރީ ދާއިރާތައް ލާމާރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނޫގެ ތެރެއިން އެޗްޑީސީއިން ދެމުންދާ ރަށްވެހިކަމުގެ ޚިދުމަތްތައް، އެ ދުވަހުން ފެށިގެން އެއް މަސް ދުވަސް ތެރޭ ހުއްޓައިލަންވާނެ ކަމަށެވެ.

ނަމަވެސް ހުޅުމާލޭގެ ރަށްވެހިކަމުގެ ޚިދުމަތްތައް އަދިވެސް ކައުންސިލުގެ ދަށަށް ބަދަލުކޮށްފައި ނުވެއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުނިސިޕަލް ޚިދުމަތްތަކުގައި އެޗްޑީސީން އިހުމާލުވަމުންދާ ކަމަށް ބުނެ، އެ މައްސަލަތަކަށް ހައްލެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ މަސައްކަތް ފަށައިފައެވެ. މިގޮތުން މޭޔަރު އާދަމް އާޒިމް އަދި ކައުންސިލަރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރެއްވުމަށް ވަޑައިގަތުމުން، އެ ފުރުސަތު ދީފައިނުވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. މި މައްސަލައަކީ ހުޅުމާލޭގެ އެކި ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ރަށްވެހިކަމުގެ ޚިދުމަތްތައް ނުލިބޭތީ އުފެދިފައިވާ މައްސަލައެކެވެ. މޭޔަރު އާޒިމް ވިދާޅުވެފައިވަނީ، ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ލިބެންދެން އެޗްޑީސީއަށް ދިއުން ކައުންސިލުން ހުއްޓާނުލާނެ ކަމަށެވެ. މީގެ އިތުރުން، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލާ ހަވާލުކުރުމަށް ސަރުކާރުން ނިންމައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް، އެ މަސައްކަތް އަދިވެސް ވަނީ މަޑުޖެހިފައެވެ.

  • ހުޅުމާލޭގެ ރަށްވެހި ޚިދުމަތްތަކާމެދު މަޝްވަރާކުރުމަށް ކައުންސިލަށް އެޗްޑީސީން ފުރުސަތު ދީފައެއް ނުވެއެވެ.
  • އެޗްޑީސީން މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި ފަރުވާކުޑަކުރާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
  • މައްސަލަ ހައްލުވަންދެން އެޗްޑީސީއަށް ދިއުން ހުއްޓާނުލާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.
  • ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތް އޮތީ މަޑުޖެހިފައެވެ.
comment ކޮމެންޓް