ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި އުޅޭ ތިން ކުއްޖަކު މާރާމާރީއެއް ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކާ ގުޅޭގޮތުން ރޭ ހިނގި ކަމަށް ރިޕޯޓުކޮށްފައިވާ ހާދިސާއަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެ ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގިކަމަށް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
ހޯރަފުށީ ކައުންސިލުގެ ރައީސް މުޙައްމަދު އަފްސާމް 'ސަން'އަށް ރޭ ވިދާޅުވީ އެ ރަށު ހާފްވޭ ހައުސްގައި އުޅޭ ތިން ކުއްޖަކާއި ގޮނޑުދޮށުގައި މަސް ބާނަން ހުރި މީހަކާ ދެމެދު ޒުވާބެއް ހިނގި ކަމަށެވެ.
އަދި މައުލޫމާތު ލިބޭ ގޮތުން ނަމަ މަސް ބާނަން ހުރި މީހާ ފިލަން އުޅުނު ވަގުތު ހާފްވޭ ހައުސްގައި އުޅޭ ތިން ކުދިން އޭނާއާ މާރާމާރީ ހިންގީ ކަމަށް އަފްސާމް ވިދާޅުވިއެވެ.
"ދެން މިހާރު އެ ކުއްޖާ (މަސް ބާނަން ހުރި މީހާ)އަށް ހޮސްޕިޓަލުގައި ފަރުވާދީ އިތުރު ފަރުވާއަށް ރަށުން ބޭރަށް ގެންދާ ކަހަލަ އަޑުތަކެއް އިވެނީ،" އޭނާ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި މި މައްސަލައާ ގުޅިގެން ހޯރަފުށީ ހާފްވޭ ހައުސް ކައިރިޔަށް އެއްވެ ގިނަ ބަޔަކު ރޭ އިހުތިޖާޖުކުރިއެވެ.
ވީޑިއޯއާއެކު ކުރި ޕޯސްޓުގައި ވަނީ، މާރާމާރީގައި އަނިޔާވި މީހާ އޮތީ ފަޅު ގެއެއްގެ ތެރެއަށް އެއްލައިލައިފައި ކަމަށެވެ.